22 އެޕްރީލް 2020 - 09:27

މިއަދަކީ ހިނގަމުން މިދާ 1441 ވަނަ އަހަރުގެ ޝަޢުބާން 29 ވަނަ ދުވަހެވެ. މިއަދުގެ އިރުއޮއްސުމަށް ފަހު، މުސްލިމުންގެ އާދަކާދައިގެ މަތިން، މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން ދުނިޔޭގެ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް އޮންނާނެ އެވެ. ނަމަވެސް، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތައް ފުރަބަންދުގެ ހާލަތުގައި އޮތުމުން، ހަނދު ބެލުމަށް އާންމު ރައްޔިތުން ނުކުތުމަށް ގިނަ ގައުމުތަކުން ބާރު އަޅާނެ ކަމަކަށް ނުބެލެވެ އެވެ.
މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ޢިލްމުތަކުގެ ބޭނުން ހިފައިގެން، މި ދީނުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ނަމާދު ފުރިހަމަކުރަމުންދާ ފަދައިން، ރޯދައިގެ އަޅުކަން ކުރުމުގެ ފުރުސަތު ވެސް އެކަލާނގެ ވަނީ ތަނަވަސްކޮށްދެއްވައިފަ އެވެ. އަދި އިރާއި ހަނދުގެ ދައުރުވުން ހިސާބުކޮށްގެން މައްސަރުތަކާއި އަހަރުގެ ދުވަސްތައް ދެނެގަތުމަށް، ކީރިތި ޤުރްއާނުގެ ޔޫނުސް ސޫރަތުގެ ފަސް ވަނަ އާޔަތުގަޔާއި އިސްރާއު ސޫރަތުގެ 12 ވަނަ އާޔަތުގައި، މާތް ﷲ ވަނީ އިންސާނުންނަށް އިރުޝާދު ދެއްވައިފަ އެވެ.
ހިނގަމުން މިދާ ޝަޢުބާން މަހުގެ ހަނދު އުފަންވެފައިވަނީ، ހުސްވި މާޗު 24 ވަނަ ދުވަހު ރާއްޖޭ ގަޑިން 14:28ގަ އެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސޭއިރު ޝަޢުބާން މަހުގެ ހަނދުގެ އުމުރުން ހޭދަވެފައިވާނީ، 29 ދުވަހާއި ތިން ގަޑިއިރާއި 43 މިނެޓެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ގޮތުގައި ހަނދު މަހެއްގައި އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ.
މިއަދަކީ ޝަޢުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވިޔަސް، މިއަދަކީ ޝަޢުބާން މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ރަމަޟާން މަހުގެ ހަނދު އުފަންވެއްޖެ ނަމަ އެވެ. އައު މަހަކަށް ހަނދު އުފަންވެއްޖެ ކަން ސާބިތުކުރުމަށް، މިޒަމާނުގެ ފަލަކީ ޢިލްމު ނެތްއިރު ބޭނުންކުރި މިންގަނޑަކީ، 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ކިތަންމެ ކުޑަ ވަގުތުކޮޅަކު ވިޔަސް، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ހުއްޓައި ފެނުމެވެ. ޢިލްމުން އެކަން ހޯދެން ނެތް ޒަމާނުގައި، މުސްލިމުން އަމަލުކުރުމަށް، ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި އޮތީ ވެސް އެ ގޮތަށެވެ.
ނަމަވެސް މިޒަމާނުގެ މުޖައްރިބު ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން، ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް މިއަދު ހަނދު އޮއްސޭނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން، ވެރިރަށް މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 23 މިނެޓް ކުރިން އަދި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް، މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
އިސްލާމީ ދުނިޔޭގެ ގައުމުތަކަށް މިއަދު އިރު އޮއްސޭ އިރު، ހަނދު އޮއްސޭނެ ވަގުތުތަކަކީ މި އެވެ. އެންމެ އިރުމަތީގައި އޮތް ބުރޫނާއީއަށް 28 މިނެޓް ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް، 22 މިނެޓް ކުރިން، ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް 26 މިނެޓް ކުރިން، އެންމެ އުތުރުން ތުރުކީގެ އިސްތަންބޯލްއަށް، 37 މިނެޓް ކުރިން، އެންމެ ހުޅަނގުން، މަޣްރިބުގެ ރަބާޠަށް، 27 މިނެޓް ކުރިން، އަދި ސެނެގާލްގެ ޑަކާރްއަށް، 16 މިނެޓް ކުރިންނެވެ.
