ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ

"އެންމެ ރަނގަޅު!" ހަނާ ބުންޏެވެ. "ރިޒްވާން އިނދެގެން ނޫޅޭ ނަމަ ކަލޭ ހަނާޔާ އިނދެފާނަންތަ؟"

ޖަވާބެއް ދިނުމުގެ ކުރިން އަނިލް ވިސްނައިލިއެވެ. ހަމްދާއާއި ރިޒްވާން ތިބީ އަނިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މަލާމާތުގެ ރާގަކަށް ހަނާ ހީނގަތެވެ. ހީވި ކަހަލައެވެ. އަނިލްގެ އަނގަބަންދުކޮށްލުމުގައި "ހަނާއަށް" ކާމިޔާބު ހޯދިއްޖެއެވެ. ދެން އަނިލް ޖެހޭނީ ރުޤްޔާކުރުން ހުއްޓައިލައިފައި އެ ތަނުން ދާށެވެ. އެ ފަދަ ބޮޑު ލަދެއްގައި އަނިލް ބެއްދިއްޖެއެވެ.

"އަހަރެން ވެސް އަސްލު އަޅައިގަތީ މީނަ ރީތިކަމުން،" މައްސަލަ އިތުރަށް ގޯސްކުރުމަށް ޓަކައި ހަނާ ބުންޏެވެ. "ކަލެއަށް ވެސް ރީތި ދޯ؟ ކަލޭ އަޅެ އަސްލު ހިތުގަ އޮތް ގޮތަށް ތެދަށް ބުނެބަލަ!"

"ތީ މި ތާކަށް މުހިންމު ވާހަކައެއް ނޫނެއްނު!" އަނިލް ރުޅިއައިސްފައި ބުންޏެވެ. "ކަލޭ ކިތަންމެ މަސައްކަތެއް ކުރިޔަސް މަ މިތަނަށް އައުން ހުއްޓާލާނީ ކަލޭ ފައްސާލައިފަ. ފެއްސިގެން ނުގޮއްސިއްޔާ.."

"އުހުނ! މި ވާހަކަ ހަމަ ވަރަށް މުހިންމު،" އަޑަށް ބާރުލައިފައި ހަނާ ބުންޏެވެ. "ހަނާ އަކަށް ހަމަ އެއްގޮތަކަށް ވެސް ފިރިމީހާ އަޅައެއްނުލާ! އެއީ މީގެ އެންމެ ބޮޑު މައްސަލައަކީ."

އެ ކަމާ ދެކޮޅަކަށް ރިޒްވާން އެއްޗެއް ނުބުނެއެވެ. އިސްޖަހައިލައިގެން އިނީއެވެ.

"އަޖައިބެއްނު!" ހިތްހަމަނުޖެހިފައި އަނިލް ބުންޏެވެ. "މިހާރު ކިތައް ފަހަރު ބުނެފިން އެއީ ކަލެޔާ ބެހޭ ކަމެއް ނޫނޭ!"

"އުހުނ! އަހަންނާ ބެހޭ! އަހަރެން މިހާރު މި އުޅެނީ އޭނައަށް އެހެން ފިރިހެނެއް ހޯދައިދޭން." ހަނާ ބުންޏެވެ.

ޖިންނީގެ ހަމަ އެކަނި މަގުސަދަކީ އަނިލް ކިޔެވިޔަނުދިނުމެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރާޤީއާ ޒުވާބުކުރުމެވެ. އެއްޗެއް ނުބުނެ އަނިލްއަށް ނީނދެވޭނީ ކޮން ކަހަލަ ވާހަކައެއް ދައްކައިގެންކަން ޖިންނީންނަށް އެނގެއެވެ. އަނެއްކާ ވެސް އަނިލް ކިޔަވަން ފެށިއެވެ. "ހަނާ" ކޮންމެ އެއްޗެއް ބުންޏަސް އެއަށް ރައްދު ނުދޭން ނިންމައިގެންނެވެ.

"އޭ! ކަލޭ މި ތަނަށް ކީއްކޮށްގެން ތި އުޅެނީ؟" ހަނާ އެހިއެވެ.

