22 އެޕްރީލް 2020 - 11:02

ކާރިސާތަކާއި ގެއްލުން ބޮޑެތި ހާދިސާތަކުގައި ދިވެހިންނަކީ އަބަދު ވެސް އެކަކު އަނެކަކަށް އަޅާލުމުގައި ނަމޫނާ ދައްކާ ބައެކެވެ. މުޅި ދުނިޔެ ވެސް ބިރުގަންނުވާލާފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން، މާލެ ތެރެއަށް ފެތުރިގެންފައިވާ މި ނުރައްކާތެރި ދަނޑިވަޅު، ގިނަ ބަޔަކު އަންނަނީ މި މިސާލު ދައްކަމުންނެވެ. މި ފަހަރު، ވައިރަސް އިން ރައްކާތެރިވުމަށް އަޅަން ހާއްސަ މާސްކް، ގޭގައި ތިބެގެން ހިލޭ ސާބަހަށް ފަހަނީ އެވެ.

ފަސޭހައިން ގައިންގަޔަށް އަރާ މި ރޯގާ އިން ރައްކާތެރިވުމަށް މާސްކް އެޅުން މިހާރު މުހިއްމެވެ. އެކަމަށް އެންމެ ރަނގަޅު ސާޖިކަލް މާސްކް ލިބުން ދަތިވެފައިވާތީ، ފޮތި މާސްކު ވެސް ބޭނުން ކުރެވޭނެ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. މާލެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ، ލޮކްޑައުން ކުރުމާ ގުޅިގެން، ފެހުންތެރިޔާ ނަދޫ ނިޒާރު ބޭނުންވީ ގޭގައި އިނދެގެން އެހީތެރިވާން ފޮތި މާސްކް ހަދާށެވެ.

މިދިޔަ ދެ ދުވަސްމަތިން ނަދޫ ވަނީ 350 މާސްކް ފަހައިފަ އެވެ. އެކަން ކުރާކަން އޭނާ ފޭސްބުކްގައި އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ މާސްކް ފަހައިދިނުމަށް އެދެމުންނެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޑެލިވަރީ ކުރާ މީހުން ހިމެނެ އެވެ.
"މިއަދު އެކަނި ވެސް 200 އެއްހާ މާސްކް ފަހައި ހަވާލުކޮށްފިން. މިހާރު ވަނީ އިތުރު 1،000 މާސްކް ފެހުމަށް އޯޑަރު ލިބިފައި،" ހިލޭ ސާބަހަށް ކުރާ އެ މަސައްކަތާ ގުޅޭގޮތުން ނަދޫ ބުންޏެވެ.
"ޓެކްސީ ސެންޓަރުތަކާއި ފިހާރަތަކުން ވެސް މާސްކް ފަހަން ގުޅާ."
މަޑު ކޮޓަން ފޮތީގައި އޭނާ އެންމެ ފުރަތަމަ މާސްކް ފަހަން ފެށީ، އަތުގައި ހުރި ފޮތިންނެވެ. އެ ހުސްވުމާއެކު، ފުލުހުން ކައިރީ ބުނެގެން ފޮތިފިހާރައެއް ހުޅުވައިގެން އިތުރު ފޮތި ގަތެވެ. ނަދޫ ބުނިގޮތުގައި އެ ފޮތި ގަތީ، އޭނާ މާސްކް ފަހާކަން އެނގުމުން، އޮފީހުގެ އިސްވެރިއަކު އަމިއްލަ އަށް ހަދިޔާ ކުރެއްވި ފައިސާއިންނެވެ.
އެކަނި ގޭގައި އިނދެގެން ނަދޫ ފަހާ މި މާސްކްތައް ހަވާލުކުރުމުގައި ވެސް އެންމެ އިސްކަން ދެނީ ރައްކާތެރިކަމަށެވެ. އެގޮތުން މާސްކްތައް ބަލާ އަންނަ މީހުންނާ ސީދާ ބައްދަލުކުރުމުގެ ބަދަލުގައި ބެލްކަނިން މާސްކް ކޮތަޅު ވައްޓާލަނީ އެވެ.
މި ގޮތަށް މާސްކް ފަހަނީ ނަދޫ އެކަންޏެއް ނޫނެވެ. ފެހުމުގެ މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ މިކަމަށް އިސްނަގައިފަ އެވެ. ފެޝަން ޑިޒައިނާ މުނާލް ޝުޖާއުގެ ފަމުޝޫ ބްރޭންޑްގެ ވަރަށް ރީތި މާސްކްތަކެއް ވެސް ވަނީ ބަހައިފަ އެވެ. ބޮޑު ތަރުހީބެއް ލިބުނު، އެކި ކުލަކުލައިގެ މާސްކްތައް ވެސް ހާހަކަށް ވުރެ ގިނައިން އޭނާ ތައްޔާރު ކުރި އެވެ. އެތަކެތި އޭނާ ބެހީ އާއިލާގެ މީހުންނާއި ވޮލަންޓިއަރުންގެ އެހީގަ އެވެ.
މާސްކްގެ އިތުރުން، ޕްރޮޓެކްޓިވް ޝީލްޑް ވެސް ބައެއް މީހުން ހަދަ އެވެ. އަދި އެތަކެއްޗަށް ދަނީ ބޮޑު ޑިމާންޑެއް ލިބެމުންނެވެ.
ކޮރޯނާވައިރަސް ފެތުރިގެން ދިޔަ ދުވަސްވަރު ޑޮކްޓަރުން އިރުޝާދު ދިނީ، ކެއްސައި ކިނބިހި އަޅާ އަދި ބަލި މީހުންނާ ސީދާ ބައްދަލުވާ މީހުން މާސްކުން ރައްކާތެރިކަން ހޯދުމަށެވެ. އެކަމަކު މާލެ ތެރޭގައި މިހާރު އެ ބަލި ވަރަށް ބޮޑަށް ފެތުރިފައިވުމާއެކު، ކޮންމެ މީހަކު ވެސް ބޭރަށް ނުކުންނައިރު މާސްކް އެޅުން މުހިއްމު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ކޮރޯނާވައިރަސް ފެތުރެނީ ވަރަށް ކުދި ޑްރޮޕްލެޓް ތަކަކަށް ވުމުން، އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ ސާޖިކަލް މާސްކުންނެވެ. އެކަމަކު، މިހާރު ލިބުން ދަތިވެފައިވާ އެ މާސްކްގެ ބަދަލުގައި ފޮތި މާސްކް ވެސް އެންމެ ރަނގަޅެވެ. އެކަމަކު މާސްކުގައި ގިނައިން އަތް ނުލުމާއި ދެ ވަނަ ފަހަރަށް އެ ބޭނުން ކުރާ ނަމަ، ރަނގަޅަށް ދޮވެ، ޑިސްއިންފެކްޓް ކުރުމަށް ފަހު ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ.