25 އެޕްރީލް 2020 - 09:57

މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކުން ނުފެންނަ ބޮލީވުޑްގެ ބަތަލާ ލާރާ ދައްތާ ކުޅުނު ވެބް ސީރީޒް "ހަންޑްރެޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ދެހާސް ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ވެސް ހާސިލުކުރި ބަތަލާ ސީރީޒްގައި ފެންނާނީ ވަރަށް ވަރުގަދަ ފުލުހެއްގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ސޯމިއާ ޝުކްލާ އެވެ.
"ހަންޑްރެޑް" ގައި ދައްކުވައިދޭނީ މުމްބާއީގެ ނެއިބަހުޑެއްގައި އުޅޭ ނުޒޫފު ގަދަ އަންހެނަކާއި އޭނާއާ ގުޅިފައިވާ މީހުންނާއި އަންހެން ފުލުހަކާ މެދު ހިނގާ ކުރިމަތިލުންތަކެއްގެ ތެރޭގައި ހިނގާ މަޖާ ކަންތައްތަކެވެ.
މީގެ ކާސްޓުންގެ ތެރޭގައި ކަރަން ވާހީ، ސުދާންޝޫ ޕާންޑޭ، ރިންކޫ ރާޖްގްރޫ، ޕަރްމީތު ސޭތީ، ރޯހިނީ ހަތަންގިޅީ، އަރުން ނަލޯޑޭ އަދި މަކަރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ.
"ޑޮން" އާއި "އަންދާޒް" އަދި "ހައުސްފުލް" އާއި "ޕާޓްނާ" ފަދަ ފިލްމުތައް ކުޅުނު ލާރާ، 42، ބުނީ އޭނާ "ހަންޑްރެޑް" ކުޅެން އެއްބަސްވީ މިހާތަނަށް އަދި އެއްވެސް އެއްޗެއްގައި ފުލުހެއްގެ ރޯލް ކުޅެފައިނުވާތީ އެވެ. އަދި ސީރީޒުން ފެނިގެންދާ ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބެލުންތެރިންނަށް "ހަންޑްރެޑް" ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.
"އަހަރެން އަސްލު މިޒާޖާ މުޅިން ތަފާތުކޮށް މީގައި ފެނިގެންދާނީ." މިއީ މަސާލާ އެންޓަޓައިނާއެއްގެ ގޮތުގައި ސިފަކުރަމުން ލާރާ ބުންޏެވެ.
ތިން މީހަކު ހިއްސާވާ "ހަންޑްރެޑް" ޑައިރެކްޓްކޮށްފައި ވަނީ ރޫޗީ ނާރައިން އާއި އަޝުތޯޝް ޝާހްގެ އިތުރުން ތާހެރް ޝައްބީރެވެ. ޖުމްލަ އަށް އެޕިސޯޑް ހިމެނޭ މި ސީރީޒް މި މަހުގެ 25 އިން ފެށިގެން ދައްކަން ހަމަޖެހިފައި ވަނީ ޑިޒްނީ+ހޮޓްސްޓާ ވީއައިޕީންނެވެ.