އަނިލް ހުއްޓައިނުލައި ކިޔެވިއެވެ. އަޑު ގަދަކުރިއެވެ. އަނިލްގެ ސަމާލުކަން ނުލިބުމުން "ހަނާ" އެހެން އުކުޅެއް ބޭނުންކުރިއެވެ.

"އޭ ރިޒްވާން!" ދިމާކުރާ ކަހަލަ ރާގެއްގައި ހަނާ ގޮވައިލިއެވެ. "ކަލޭ އަސްލު މީނަ ދެކެ ލޯތްބެއް ނުވެއެއްނު ދޯ! ކަލޭ ވެސް ރީއްޗަށް ބުނަންވީނު! ހަނާ ދެކެ ކަލޭ ފޫހިވެއެއްނު! ހަނާއަކީ މިހާރު މޮޔައެއް. މޮޔައަކާ އިނދެގެން ކަލޭ ކީއްކުރަން ތި އުޅެނީ؟ އަނެއްކޮޅުން އަނިލްއަށް ވެސް ހަނާ ނުލާހިކު ރީތި. އޭނަ އެ އުޅެނީ ބުނަން ނުކެރިގެން. ކަލޭ ދޭބަލަ ބޭރަށް. ގޮސް ބޭރުގަ ހުރޭ! އަހަރުމެން ދޮންތަޔާ ވާހަކަދައްކާފަ އެހެން ގޮތަކަށް މި ކަން ނިންމާލަފާނަން."

އަނިލްއަށް ބަލައިލައިފައި ރިޒްވާން ވަގުތުން ތެދުވިއެވެ. ނުދިޔުމަށް އަނިލް އިޝާރާތް ނުކުރި ނަމަ ރިޒްވާން ދިޔައީހެވެ. ރުޤްޔާ ކުރާއިރު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއީއެވެ. ޖިންނިސައިތާނުންގެ ހީލަތްތެރިކަން އަނިލްއަށް އެނގުނަސް އެހެން މީހުންނަކަށް ނުވިސްނެއެވެ. ރިޒްވާން ނުދިޔުމުން ހަނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"އޭ އަނިލް!" އަނެއްކާ ވެސް ހަނާ ބުންޏެވެ. "ދޮންތަ އެއްބަސް ވެއްޖެއްޔާ ކަލޭ ބުނާނަން ދޯ މީނަ ވަރަށް ލޯތްބޭ!"

އަނިލް ނިންމައިގެން ހުރީ ހުއްޓައިނުލައި ކިޔަވާށެވެ. އެހެންނަމަވެސް "ހަނާ" ދައްކާ ވާހަކައިގެ ސަބަބުން މަސްލަހަތު ގެއްލިދާނެހެން ހީވުމުން އަނެއްކާ ވެސް އަނިލް ކިޔެވުން މެދުކަނޑައިލިއެވެ.

"މިހާރު އަހަންނަށް އެނގިއްޖެ ވެގެން ތި އުޅޭ ގޮތް،" އަނިލް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "މި ތާ މި އުޅެނީ ދެ ކަމެއް. އެެއްކަމަކީ ހަނާގެ އަސްލު ގެއަށް ހަދާފަ ހުރި ސިހުރު."

"އަސްތަޤްފިރުއްﷲ!" ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހަނާ ބުންޏެވެ. "ތި ވާހަކަ ކަލޭ ކައިރީގަ ބުނީ ކާކު؟"

"އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން!" އަނިލް ބުންޏެވެ. "މަ ބުނީމެއްނު ވަކި ހިސާބަކުން މަށަށް އެނގޭނޭ. އަނެއް ކަމަކީ މަންމަ ހެދި ކަމަށް ކަލޭ ތި ބުނާ ސިހުރު. ވެގެން މިއުޅޭ ގޮތަކީ އެ ސިހުރު ހިފައިގެން އައި ޖިންނީންނާ، ގޭގަ ތިބި ޖިންނީންނާ ދިމާނުވަނީ. އެހެންވެ މީތި މި ފަޅާއެރީ!"

