22 އެޕްރީލް 2020 - 09:15

މަބްރޫކް: ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ އެކަމަށް ޓްރޭންކޮށްފައި ތިބި މީހުން ވެސް އުޅޭނެ. އުލިގަމު ކޭހުގައި ކޮންްޓެކްޓް ޓްރޭސިންގައި ދިމާވި މައްސަލައަކީ އެސްއޯޕީ ބަދަލުވެފައި އޮތީމަ ދިމާވި މައްސަލައެއް.

މުރާދު: ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މިއަދު ވަނީ ނިޔާވެފައި. އޭނާ ކޮވިޑަށް ޕޮޒިޓިވްއެއް ނޫން. އެކަމަކު އޭނާގެ ސިއްހީ މައްސަލަ އަށް އަޅުގަނޑުމެން ފަރުވާދިނީ. އޭނާ އަކީ އިންޑިޔާއިން އައި ދިވެއްސެއް.

ޑރ. އަފްޒަލް: ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް. އޭނާ އަކީ އެސްޓީއޯގައި ސެކިއުރިޓީ ވެސް ބަލަހައްޓާ މީހެއް. އަދި އޭނާ އަކީ ޓެކްސީ ވެސް ދުއްވާ މީހެއް. އޭނާ އަކީ އަމީން ހިޔާގެ ކޭސްއާ ގުޅުން ހުރި މީހެއް.

ޑރ. އިބްރާހިމް އަފްޒަލް: އެންމެ ފަހުން ޕޮޒިޓިވްވި ދެ ކޭހުގެ ތެރެއިން 85 އަކީ، މި މަހުގެ 21 ވަނަ ދުވަހު ހުން އައިސްގެން ކުލިނިކަށް ދިޔަ މީހެއް. އޭނާ ކުރިން ހުރީ ރައްޓެއްސެއްގެ ކައިރީގައި. ބަލިވުމާ އެކު އޭނާ ވަނީ ގެއަށް ބަދަލުވެފައި. އޭނާގެ 13 ކޮންޓެކްޓް މިހާތަނަށް ވަނީ ހޯދިފައި. އޭނާ ވަނީ މި މަހުގެ 14 ވަނަ ދުވަހު އީދު މިސްކިތަށް ނަމާދަށް ގޮސްފައި.

މަބްރޫކް: އަޅުގަނޑު މި މައުލޫމާތު ދެނީ އެންއޯއީސީގެ ފަރާތުން. މިތަން މި ހިންގަނީ ޑިޒާސްޓާ އޮތޯރިޓީގެ ދަށުން. މިތަން ހިންގުމުގައި ހެލްތު މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އިސް ދައުރެއް އެބައޮތް. މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ޓޫރިޒަމާއި ހޯމް މިނިސްޓްރީގެ ދައުރު ވަރަށް ބޮޑަށް. އެތަންތަނުގެ ކޮންމެ ދުވަހުގެ އަޕްޑޭޓްް ރައީސަށް އަންނަނީ ފޮނުވަމުން. މުދަލުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރު، އަދި ސޯޝަލް މައްސަލަތަކުގައި ނައިބު ރައީސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ. މީގެ ތެރޭގައި ޖެންޑާ އާއި ބައެއް މިނިސްޓްރީ ވެސް ހިމެނޭ.

މަބްރޫކް: ރާއްޖޭގައި ތިބި ބިދޭސީންގެ 80 އެއްހާ މީހުން ވަނީ އެހެން ތަނަކަށް ގެންދެވިފައި. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީ އާއި ޓޭކްއަވޭގައި ވެސް ވަރަށް ބޮޑަށް ދަތިވަމުން އެބަދޭ. އަދި އިއްޔެ ނިންމުނު ނިންމުމެއް އެކަހަލަ މީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ. އެހެންވެ، އެ މީހުން ގެންދިޔައީ ވިލިވަރަށް. ވިލިވަރަކީ ކުރިންް ރިސޯޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް. ތިބޭފުޅުންނަށް ފެނިފައިވާ ވީޑިއޯ އާއި ފޮޓޯތަކަކީ ކޮންސްޓްރަކްޝަންގައި ބޭނުންކުރަމުން އައި ތަނެއް. އެ މީހުން ވަރަށް އަވަހަށް ގެންދަން ޖެހުނީ. އެހެންވެ، މިހާރު އޭގެ ތެރެއިން ބައެއް މީހުން ވާނީ އެހެން ތަނަކަށް ބަދަލުކޮށްފައި. އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.

