24 އެޕްރީލް 2020 - 09:11

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ދަ ހަންގާ ގޭމްސް" ފްރެންޗައިޒްގެ ހަތަރު ފިލްމެއް ގެނެސްދީފައި ވަނިކޮށް، މީގެ ޕްރިކްއެލްއެއް ހަދާކަން އިއުލާންކޮށްފި އެވެ.
ކުރީގެ ފިލްމުތަކުގައި ކިޔައިދިން ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންތައްތަކާ އެކު ލިޔުންތެރިޔާ ސުޒާން ކޮލިންސް އަންނަ މަހުގެ 19 ގައި ގެނެސްދޭ ވާހަކަ "ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އަށް ބިނާކޮށް ހަދާ ފިލްމުގެ ޑައިރެކްޓްކުރަނީ "ހަންގާ ގޭމްސް" ފަހު ތިން ބައި ޑައިރެކްޓްކުރި ފްރާންސިސް ލޯރެންސެވެ.
ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވަނީ އޮރިޖިނަލް ފިލްމުތައް ވެސް ޕްރޮޑިއުސްކުރި ނިނާ ޖެކޮބްސަނެވެ. ޕްރިކްއެލްގެ ސްކްރީންޕްލޭ ލިޔަނީ ލިޔުންތެރިޔާ ސުޒާންގެ ހިއްސާއާ އެކު މައިކަލް އާން އެވެ.
އޭނާ އަކީ 2013 ގައި ގެނެސްދިން "ހަންގާ ގޭމްސް" ގެ ދެވަނަ ބައި "ކެޗިން ފަޔާ" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.
"ހަންގާމާ ގޭމްސް" ގެ ޕްރިކްއެލް އިއުލާންކުރި ނަމަވެސް ފިލްމުގެ ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. ފުރަތަމަ ހަތަރުގެ ފިލްމުގެ މައި ތަރި އަކީ ޖެނިފާ ލޮރެންސެވެ. ފްރާންސިސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ލޮރެންސް ބަތަލާގެ ރޯލް ކުޅުނު 2018 ގެ ސްޕައި ތުރިލާ "ރެޑް ސްޕެރޯ" އެވެ.
ޑިސްޓޯޕިއަން ސައިންސް ފިކްޝަން އެޑްވެންޗާ ސީރީޒެއްގެ ގޮތުގައި ގެނެސްދިން "ހަންގާ ގޭމްސް" ގެ ފުރަތަމަ ހަތަރު ފިލްމަކީ ބޮކްސް އޮފީހުގައި ޖުމްލަ 2.97 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުތަކެކެވެ.
މި ސީރީޒްގެ ފުރަތަމަ ބައި ގެރީ ރޮސް ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި ދެވަނަ ބައި 2013 ގައި ގެނެސްދިނުމަށް ފަހު ތިން ވަނަ ބައި "މޮކިންޖޭ ޕާޓް ވަން" 2014 ގައި އަދި "ޕާޓް 2" ގެނެސްދިނީ 2015 ގަ އެވެ.