އަނިލް ބުނި އެއްޗަކުން ހަނާ އިރުކޮޅަކަށް ހަމަހިމޭންވިއެވެ. އެއްވެސް އެއްޗެއް ނުބުންޏެވެ. އަނިލް ލަފާކުރި ގޮތުގައި، ފަރުދާގެ ފުރަގަހުގައި އެ ވަގުތު ހިނގަމުންދިޔައީ މަޝްވަރާއެކެވެ.

"ކަލޭ އަސްލު ހާދަހާ މޮޅޭ!" ތައުރީފުގެ ރާގަކަށް ހަނާ ބުންޏެވެ. "އަހަރުމެން މި ގޭގަ އުޅޭތާ ލައްކަ ޒަމާން ވެއްޖެ! ދެން އެހެން ބަޔަކު އައިމަ އަހަރުމެން ރުޅިއަންނާނެއްނު!"

"މަށަށް މައްސަލައެއް ނެތް ކިތަންމެ ރުޅިއަޔަސް،" ފަސްޖެހުމަކާ ނުލައި އަނިލް ބުންޏެވެ. "މަ ހޯދަން އުޅުނު ކަންތައް މަށަށް އެނގިއްޖެ! އެހެންވީމަ މި ހިސާބުން މިރެއަށް މި ނިންމާލަނީ!"

"ކޮން ކަމެއް އެނގުނީ؟" ހަނާ ސުވާލުކުރިއެވެ. "ބުނެބަލަ! ކޮން ކަމެއްތަ އެނގުނީ؟"

އަނިލް ޖަވާބެއް ނުދިނެވެ. ތަކުރާރުކޮށް ހަނާ ސުވާލުކުރުމުން ވެސް އެންމެ ލަފުޒެއް ވެސް އަނިލް ނުބުންޏެވެ. ހަނާގެ ފަރާތުން ދެން ފެންނަން ފެށީ ވާދަވެރި ރޭހަކުން ބަލިވާ މީހާގެ ފަރާތުން ފެންނަ ކަހަލަ އަލާމާތްތަކެކެވެ.

"ކަލޭ ހާދަހާ ގިނަ އެއްޗެހި ފޮރުވަޔޭ!" ހަނާ ޝަކުވާކުރިއެވެ. "އެއީ ކީއްވެ ކަލޭ ނުބުނަން ތިއުޅެނީ؟ ކަލޭ ދާނެ ރިޒްވާން ގޮވައިގެން ކޮފީބޯން. މަ ދާނަން ފަހަތުން. ބަލައްޗޭ!"

"ކަލެއަށް އަޑުއެހޭނެ؟" ހީނގެންފައި އަނިލް ސުވާލުކުރިއެވެ. "މައްސަލައެއް ނެތް! އެހެންޏާ އަހާ! އާނ ރިޒްވާން ގޮވައިގެން މަ ދާނަން ކޮފީއަށް. އެ ތާނގަ ދައްކާނަން ހުރިހާ ވާހަކައެއް. ކަލޭ މޮޅިއްޔާ ނިކަން އަޑުއަހާބަލަ! އެކަަމަކު ހަނާއަށް ކަލެއަށް އުނދަގޫ ނުކުރެވޭ ވަރު ކޮށްފަ މަ ދާނީ."

ގެނެސްފައިހުރި ފެންފުޅިއާއި ކިރުޕެކެޓަށް އަނިލް ކިޔެވިއެވެ. އިރުކޮޅެއް ނުވެ ހަނާ ކަންބޮޑުވާން ފެށިއެވެ. މަހެއް ބާނަފައި އެއްގަމަށް އެއްލާ ވަގުތު ތެޅިގަންނަހެން ހަނާގެ ދެފައި ތެޅެން ފެށިއެވެ. އެ މަންޒަރު ބަލާކަށް ރިޒްވާނަކަށް ފަސޭހައެއް ނުވިއެވެ. އެކަމަކު އަނިލް ހުއްޓުވުމުގެ ބަދަލުގައި ރިޒްވާން އެހެން ދިމާއަކަށް މޫނު އަނބުރައިލިއެވެ.

