ސުނީދީ ޗޯހަންގެ ދެވަނަ ކައިވެނި ވެސް ރޫޅިދާނެ!
ސުނީދީ ޗޯހަންގެ ދެވަނަ ކައިވެނި ވެސް ރޫޅިދާނެ!

އަށް އަހަރުވީ ދެ ވަނަ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗޯހަންގެ ކައިވެނި މިހާރު އޮތީ ރޫޅުމުގެ މަރުހަލާއެއްގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް މަގުބޫލު އެތައް ލަވައެއް ކިޔައިދީގެން އެތައް އެވޯޑެއް ވެސް ހޯދާފައިވާ 36 އަހަރުގެ ލަވަކިޔުންތެރިޔާ އާއި މިއުޒިކް ކޮމްޕޯޒަރު ހިތޭޝް ސޯނިކް، 50، ކައިވެނިކުރީ 2012 ގަ އެވެ. އަދި އެ ކައިވެންޏަށް 2018 ގައި ވަނީ އަންހެން ދަރިއަކު ވެސް ލިބިފަ އެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ސުނީދީ އާއި ހިތޭޝްއާ ދެމެދު ކުނި ޖެހި، މައްސަލަތައް ހައްލުނުވެ، ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި ދާދި ފަހުން ގޯއާ އަށް ކުރި ކުރު ދަތުރަކަށް ފަހު، ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށްވެ އެވެ.

މިކަމާ ބެހޭ ގޮތުން ބޮމްބޭ ޓައިމްސް އިން ސުވާލުކުރުމުން ސުނީދީ ވަނީ އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުނެ އެވެ.

މީޑިއާތަކުން ހިތޭޝްއާ ސުވާލުކުރުމުން އޭނާ ވަނީ ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އަދި މީޑިއާތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ބުންޏެވެ. އިންޑިއާގެ ސެލެބްރިޓީންނަކީ އަބަދު ވެސް އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ފޮރުވަން މަޝްހޫރު ބައެކެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް. އަހަރެމެން ދެ މީހުން ދިރިއުޅެނީ ވެސް އެކީގައި،" ބޮމްބޭ ޓައިމްސް އިން ކުރި ސުވާލަށް ލުއި ޖަބާވެއް ދެމުން ހިތޭޝް ބުންޏެވެ. "މި ދުވަސްކޮޅު ގޭތެރެ ސާފުކުރުން ކަހަލަ ކަންކަމުގައި ވަރަށް ބިޒީކޮށް އަހަރެމެން މި އުޅެނީ."

ސުނީދީ އެންމެ ފުރަތަމަ ކައިވެނިކުރީ އެކްޓަރު ބޮބީ ޚާނާ އެވެ. އެއީ 2002 ގަ އެވެ. އެ ކައިވެނި އޭގެ އަހަރެއް ފަހުން ރޫޅުނީ އެވެ.