21 އެޕްރީލް 2020 - 19:53

ސ. ހިތަދޫގެ ފެނަކަ ޕަމްޕް ސްޓޭޝަނުގައި ބަޔަކު ގަސްދުގައި މިއަދު ރޯ ކޮށްލައިފި ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ސޯބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ އެ ރަށުގެ ހިދުމަތްތައް މެދުކަނޑައިލުމުގެ ނިޔަތުގައި ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އަދި މިކަން ކުރި ބައެއް ހޯދައި، އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯބެ ގޮވައިލެއްވި އެވެ.
"ވަރަށް ހިތާމަވެރި ކަމެއް،" ސޯބެ ވިދާޅުވި އެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ހަވީރު ފަހެއް ޖަހަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ޕަމްޕް ސްޓޭޝަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުގައި ވާތީ، މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް އަދި ބުނެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ފަހަކަށް އައިސް ގަސްދުގައި ތަންތަނުގައި ރޯކުރުމުގެ އަމަލުތައް ގިވަމުންދާ ކަމަށް ފުުލުހުން ވެސް ބުނެފައި ވެ އެވެ. ޚާއްސަކޮށް ސަރުކާރުގެ ތަކެއްޗާއި ތަންތަނަކީ އެ ފަދަ ޖަރީމާތައް ހިންގާ މީހުންގެ އަމާޒަކަށް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އދ. މަހިބަދޫ ފަޅުތެރޭގައި އަޅާފައި ހުރި ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި މިދިޔަ ހަފުތާގައި ރޯކޮށްލާފައިވާއިރު އޭގެ ތެރޭގައި ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސް އަދި އދ. އަތޮ ކައުންސިލްގެ ލޯންޗު ހިމެނެ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ އެއީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށެވެ.