22 އެޕްރީލް 2020 - 10:49

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތައް މެދުވެރިކޮށް، ފައިސާ ޖަމާކުރެވޭ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކެއް ވަނީ ބަންދު ކޮށްފަ އެވެ. އެ ބޭންކުން މި ވަގުތު ހިދުމަތް ދެމުން އަންނަނީ އޭޓިއެމްތަކާއި ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. އެހެންކަމުން މި މުއްދަތުގައި ފައިސާ ޖަމާކުރަން ވެސް އޭޓީއެމް ބޭނުންކުރަން ބީއެމްއެލް އިން ބާރު އަޅަ އެވެ.
ބީއެމްއެލްގެ ވިޔަފާރި އެކައުންޓަކަށް އޭޓީއެމް މެދުވެރިކޮށް ކުރިން ދުވާލަކު 200،000ރ. އާ ހަމައަށް ފައިސާ ޖަމާކުރެވުނު ނަމަވެސް މިހާރު ހަމަޖެއްސި ގޮތުން އެ އެކައުންޓުތަކަށް ދުވާލަކު 500،000ރ. އާ ހަމައަށް ޖަމާކުރެވޭނެ އެވެ. އަދި އާއްމު ފަރުދުންގެ އެކައުންޓުތަކަށް އޭޓީއެމް މެދުވެރިކޮށް މިޙާރު ދުވާލަކު 100،000ރ. މިހާރު ޖަމާކުރެވޭނެ އެވެ. ކުރިން އާއްމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު ޖަމާކުރެވޭނީ 50،000ރ. އެވެެ.
ބީއެމްއެލުން ބުނީ އޭޓީއެމަށް ފައިސާ ޖަމާ ކުރެވޭ އަދަދު އިތުރު ކުރީ ލޮކްޑައުންއާ ގުޅިގެން އާއްމުންނަށާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
ލޮކްޑައުންއާއެކު، އޭޓީއެމް ތަކަށާއި އެ ނޫން ވެސް މުހިންމު ކަންކަމުގައި ބޭރަށް ދެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބޭ މީހުންނަށް އެކަންޏެވެ. އެހެންކަމުން ފައިސާ ޖަމާކުރެވޭ އަދަދު އިތުރު ކުރުމުން ހުއްދަ ހޯދައިގެން ދާ މީހުންނަށް ފަސޭހަވާނެ ކަމަށް ބީއެމްއެލް އިން ގަބޫލުކުރެ އެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭން ބޭރުގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް އެ މީހުންނަށް ފައިސާ ނެގޭ އަދަދު ވެސް އިތުރު ކޮށްފަ އެވެ. އަދި ރާއްޖޭގެ އޭޓީއެމްތައް މެދުވެރިކޮށް ބޭރުގައި ތިބި މީހުންނަށް ފައިސާ ޖަމާ ކުރެވޭގޮތް ވެސް ބޭންކުން ވަނީ ހަދައިފަ އެވެ.