"އޭ ތިހެން ނަހަދާ!" އާދޭހުގެ ރާގެއްގައި ހަނާ ބުންޏެވެ. "ތިހެން ހެދީމަ އަހަންނަކަށް އެކަކު ވެސް ނުފޮނުވޭނެ. ކަލޭ ކީއްވެ ކަލޭ ބުނާ ގޮތަށް ކަންތައް ނުކުރަނީ؟ އެއްކޮޅުން ތި ބުނަނީ ބަޔަކު ފޮނުވައިގެން ކަލޭ ދައްކާ ވާހަކަ އަޑުއަހާށޭ. އަނެއް ކޮޅުން ކަލޭ ތި އުޅެނީ މަ ބަންނަން. މަށަށް ހަމަ ޔަގީން ކަލޭ އެހެން ހަދަންކަން ތި އުޅެނީ."

އެ ހިސާބުން އަނިލް އެ ރެޔަށް ނިންމައިލިއެވެ. އެސްފީނާ ހަސަދައާއި ސިހުރު ބާތިލަށް ކިޔެވި ކިރާއި ފެން ރިޒްވާނާ ހަވާލުކުރިއެވެ. ހުރިހާ ކަމެއް ނިންމައިފައި ސައިބޯންވެގެން ރިޒްވާން ގޮވައިގެން އަނިލް ނުކުތެވެ. ނުކުތްއިރު ޒާހިދާ ސޯފާގައި އިނެވެ. ޒާހިދާއަކީ ރިޒްވާންގެ މަންމައެވެ. ހަނާގެ މައިދައިތައެވެ. ހަނާއަށް ހަދައިފައިވާ ކޮންމެވެސް އެއް ސިހުރަކީ ޒާހިދާ ހެދި ސިހުރެއް ކަމަށް ޖިންނި ވަނީ ތުހުމަތުކޮށްފައެވެ. ހެތްކެއް ނުދެއްކުނެވެ. އެހެންވެ އެ ވާހަކަ ގަބޫލުނުކުރަން އަނިލް އޮތީ އެދިފައެވެ. އަދި ޒާހިދާއަށް އެ ކަން ނޭންގުމަށް ވެސް އަނިލް އެދުނެވެ. އަނިލް އުންމީދުކުރި ގޮތުގައި އެ ކަން އޮތީ ވެސް އެހެންނެވެ.

"އަހަރެން ބޭނުން ވާހަކައެއް ދައްކާލަން،" ޒާހިދާ ބުންޏެވެ. "ދަރިފުޅު އިހަށް ވަދެބަލަ އެތެރެއަށް."

އަނިލްއަށް ބަލައިލައިފައި ރިޒްވާން ގޮސް ކޮޓަރިއަށް ވަނެވެ. އަނިލް ހިތަށްއެރިއެވެ. ޒާހިދާއަށް ނާންގަން އަނިލް އެދުނު ވާހަކަ ކޮންމެވެސް މީހަކު ޒާހިދާއަށް ކިޔައިދީފިއެވެ. އެހެންނަމަވެސް ޒާހިދާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ. އެއީ އާއިލާގެ ބޮޑު ސިއްރެވެ. ކަޅު މާޒީއެވެ. ލަދުވެތި ހަގީގަތެވެ. ޒާހިދާ ކިޔައިދިން ވާހަކަ ފެށެނީ ޒާހިދާއާއި ނަސީމު ކައިވެނިކުރި ދުވަސްވަރުންނެވެ. އޭރު ޒާހިދާއާއި ނަސީމު ވެސް ޒުވާނެވެ. ޒާހިދާގެ ނަޒަރުގައި ހަނާއަށް ޖެހުނީ ނަސީމަށް ހެދި ސިހުރެކެވެ. އެ ސިހުރުހެދީ ނަސީމުއާ އޭރު ހިތާވެގެން އުޅުނު އަންހެނެކެވެ. ކަމުގެ ބާވަތުން ޒާހިދާ ހުރީ އެ ވާހަކަ އޮއްބައިލައިގެންނެވެ. އެކަމަކު އަނިލްއަށް ފަސޭހަކޮށްދިނުމާއި، ހަނާ ސަލާމަތްކުރަން ބޭނުންވާތީ ޒާހިދާ ކިޔައިދޭން ނިންމީއެވެ. ނަސީމު ބޭޒާރުކުރާކަށް ނޫނެވެ. ހަނާގެ ބައްޔަށް ފަރުވާ ހޯދުމުގެ ނިޔަތުގައެވެ.