މިއަދު އިރު އޮއްސުމުގެ ކުރިން އެންމެ ލަހުން ހަނދު އޮއްސޭނެ އެއް ތަނަކީ އެންމެ ދެކުނުން މޮޒަމްބީގްގެ މަޕޫޓޯ އެވެ. އެ ސިޓީއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ފަސް މިނިޓްކުރިންނެވެ.
މިއަދުގެ އިރާއި ހަނދު އޮއްސުމުގައި ހުރި މިދެންނެވި ތަފާތުތަކުން އެނގެނީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމަކީ މުސްތަޙީލު ކަމެއް ކަމެވެ. މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެނިއްޖެ ކަމަށް، މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިން ކަމަށް ވިޔަސް، އެ ހެކިބަސް ގަބޫލެއްނުކުރެވޭނެ އެވެ. ސަބަބަކީ، މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން ހަނދު އޮއްސޭނެ ކަމާއި، އިރު އޮއްސުމަށް ފަހުގައި، އުޑުމަތީގައި ހަނދު ނުހުންނާނެކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް، ފަލަކީ ހިސާބުން ކަށަވަރުވާތީ އެވެ. މިއީ ތާބިޢީ ބޭކަލެއް ކަމަށްވާ މުޠައްރިފު ބްނި ޢަބްދުﷲ އާއި ޝާފިޢީ މަޒުހަބުގެ މަޝްހޫރު ޢިލްމުވެރިން ކަމުގައިވާ އަބުލް ޢައްބާސް ބްނި ސުރައިޖާއި ތަޤިއްޔުއްދީނުއް ސުބްކީ އާއި ޙަންބަލީ މަޒްހަބުގެ ފިޤްހުވެރިއެއް އަދި ހަދީސް ޢިލްމުވެރިއެއް ކަމަށްވާ އިބްނު ޤުތައިބާގެ ރައުޔެވެ.
މިއަދަކީ ޝަޢުބާން 29 ވަނަ ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝަޢުބާން މަސް އެކުގައި ނުނިމޭނެ އެވެ. ހަނދު މަހެއް ފުރިހަމަވެ (ނިމި) އަނެއް މަސް ފެށެނީ، ހަނދު، މި ބިމުގެ ވަށައިގެން ބަރާބަރު ބުރެއް ފުރިހަމަކުރާ ވަގުތުގަ އެވެ. އެއަށް ވުރެ ތަފްސީލް ގޮތެއްގައި ދަންނަވާ ނަމަ، އިރުގެ އެތެރޭގެ މެދުން މި ބިމުގެ އެތެރޭގެ މެދަށް (އިރުގެ މަރުކަޒުން މި ބިމުގެ މަރުކަޒަށް) ދަމައިލެވޭ ޚިޔާލީ ރޮނގަށް، ހަނދު އަރައި ހަމަވުމުންނެވެ. ފަލަކީ ޢިލްމުގައި، އެ ހާލަތަށް ޢަރަބި ބަހުން ކިޔައި އުޅެނީ، އިޤްތިރާންވުން، އިނގިރޭސި ބަހުން ކިޔައި އުޅެނީ ކޮންޖަންކްޝަން ވުމެވެ. ދިވެހި ބަހުން މި ހާލަތަށް "އެއްއުއިވުން" ކިޔުން އައުލާކަމުގައި ދެކެމެވެ. މި ބިމުގެ ވަށައިގެން ހަނދު، ޖަހަމުންދާ ބުރު ހަމަވާނީ އެ ނުކުތާއަށް ހަނދު އައުމުންނެވެ.
މިހާރު މި ބިމާއި އިރާއި ހަނދު ފަޒާގެ ތެރޭގައި ބުރު ޖަހަމުންދާ ފަލަކުގެ ޙހާލަތަށް ބަލާއިރު، މާލެއަށް މިއަދު އިރު އެރުމުގެ 31 މިނެޓް ކުރިން ހަނދު އަރާނެ އެވެ. މިއަދު އިރު މެދުޖެހޭ ވަގުތު ވެސް ހަނދު ހުންނާނީ އިރަށް ވުރެ ހުޅަނގަށް ޖެހިފަ އެވެ. ނަމަވެސް ޝަޢުބާން މަހުގެ ހަނދު އުފަންވި ވަގުތުން (2020 މާޗް 24، 14:28) ފެށިގެން، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަކުރުމަށްޓަކައި، ހަނދު ދާނީ އިރާ ކައިރިއަށް ޖެހެމުންނެވެ. ނަމަވެސް މިއަދުގެ އިރު އޮއްސުމާ ހަމައަށް އެ ބުރު ފުރިހަމަ ނުވާތީ، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ.
