ކޮވިޑް-19: ބާސެލޯނާ ދަނޑުގެ ނަން ސްޕޮންސަރަކަށް ވިއްކާލަނީ
ކޮވިޑް-19: ބާސެލޯނާ ދަނޑުގެ ނަން ސްޕޮންސަރަކަށް ވިއްކާލަނީ

ބާސެލޯނާ (އޭޕްރީލް 22) - ކޮރޯނާވައިރަހާ ގުޅިގެން ބާސެލޯނާ އަށް ދިމާވާ މާލީ މައްސަލަތަކުން އަރައިގަތުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެ ކްލަބްގެ ދަނޑު ނޯ ކޭމްޕްގެ ނަން ފުރަތަމަ ފަހަރަށް ސްޕޮންސަރަކަށް ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.

ލައްކައެއްހާ މީހުންނަށް ވަދެވޭ ބާސެލޯނާގެ ސްޓޭޑިއަމް 1957 ވަނަ އަހަރު ހުޅުވިފަހުން އެ ދަނޑުގެ ނަމަށް އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައެއް ނުވެ އެވެ. ބާސެލޯނާ ފައުންޑޭޝަނާ ގުޅިގެން ދަނޑުގެ ނަން ވިއްކާލަން ކުރާ މި މަސައްކަތުގައި ކްލަބްގެ ސަގާފަތް ސަލާމަތްކުރާނެ ކަމަށް ބާސެލޯނާ އިން ބުނެ އެވެ. އެ ގޮތުން އާ ސްޕޮންސަރަކަށް ދަނޑުގެ ނަން ވިއްކާލި ނަމަވެސް ބޭނުންކުރާނީ ނޯ ކޭމްޕް ހިމަނައިގެންނެވެ.

ދަނޑުގެ ނަން ސްޕޮންސަރަކަށް ވިއްކާލައިގެން ލިބޭ އާމްދަނީ ހަރަދުކުރަން ބާސެލޯނާ އިން ނިންމާފައިވަނީ ކޮވިޑް-19 ސަޕޯޓް ފަންޑަށެވެ. އަދި ކްލަބުގެ ކުރިމަގުގެ ޕްރޮޖެކްޓްތަކަށް ވެސް އެ ފައިސާ ބޭނުންކުރާނެ ކަމަށް ބާސެލޯނާ އިން ބުނެ އެވެ.

ބާސެލޯނާގެ ނައިބު ރައީސް ޖޯޑީ ކާޑޮނޭ ވިދާޅުވީ މި އުނދަގޫ ވަގުތުގައި ކްލަބުން ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށާއި މި ކަމުގައި މި ޓީމާ ގުޅުން ހުރި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަހަރެމެންނަށް މި ކަމުން (ސްޓޭޑިއަމްގެ ނަން ވިއްކާލައިގެން) ވެސް ގިނަ ކަންތައްތަކަށް ހައްލެއް ހޯދިދާނެ. މި ކަމުގެ ސަބަބުން އެތައް މިލިއަން މީހުންނަކަށް ވެސް ފައިދާކޮށްފާނެ،" ޖޯޑީ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ނުރައްކާ މި ވަގުތު ބޮޑުވެފައިވާ އެއް ގައުމަކީ ސްޕެއިން އެވެ. މިހާތަނަށް އެ ގައުމުން ދެ ލައްކަ އަށް ވުރެން ގިނަ މީހުންނާ މި ބަލި ޖެހިފައިވާއިރު، 21،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކްލަބަށް އެހީވުމުގެ ގޮތުން ބާސެލޯނާ ކުޅުންތެރިން ވަނީ ކޮވިޑް-19 ގެ މި މުއްދަތުގައި މުސާރަ ކުޑަކުރަން ނިންމައިފަ އެވެ. އެ ކުޅުންތެރިން ނިންމީ ކޮރޯނާވައިރަހާ ގުޅިގެން މި މުއްދަތުގައި ކުޅުންތެރިންގެ މުސާރައިގެ 70 ޕަސެންޓް ކުޑަކުރުމަށެވެ. މި ނިންމުމުގެ ބޭނުމަކީ ކްލަބުގެ އާއްމު މުވައްޒަފުންގެ މުސާރައިން އެއްވެސް އަދަދެއް އުނިނުކޮށް ލިބޭގޮތް ހެދުމަށެވެ.

ބާސެލޯނާގެ އިންތިހާބު އަންނަ އަހަރަށް ތާވަލުކޮށްފައިވާއިރު، ކްލަބްގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއުއާ މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހެ އެވެ. ބާސެލޯނާ މިހާރު ހިންގާގޮތާ މެދު ނުރުހޭތީ އެ ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ކްލަބުގެ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެމިލީ ރޫސޯޑާއި އެންރިކޭ ޓޮމްބާސް އަދި ހަތަރު ޑިރެކްޓަރުން ކަމަށްވާ ސިލްވިއޯ އެލިއަސް، ޖޯސެފް ޕޮންޓް، ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ.

ކްލަބަށް ރަނގަޅު ބަދަލުތަކެއް ގެންނަ ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މިހާރު އަމަލުކުރައްވަމުންދާ ދާގޮތުން އެ ކްލަބް ހަލާކުވާނެ ކަމުގެ ބިރު ބޮޑު ކަމަށް ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާ ވިކްޓަ ފޮންޓް ވަނީ ވިދާޅުވެފަ އެވެ.