21 އެޕްރީލް 2020 - 15:34

ރަށްރަށުގައި އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކައުންސިލްތަކަށް އިއްޔެ އަންގައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އަދި އަތޮޅު ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން އޮތީ އަންގައިފަ އެވެ. އެގޮތުން ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބޭއްވުމުގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރި އެންމެން ގޭގައި މަޑުކުރަން ވެސް އޮތީ އަންގައިފަ އެވެ.
އެޗްޕީއޭގެ އެންގުމުގައި ވަނީ ކުރީގެ އެ އެންގުންތައް ތަންފީޒު ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އެޗްޕީއޭގެ އެންގުންތަކާ ޚިލާފް ނުވާނެ ގޮތުގެ މަތިން އެއްވެ އުޅުން ހުއްޓުވުމާއި ސޯޝަލް ޑިސްޓޭންސިން ގާއިމް ކުރަން ފިޔަވަޅުތައް އެޅުމަށް ކައުންސިލްތަކަށް އަންގާ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބާރު ހިނގާ ސަރަހައްދުގައި އެކަހެރި ކުރެވޭ މީހުންނާއި ކަރަންޓީން ކުރާ މީހުންނަށް އެޗްޕީއޭ އިން ދޫކުރާ ލިޔުމާއި ކަރަންޓީނުން ދޫކޮށްލުމުން ދޫކުރާ ލިޔުން އެ މީހުންނަށް ހަވާލު ކުރަން ކައުންސިލްތަކަށް އަންގާ ކަމަށް އެ އެންގުމުގައިވެ އެވެ.
އެކަމަކު އެއްވެ އުޅުން ހުއްޓުވުމާއި ސޯޝަލް ޑިސްޓޭންސިން ގާއިމް ކުރުމުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ކައުންސިލްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
އެޗްޕީއޭ އިން އެގޮތަށް ކައުންސިލްތަކަށް އެންގިއިރު، ހއ. އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުން ބައެއް ރަށްރަށުން މިހާރު ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހދ. ކުޅުދުއްފުށި ވެސް ތިން ދުވަހަށް ލޮކްޑައުން ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެހެން ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އާންމު ޚިދުމަތްތަކާއި ވިޔަފާރިތައް ކުރެވޭނެ ވަކި ގަޑިތަކެއް ވެސް ކަނޑައަޅައިފަ އެވެ.