ސްކޫލުތައް ބަންދުކުރިޔަސް ދަރިވަރުން ރިޕީޓެއް ނުވާނެ: އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލުތައް ބަންދުކުރިޔަސް ދަރިވަރުން ރިޕީޓެއް ނުވާނެ: އެޑިއުކޭޝަން މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުމުގެ މުއްދަތު ދިގުލައިގެން ދިޔަ ނަމަވެސް ދަރިވަރުން ގްރޭޑްގައި ރިޕީޓެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ގްރޭޑްތަކުގައި ދަރިވަރުން ރިޕީޓް ކުރިޔަސް ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ އޮޓޮމެޓިކް ޕްރޮމޯޝަނަށް ކަމަށެވެ. އެހެންވެ، އެ އުސޫލުގެ ތެރެއިން، މިހާރު ކިޔަވަމުން އަންނަ އެއްވެސް ދަރިވަރަކު ރިޕީޓެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި މާލޭގައި ވެސް ހަލުއިކޮށް ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވާނެ ގޮތަކާ މެދު ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

އާތިޔާ ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުން ގްރޭޑް ރިޕީޓްކޮށްފި ނަމަ ވެސް ލިބޭނީ ގެއްލުމެއް ކަމަށެވެ. އޭގެ ބަދަލުގައި، ހާއްސަ ޕްލޭނެއް ހަދައި އޭގެ ދަށުން ކިޔަވައިދޭނީ ކަމަށް ވިދާޅުވި އެވެ.

"ބެލެނިވެރިން ކަންބޮޑު ނުވާށޭ މި ދުވަސްވަރު ކިޔަވައި ނުދީގެން. މީގެ ކުރިން ކުދިންނަށް ނުކޮށްދެވި ހުރި ކަންތައްތައް ކޮށްދޭށޭ. ގޭތެރޭގެ ކަންތައްތަކުގައި ވެސް ދަރިވަރުން ބައިވެރި ކޮށްގެން އުޅުން މުހިއްމު،" އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިއްޖެ ނަމަ ސްކޫލުތައް ހުޅުވާނެ ގޮތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެންމެ ފުރަތަމަ ކިޔަވައިދޭނެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.

"ސްކޫލާ ގުޅުން ހުރި ކަމެއް ވީމާ މުޅި މުޖުތަމައު މިކަމުގައި މި ބައިވެރިވަނީ. އެންމެންގެ ރައްކާތެރި ކަމަށް ވިސްނާފައި ގޮތެއް ނިންމާނީ،" އާތިޔާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް މާލެ އިން ފުރަތަމަ މީހަކު މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވި ފަހުން އެ ބަލީގެ 63 މީހަކު މިއަދާ ހަމައަށް ވަނީ ފެނިފަ އެވެ. އޭގެ ކުރިން ކޮވިޑް-19 ޖެހުނު މީހުންނާ އެކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83 އަށް އަރައިފަ އެވެ.