ތަރުޖަމާނު މަބްރޫކް އަޒީޒު: ހއ. އުލިގަމް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ބަދަލު ކުރެވިފައި. އުލިގަމާއި ހިރިމަރަދޫގެ ކޭސްއާ ބެހޭ ގޮތުން ބައެއް ވާހަކަ ދައްކާލާނަން. ވޭތުވެދިޔަ ދެ ދުވަހުގެ ކޭސްތަކަކާ ގުޅިގެން ޓެގްގެ އެޑްވައިސް އަކީ މިކަން ކުރާ އިރު އެންމެ އިސްކަން ދޭން ޖެހޭނީ ހައި ރިސްކް ކޮންޓެކްޓަށޭ.
ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބަންގްލަދޭޝް އިން ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި. މި ތަކެތި ހިފައިގެން ބަންގްލަދޭޝްގެ މަނަވަރެއް މިހާރު ވަނީ ރާއްޖެ އައިސްފައި. ބަންގްލަދޭޝް އާއި ނޭޕާލްގައި 71 ދިވެއްސަކު ވެސް ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ ގެނެސްދީފައި.
މި އަހަރުގެ”އާތު ޑޭ“ ފާހަގަކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. އާތު ޑޭ ގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޫސުމީ ބަދަލާއި ކޮވިޑް-19 ގެ ވަބާ އެކުވުމުން، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައިި ކަމަށް. މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަަށް ރައީސް ވިދާޅުވި.
ބީއެމްއެލް އިން ބުނީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށްޓަކައި އޭޓީއެމުން ފައިސާ ނެގޭނެ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓްތައް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ގޮތް ވެސް ކުރިން ހަމަޖައްސައިދީފައިވާނެ ކަމަށް.
މާލެ ސަަރަހައްދުގައި އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ގުޅިގެން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި، އޭޓީއެމްތަކަށް ފައިސާ ޖަމާކުރެވޭ އަދަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްދީފި. އެ ބޭންކުން ބުނީ، ވިޔަފާރި އެކައުންޓުތަކަށް މިހާރު ދުވާލަކު 500،000ރ. ޖަމާކުރެވޭނެ ކަމަށް. އާންމު ފަރުދުންގެ އެކައުންޓުތަކަށް ދުވާލަކު 100،000ރ. ދެން ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނޭ.
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އިއްޔެ ވިދާޅުވީ، ކުލި ނުދެއްކިގެން މަގުމަތިވެފައި ތިބި އާއިލާއެއްގެ ދެ މީހަކަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހޯދައިދީފައިވާ ކަމަށް. އޭނާ ވިދާޅުވީ، މިއީ އެންމެން ވެސް އިންސާނިއްޔަތު އިސްކުރަންވީ ވަގުތު ކަމަށް. ސަރުކާރުން ވެސް އެދިފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ގައުމު އޮތް އިރު މި ދުވަސްވަރު ކުލި ނުދެއްކުނަސް އެ ފަދަ އާއިލާތައް ގެތަކުން ނުނެރުމަށް. އަދި އެ މީހުންނަށް އެހީވާން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވޭ. ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، މުސާރަތައް ދަށްކޮށް، އަދި ބައެއް ތަންތަނަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ވެސް ބޮޑެތި ތާށިތަކެއް ކުރިމަތިވެފައިވާތީ ގިނަ ބަޔަކު ތިބީ ހާލުގައި ޖެހިފައި.
ކުލި ނުދެއްކުމުގެ ސަބަބުން ގެއަކުން ނެރެފި ނަމަ ނުވަތަ މާލޭގައި ހުރުމުގައި ދަތިތަކެއް ދިމާވެއްޖެ ނަމަ ގުޅަންޖެހޭ ނަމްބަރަކީ 1412 ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި.
ރާއްޖޭގައި ކޮވިޑް-19، 80 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ރޭ ނެރުނު ދެންނެވުމެއްގައި ބުނީ ގައުމަށް ކުރިމަތިވެފަިއވާ މި ބޮޑު ކާރިސާ އިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަންނަވަން އެ މަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައި ވެ އެވެ.
"ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުންގެ ދެންނެވުމުގައި ވެ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އާއި ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.
"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައި ބުންޏެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 86 އެވެ. އޭގެ ތެރެއިން 66 މީހުން ފެނުނީ މާލެ އިންނެވެ. އެންމެ ފަހުން އެ ބަލި ފެނުނީ ދެ ދިވެއްސެއްގެ ގައިންނެވެ. އެޗްޕީއޭ އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ އެއީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދެ ދިވެހިން ކަމަށެވެ.
ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މި އަހަރުގެ ވަރަށް ކުރީކޮޅު ރާއްޖޭގައި ވަނީ އެ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެޅުމަށްޓަކައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ވަކި ތަނެއް އުފައްދައިފަ އެވެ. މި ސެންޓަރުގެ ދަށުން 40 އަށް ވުރެ ގިނަ އޮފީސްތަކުގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.