22 އެޕްރީލް 2020 - 21:21

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ސިއްހަތަށް ގެއްލުން ނުލިބޭނެ ގޮތަކަށް ކެއުން ބެހެއްޓުމަށް ޑޮކްޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވީ ކުރީގެ ރޯދަ މަސްތަކުގައި، ތެލުލާފައި ހުންނަ އެއްޗެހި ގިނައިން ކެއުމުގެ ސަބަބުން ސިއްހީ މައްސަލަތައް ވަރަށް ގިނައިން ދިމާވި ކަމަށެވެ. ހާއްސަކޮށް، ގެސްޓްރިކް މައްސަލަ ދިމާވެ ފަރުވާދޭން ޖެހޭކަން ފާހަގަކުރެއްވި އެވެ.
މުރާދު ވިދާޅުވީ މިފަހަރުގެ ރޯދަ މަހު ވެސް ތެލުލާފައި ހުންނަ އެއްޗެހި ގިނައިން ބޭނުންކުރުމަކީ ހޮސްޕިޓަލަށް ދިއުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ހޮސްޕިޓަލް ފަދަ ތަންތަނަށް ޒިޔާރަތްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ، ސިއްހީގޮތުން ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމަށާއި ކާނާ ބޭނުންކުރިކަމުގައި ވެސް މެދު މިންވަރު ހިޔާރުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"....ސިއްހީގޮތުން ފައިދާހުރި ރަނގަޅު ކާނާ ރޯދަ މަހު ބޭނުންކުރުން އަދި ކާނާ ބޭނުންކުރުމުގައި ވެސް މެދު މިންވަރު ހިޔާރުކޮށްގެން، ކާނާ އިސްރާފުނުވާނެ ގޮތަށާއި އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހަތަށް ވެސް އުނދަގޫ ނުވާނެ ނުވަތަ ސިއްހަތަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކެއުން ބެހެއްޓުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް،" އަންނަ ހުކުރު ދުވަހު ފަށާ މި އަހަރުގެ ރޯދަ މަހާ ބެހޭގޮތުން މުރާދު ވިދާޅުވި އެވެ.
އޭނާ ވަނީ ޒަރޫރީ ބޭނުމެއްގައި ފިހާރައަށް ދާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުމަށް އިލްތިމާސްކުރައްވައިފަ އެވެ. ވިޔަފާރީގައި އުޅޭއިރު ގިނަ އެއްޗެހީގައި އަތްނުލުމާއި ބޭރަށް ދާއިރު މާސްކް އުޅުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.
ވިޔަފާރިކޮށްގެން ނުވަތަ ޑެލިވަރީކޮށްގެން ގެންނަ އެއްޗެހި ވެސް ޕެކިން ނައްޓުވާ ލެވޭ ކަމުގައިވާ ނަމަ އެ އެއްލާލައި އަތް ދޮވުމަކީ މުހިއްމު ކަމެއްކަމަށާއި އެ އެއްޗެހި ނަގައި ގޭގައި ހުންނަ ކޮންޓެއިނާތަކަށް ބަދަލުކުރުމަށް ފަހު ވެސް އަތް ދޮންނަން ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
މުރާދު ވިދާޅުވީ ތަރުކާރި އާއި މޭވާ ފަދަ އެއްޗެހި ރަނގަޅަށް ދޮވުމަށްފަހު ފްރިޖަށް ލެވޭނެ ކަމަށެވެ. އެ ވަގުތަކު ބޭނުންކުރަން ނުޖެހޭނަމަ މަސް ވެސް ގަނޑުކުރާ ބަޔަށް ބަދަލުކުރެވޭނެ ކަމަށާއި ހުރިހާ އެއްޗެއް ކްލޮރިން އަޅައިގެން ދޮންނާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.