މި ދެންނެވި ގޮތަށް ހަނދު، އިރާ ކައިރިއަށް ޖެހެމުން ގޮސް، ދުނިޔެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަކުރުމަށްޓަކައި، މި ބިމާއި އިރާއި ހަނދު އެއްއުއި ވާނީ (ކުރިން ދެންނެވި ޚިޔާލީ ރޮނގަށް، ހަނދު އަރައި ހަމަވާނީ)، މާދަމާ (އޭޕްރީލް 23، ޝަޢުބާން 30، ބުރާސްފަތި ދުވަހު) ރާއްޖޭ ގަޑިން، ހެނދުނު 7:26 (ޖީއެމްޓީ ގަޑިން މިރޭ މެންދަމު 2:26)ގަ އެވެ. މީގެ މާނައަކީ، ރާއްޖެއަށް މިއަދުގެ އިރު އޮއްސޭއިރު، ހިނގަމުން މިދާ ޝަޢުބާން މަހުގެ ހަނދުގެ އުމުރުން 13 ގަޑިއިރާއި 16 މިނެޓް ބާކީ އޮންނާނެ އެވެ.
ރަމަޟާން މަހުގެ ހަނދު އުފަންވާ ވަގުތަށް (ޖީއެމްޓީ ގަޑިން މިރޭ މެންދަމު 2:26) ބަލާއިރު ވެސް، އެ ވަގުތަކީ އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމަކަށް، ޝަޢުބާން 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގެ ވަގުތެކެވެ. އެންމެ އިރުމަތީގައި އޮތް ބުރޫނާއީ ދާރުއްސަލާމަށް، ރަމަޟާން މަހުގެ ހަނދު އުފަންވާނީ، މިއަދުގެ އިރު އޮއްސުމުގެ 16 ގަޑިއިރާއި ދެ މިނެޓް ފަހުންނެވެ. އަދި އެންމެ ހުޅަނގުގައި އޮތް ސެނެގޯލް ޑަކާރަށް، ރަމަޟާން މަހުގެ ހަނދު އުފަންވާނީ، މިއަދުގެ އިރު އޮއްސުމުގެ ހަތް ގަޑިއިރާއި ދެ މިނެޓް ފަހުންނެވެ. އެހެންކަމުން އެ ދެމެދުގައިވާ އެއްވެސް ގައުމަކަށް، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ރަމަޟާން މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވެ އެވެ.
މާދަމާ އަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ވާތީ، ރޯދަ ހިފަން ފެށުމަށްޓަކައި، މާދަމާ ރޭ ހަނދު ފެނުމަކީ ލާޒިމް ކަމެއް ނޫނެވެ. ނަމަވެސް މާދަމާ ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ 20 މިނެޓް ފަހުން ކަމަށް ވާތީ، އުޑުމަތި ސާފު ނަމަ، ހުޅަނގު ފަރާތު އުދަރެހުން، ގާތްގަނޑަކަށް ހަތަރު ދަރަޖަ އުސްމިނުގައި، ހަނދު ފެންނަން ހުންނާނެ އެވެ.
މިދެންނެވި ޢިލްމީ ހަގީގަތްތަކުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެނީ، މިއަދަކީ މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަސް ކަމާއި، މާދަމާއަކީ މި އަހަރުގެ ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމެވެ. ވިލާތުގެ ކަލަންޑަރުގައި ދުވަސް ފެށެނީ، މެންދަމު 12 ޖެހުމުން ކަމަށް ވިޔަސް، އިސްލާމީ ޝަރީޢަތުގައި ދުވަސް ފެށެނީ އިރު އޮއްސުމުންނެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަސް ފެށޭނީ، މި ހިނގާ އެޕްރީލް މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާ އެކުގަ އެވެ. މުލަ ރޯދަ ދުވަހަށް ވާނީ، އެޕްރީލް 24 ވާ ހުކުރު ދުވަހެވެ.
އަހުމަދު އަބްދުﷲ ސައީދަކީ ކުރިން "ހަވީރު" އަދި އޭގެ ފަހުން "މިހާރު"ގެ އިސް މަގާމުތަކެއް ފުރުއްވި ނޫސްވެރިއެކެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަހުމަދު އަބްދުﷲ ސައީދު ގެންދަވަނީ ރަމަޟާން މަހުގެ ހަނދާއި އީދަށް ހަނދު ބެލުމާ ބެހޭ ގޮތުން އިލްމީ ލިއުންތައް ލިއުއްވަމުންނެވެ.