ޒާހިދާއާއި ނަސީމު އިންތާ ކައިރީގައި، ޒުހުރާ ކިޔާ އަންހެނަކު ނަސީމުއާ އަޅައިގަތެވެ. ޒުހުރާއަކީ ނަސީމަށް ވުރެ ފަސް އަހަރު ދޮށީ އަންހެނެކެވެ. ޒުހުރާ ވަޒީފާއަދާކުރީ ވިލިނގިލީގައި ހުންނަ އިންޖީނުގޭގެ އޮފީސްބައިގައެވެ. ނަސީމު ވެސް އޭރު ވަޒީފާއަދާކުރީ އެ އޮފީހުގައެވެ. ޒުހުރާއަކީ މާ ރީތި އަންހެނެއް ނޫނެވެ. ނަސީމަށް ކަމުދާ ކަމަށް ޒާހިދާއަށް އެނގިފައިވާ ސިފަތަކުގެ ތެރެއިން އެންމެ ސިފައެއް ވެސް ޒުހުރާގެ ނުހުރެއެވެ. އެހެންކަމާ އެކުގައި ވެސް ޒުހުރާ ދެކެ ނަސީމު ލޯބިވީ ކީއްވެގެންކަމެއް ޒާހިދާއަކަށް ނޭނގެއެވެ. ޒާހިދާއަށް އެނގޭ ކަމަކީ ޒުހުރާއަކީ އަތްމަތި ތަނަވަސް މީހެއް ކަމެވެ.

އަޑު ފެތުރިފައިވާ ގޮތުން ނަސީމު ހެއްލުނީ ޒުހުރާގެ ފައިސާއަށެވެ. ނަސީމުގެ މުސާރަޔާ ނުބައްދަލު އަތުކުރީ ގަޑިޔާއި، ސެންޓާއި، ފަރުނީޗަރު އެ ދުވަސްކޮޅު ވަރަށް ތިޔާތްގެވެ. ދޭތެރެއަކުން ނަސީމު އިންޑިޔާ ނުވަތަ ލަންކާއަށް ދަތުރެއް އަޅައެވެ. ނަސީމުއާއި ޒުހުރާގެ ލޯބީގެ ކުޅިގަނޑު ފަޅާއަރައިގެން ޒާހިދާ އެހުމުން ނަސީމު އެއްބަހެއް ނުވިއެވެ. ދެނަހުރިކަމަށް ވެސް ނެހެދިއެވެ. އެހެންނަމަވެސް ރައްޓެހިންގެ ފަރާތުން ޒާހިދާއަށް ހުރިހާ މައުލޫމާތެއް ދިޔައީ ލިބެމުންނެވެ.

ވަކި ހިސާބަކުން ޒުހުރާ ބޭނުންވީ ނަސީމުއާ އިންނާށެވެ. ދެއަންބަށް އިންނަން ނަސީމު އެއްބަހެވެ. ޒާހިދާ ވަރިކުރާކަށް ނަސީމު އެއްބަހެއް ނުވިއެވެ. ޒުހުރާ އަކަށް އެ ގޮތެއް ކަމަކުނުދިޔައެވެ. މައްސަލަޖެހެން ފެށީ އެ ހިސާބުންނެވެ. ރުހުމުގައި ދެމަފިރިން ދުރުނުކުރެވުނީމައި ޒުހުރާ ގަސްތުކުރީ ސިހުރުހަދައިގެން ވިޔަސް ދުރުކުރާށެވެ. އެ ކަމަށް ތައްޔާރުވެގެން، ކުޑަކުޑަ ފުޅިއަކަށް ދިރޭރަހަ އަޅައިގެން ޒުހުރާ އޮފީހަށް އައެވެ.

ނުނިމޭ