ޗެލްސީ އަށް ގްރޮންކެއާ ޖަހައިދިން އެއް ބިލިއަން ޕައުންޑުގެ އަގުހުރި ލަނޑު!
ޗެލްސީ އަށް ގްރޮންކެއާ ޖަހައިދިން އެއް ބިލިއަން ޕައުންޑުގެ އަގުހުރި ލަނޑު!

ކުރިން އިންގްލެންޑުގެ އާދައިގެ ކްލަބެއްގެ ގޮތުގައި އޮތް ޗެލްސީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރަކަށް ވެގެންދިޔައީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗް މީގެ 13 އަހަރު ކުރިން އެ ކްލަބް ގަތުމުންނެވެ. އެކަމަކު ޗެލްސީ އަކީ އަބްރަހަމޮވިޗުގެ ފުރަތަމަ ޗޮއިސް އެއް ނޫނެވެ. އޭނާ ޗެލްސީ ގަންނަން މެދުވެރިވީ ކޮން ކަމެއް ހެއްޔެވެ؟

ޗެލްސީ އަށް ގްރޮންކެއާ ޖަހައިދިން އެއް ބިލިއަން ޕައުންޑުގެ އަގުހުރި ލަނޑު!
ޗެލްސީ އަށް ގްރޮންކެއާ ޖަހައިދިން އެއް ބިލިއަން ޕައުންޑުގެ އަގުހުރި ލަނޑު!

ސިޔާސީ ކެރިއަރު ދޫކޮށްލުމަށް ފަހު އުމުރުން 49 އަހަރުގެ އަބްރަމޮވިޗް ފުޓްބޯޅަ އަށް ޝައުގުވެރިކަން އުފެދުނު ހިސާބުން އޭނާ އައީ އިންގްލެންޑުގެ ކްލަބެއް ގަންނަން މަސައްކަތްކުރަމުންނެވެ. އޭނާ ފުރަތަމަ މަސައްކަތްކުރީ 2001 ވަަނަ އަހަރު ލީޑްސް ޔުނައިޓެޑް ގަންނާށެވެ. އެ ކްލަބުން އެއްބަސްނުވުމުން އޭގެ ދެ އަހަރު ފަހުން އަބްރަމޮވިޗް ފުރަތަމަ މަޝްވަރާކުރީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ. އެ ކްލަބުން ވެސް އެއްބަހެއް ނުވި އެވެ.

ދެން އޭނާ މަސައްކަތް ފެށީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާ މަޝްވަރާކުރާށެވެ. ޔުނައިޓެޑުން ނޫނެކޭ ބުނި ނަމަވެސް، ލިވަޕޫލުން މަޝްވަރާތަކަށް ތައްޔާރުވި އެވެ. އެކަމަކު 2002/2003 ގެ ސީޒަނުގެ ފަހު މެޗުން ލިވަޕޫލް އަތުން 2-1 އިން ޗެލްސީ މޮޅުވެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމާ އެކު އަބްރަހަމޮވިޗް ޗެލްސީ ގަންނަން ނިންމައި ލިވަޕޫލާ މަޝްވަރާތައް ހުއްޓާލި އެވެ.

ލިވަޕޫލް އަތުން މޮޅުވެ ޗެލްސީ ޗެމްޕިއަންސް ލީގަށް ގެންގޮސްދިން ލަނޑު ކާމިޔާބު ކޮށްދިނީ ޑެންމާކްގެ ވިންގް ހެސްޕަ ގްރޮންކެއާ އެވެ. އެ ގޯލާ އެކު އަބްރަހަމޮވިޗް ޗެލްސީއާ ހަވާލުވެ 1.5 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު ގްރޮންކެއާ އެ ލަނޑަކީ މިހާރަށް ބަލާއިރު ޗެލްސީ އަށް އެއް ބިލިއަން ޕައުންޑަށް ވުރެ އަގު ހުރި ލަނޑެކެވެ.

"އަހަރެން ހަނދާން ހުރޭ ލިވަޕޫލާއި ޗެލްސީ 2002-2003 ވަނަ އަހަރު ކުޅުނު މެޗަށް އަބްރަމޮވިޗް ގޮސްހުރިއިރު ދެއްކި ވާހަކަ. އެ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ އެ ޓީމު ގަންނާނެ ކަމަށް އަބްރަމޮވިޗް ބުނި. އަބްރަމޮވިޗް ބޭނުންވީ ޗެލްސީ އަކީ ޔޫރަޕްގެ ވަރުގަދަ ބާރަކަށް ހަދަން އޭނާ އެކަން ކާމިޔާބު ކޮށްފި،" އަބްރަމޮވިޗް އިނގިރޭސި ކްލަބްތަކާ މަޝްވަރާކުރިއިރު އޭނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ޕިނީ ޒަހާވީ ބުންޏެވެ.

އަބްރަމޮވިޗް ބޮޑު ހަރަދުކޮށް ޗެލްސީގެ ތާރީހުގައި ކުރިން ނުލިބޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދައިދީފި އެވެ. ފަންސާސް އަހަރަށް ފަހު އިނގިރޭސި ލީގު ޗެލްސީން ހޯދި އެވެ. އަދި އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ޔޫރޮޕާ ލީގު ވެސް ވަނީ ހާސިލްކޮށްފަ އެވެ.

ޗެލްސީން 21 ވަނަ ގަރުނުގައި ހޯދި އެންމެ ބޮޑު ކާމިޔާބީގެ ފަހަތުގައި ގްރޮންކެއާ ޖެހި ލަނޑުގެ ދައުރު ބޮޑެވެ. ގްރޮންކެއާ ބުނީ އެއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ހާއްސަ ދުވަހެއް ކަމަށެވެ.

"މެޗުގެ ކުރިން ކްލަބުގެ ތެރޭގައި ވަރަށް ގިނަ ވާހަކަ ދެކެވުނު. ކްލަބަށް ބޮޑު ބަދަލުތަކެއް އަންނަ ވާހަކަ ވެސް ދެކެވުނު. އެކަމަކު ކުޅުންތެރިން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ. އަމާޒުހިފީ އެ މެޗުން މޮޅުވެ ޖެހިގެން އައި އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން. އެކަން ހާސިލްކުރެވުނީ އަހަރެންގެ ލަނޑަކުން. އެއީ ފުޓްބޯޅަ ކެރިއަރުގެ އެންމެ ހާއްސަ ވަގުތުކޮޅު،" އަބްރަމޮވިޗާ އެކު ޗެލްސީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ހެދި ޑޮކިއުމެންޓްރީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.