ކޮވިޑް-19 އަށް ޓެސްޓްކުރާ އުސޫލު ބަދަލުކުރުމަށް ފަހު އިއާދަކޮށްފި
ކޮވިޑް-19 އަށް ޓެސްޓްކުރާ އުސޫލު ބަދަލުކުރުމަށް ފަހު އިއާދަކޮށްފި

ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކޮންޓެކްޓުން ކަނޑައެޅުމުގެ އުސޫލަށް ބަދަލެއް ގެނައުމަށް ފަހު ކުރިން އޮތް ގޮތަށް އެކަން އިއާދަކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

ހއ.އުލިގަމުން ކޮވިޑް-19 އަށް ؛ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ބައެއް މީހުންގެ ސާމްޕަލް ނަގާފައި ނުވާތީ ނޫސްވެރިން އިއްޔެއިން ފެށިގެން އައީ ސުވާލު ކުރަމުންނެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އުލިގަމު ކޭސްގެ ކޮންޓެކްޓްސްގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް ނެގުން ލަސްވީ ސާމަޕްލް ނެގުމުގައި އަމަލުކުރާ އުސޫލަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެެވެ. އޭނާ ވިދާޅުވީ ކުރިން އަމަލުކުރަމުން އައި އުސޫލަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ އެއީ ލޯ ރިސްކް ކޮންޓެކްޓަކަށް ވިޔަސް ސާމްޕަލް ނެގުން ކަމަށެވެ.

"މި ދެ ދުވަހެެއްގެ ތެރޭގައި މިއައި ސާޖާ އެކީގައި އަޅުގަނޑުމެން ނިންމީ، ޓެގްގެ އެޑްވައިސްއަކަށް ލިބުނީ އަޅުގަނޑުމެން އެޗްޕީއޭގެ ފަރާތުން މިމަސައްކަތްކުރާ ޓީމުން ފޯކަސް ކުރަން ޖެހޭނީ ހައި ރިސްކް ކޮންޓެކްޓްސް އަށް ކަމަށް އައި އޭގެ ތެރެއިން ވެސް ފޯކަސް ކުރަން ވާނީ ސިމްޕްޓަމެޓިކް (އަލާމާތްތައް ފެންނަ) މީހުންގެ ސާމްޕަލްތައް ނެގުމަށް ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެކަމަކު ކުރިން އޮތް ގޮތަށް އުސޫލު ބަދަލުކޮށް ހުރިހާ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމަޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. އުލިގަމު ކޭސްގެ ކޮންޓެކްޓުން ތބީ އެ ރަށާއި ހިރިމަރަދޫގަ އެވެެ. އެ ދެރަށުގައި ވެސް ސާމަޕް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ހުންނާނެ ކަމަށާއި ސާމްޕަލް ނަގަން މިހާރު އަންގާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮންޓެކްޓްވާ މީހުންގެ ސާމްޕަލް ނެގުމުގެ އުސޫލު ބަދަލުކުރުމަށް ފަހު އެހާ އަވަހަށް ބަދަލުކުރީ ކީއްވެތޯ "މިހާރު"ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ކުއްލިއަކަށް އަދަދުތައް އިތުރުވާ ހާލަތުގައި އިސްކަންދޭނެ ފަރާތްތައް ކަނޑަ އެޅުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. ސާމްޕަލް ނެގުމުގެ އުސޫލަށް ބަދަލު ގެންނަން ޓެގުން ލަފާދިނީ އެހެންވެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާޖް އަންނަ ވަގުތުގައި ނޫނިއްޔާ އެއްވެސް ވަރަކަށް އޯވަވެލްމްވާ ހިސާބަކަށްދާ ހާލަތުގައި ޓެމްޕެރަރީކޮށް ނަމަވެސް އަންނާނެ ޕްރަޔޮރަޓައިޒޭޝަން އިޝޫއެއް [ކުއްލި އިތުރުވުމެއް އަންނަ ވަގުތުގައި ނޫނިއްޔާ ކުރެވޭ ވަރަށް ވުރެ މަސައްކަތް ގިނަވާ ހިސާބަކަށް ދާ ހާލަތުގައި އަންނާނެ އިސްކަންދޭ ތަރުތީބުގެ މައްސަލައެއް]،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ހަމައަކަށް އެޅި މިހާރު އަލުން އަރައި ހަމަކުރެވެމުން އަންނަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ބުދަދުވަހު މާލެއިންް ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން މިހައިތަނަށް ކޮންޓެކޓް ހޯދުނު އަދަދުތައް ޑރ. އަފްޒަލް މިއަދު ވިދާޅުވެ ދެއްވި އެވެ. އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހައިތަނަށް ނުނިމި ވަނީ ކޭސް 72، 83 އަދި 86 ގެ ކަމަށެވެ. އެގޮތުން މިހައިތަނަށް 2،391 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް އޭނާ ވިދާވި އެވެ.

-15 އޭޕްރިލް - 197

16- އޭޕްރިލް -348

18-އޭޕްރިލް -139

19- އޭޕްރިލް -939

20- އޭޕްރިލް- 334

21-އޭޕްރިލް- 414

22-އެޕްރިލް -20