މިރޭ ހަނދެއް ނުފެނޭ، މުލަ ރޯދަ ދުވަހަކީ ހުކުރު
މިރޭ ހަނދެއް ނުފެނޭ، މުލަ ރޯދަ ދުވަހަކީ ހުކުރު

މާދަމާ އަކީ މި ހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަސް ފެށޭނީ އަންނަ ހުކުރު ދުވަހު ކަމަށް ކަނޑައަޅައި މިރޭ އިއުލާނުކޮށްފި އެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެ ބޭރަށް ނުކުމެ އުޅުން ރައްކާތެރި ކަމަށް ނުވާތީ، ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާ އަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އިއުލާނުކުރެއްވި ގޮތުގައި ރަމަޟާން މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ރަށަކަށް މިއަދު ފެނިފައެއް ނުވެ އެވެ. އަދި މިއަދުގެ އިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަކަށް އިތުބާރު ހުރި ފަލަކީ ހިސާބަކުން ވެސް ނުދައްކަ އެވެ.

މިނިސްޓަރު އިއްވެވި ބަޔާނުގައި ވިދާޅުވީ "ހިޖްރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވާ ބުދަ ދުވަހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައި ނުވާތީ" ރާއްޖޭގައި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގައި އަމަލުކުރާ އުސޫލުގެ ދަށުން މާދަމާ އަކީ ޝައުބާން މަހުގެ 30 ކަމަށް ކަނޑައެޅީ އެވެ.

އެހެންވެ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މި ހިނގާ އޭޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސް ކަމަށް ވަނީ އިއުލާނުކުރައްވައިފަ އެވެ.

ރޯދަމަހުގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތް އެދި ހެޔޮކަންތައްތައް ގިނަ ކުރުމަށް އިސްލާމިކް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

މި އަހަރުގެ ރަމަޟާން މަހާ ކުރިމަތިލާއިރު މިއީ އިސްލާމީ ގިނަ ގައުމުތަކުގެ ތާރީހުގައި ވެސް ދެކެފައި ނުވާ ފަދަ ހިތްދަތި ރޯދަ މަހެކެވެ. މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ނުރައްކަލާ ހެދި މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. މައްކާގެ ހަރަމްފުޅު ވެސް އާންމުންނަށް ބަންދުކޮށްފައި ވާއިރު ރަމަޟާން މަހުގެ ތަރާވީހް ނަމާދު ވެސް ޖަމާއަތަކު ނުކުރާނެ އެވެ. މައްކާ އާއި މަދީނާގައި ވަނީ ހަރަމްފުޅުގައި އިއުތިކާފަށް ވެސް ނުތިބެވޭނެ ކަމަށް އަންގައިފަ އެވެ.

ނުރައްކާތެރި ކޮރޯނާވައިރަހަކީ ގައިގޯޅިވެ އުޅުމުން ފަސޭހައިން އަރާ ވައިރަހަކަށް ވާތީ، އެތައް ބަޔަކު އެއްވެގެން ބާއްވާ ރޯދަ ވީއްލުންތައް ވެސް މިފަހަރު ކުރިން އޮންނަ ގޮތަކަށް ނޯންނާނެ އެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި މި ހިނގާ ޝަޢުބާން މަހުގެ ހަނދު އުފަންވެފައިވަނީ، ހުސްވި މާޗު 24 ވަނަ ދުވަހު ރާއްޖޭ ގަޑިން 14:28ގަ އެވެ. އެހެންވެ، މިއަދުގެ އިރު އޮއްސޭއިރު ޝަޢުބާން މަހުގެ ހަނދުގެ އުމުރަކަށް ވާނީ، 29 ދުވަހާއި ތިން ގަޑިއިރާއި 43 މިނެޓެވެ. މިއަދަކީ ޝަޢުބާން މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ރަމަޟާން މަހުގެ ހަނދު އުފަންވެއްޖެ ނަމަ އެވެ.

މިޒަމާނުގެ މުޖައްރިބު ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން، ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް މިއަދު ހަނދު އޮއްސޭނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން، ވެރިރަށް މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 23 މިނެޓް ކުރިން އަދި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް، މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.