22 އެޕްރީލް 2020 - 18:47

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ގޮތަށް ވަޒީރުންނާއި އެކި އިދާރާތަކުގެ ބައިވެރިވުން ބޮޑު ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެންއީއޯސީގައި ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އިސްވެރިންގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެކި ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތަފްސީލްތައް ރައީސް ކޮންމެ ދުވަހަކު ބައްލަވައި އިރުޝާދު ދެއްވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެންއީއޯސީ ތެރެއިން އޮޕަރޭޝަން ހިނގަނީ އެކި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެ މަސައްކަތް ލީޑުކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދަށުން ކަމަށާއި އެ ދެ ތަން ހިމެނެނީ ޑިފެންސް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.
މި އޮޮޕަރޭޝަންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިސް ރޯލެއް އަދާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މި ހާލަތުގައި ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކަށް ނައިބު ރައީސް އިސްވެ ސޯޝަލް ކައުންސިލުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ހިދުމަތްތައް ހުއްޓުމެއްނެތި އެ ލިބެންޖެހޭ މީހުންނަށް ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ކުލި ނުދެއްކިގެން ގެއިން ނެރުނު ބަޔަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގެ ކުނީގެ މައްސަލަ އެންވަޔަރްމަންޓް މިނިސްޓްރީން ބަލަހަދަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ކުރަންޖެހޭ މީހުން ބައިތިއްބާނެ ތަންތަން ހަމަޖެއްސުމުގައި މާލޭގައި ތިބި ފްރޮންޓްލައިން މަސައްކަތްތެރިންނާ ވެސް އެކު ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށާއި އެކަމާ ގުޅޭ ސެކިއުރިޓީ ކަންތައްތައް ހޯމް މިނިސްޓްރީގެ ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކުގެ އެހީ ހޯދުމަށާއި އަދި އެ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ބެލުމަށާއި އެ މީހުންނަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމުގައި ފޮރިން މިނިސްޓްރީން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
ލޮކްޑައުންގެ ހާލަތާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިސްނަގައި ވަކި އިދާރާތަކުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މުދާ އުފުލުމާއި ބޭލުމުގެ އެމްޕީއެލްގެ ވަރަށް ބޮޑު ރޯލެއް އެބަ އޮތް ކަމަށެވެ.
"މިގޮތަށް މުޅި ސަރުކާރުގެ ހަގީގަތުގަިއ މިއޮތީ އެންގޭޖުވެފައި. އެހެން ނަމަވެސް އަޅުގަނޑުމެން އަޕްޑޭޓުދޭ އިރު ވެސް ކޮންމެ ދުވަހަކު ވެސް މި ފޯކަސް ކުރަނީ ކޮވިޑާ ގުޅޭ އަޕްޑޭޓުތަކަށް، އެންއީއޯސީގެ މަސައްކަތްތަކަށް ވީހާ ވެސް ބޮޑަކަށް. އެހެން ކުރާ ހުރިހާ ކަމަކީ އާއްމު ހިދުމަތްތައް. އެ ހިދުމަތްތައް ދެވޭނެކަން ކަށަވަރުކުރެވެމުން އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.