ކިމް ޖޮންގް-އުން ވަރަށް ބޮޑަށް ބަލިވި ވާހަކަ ދޮގުކޮށްފި
ކިމް ޖޮންގް-އުން ވަރަށް ބޮޑަށް ބަލިވި ވާހަކަ ދޮގުކޮށްފި

ޕިއޮންޔޮން (އެޕްރީލް 21) - ހިތުގެ އޮޕަރޭޝަނަކަށް ފަހު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަރަށް ބޮޑަށް ބަލިވި ކަމަށް ބުނާ ވާހަކަތައް ސައުތު ކޮރެއާ އިން ދޮގުކޮށްފި އެވެ.

ސައުތު ކޮރެއާގެ ރިޔާސީ އޮފީހުން ބުނީ ނޯތު ކޮރެއާގެ 36 އަހަރުގެ ލީޑަރު ހާލު ދެރަވި ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ނޫން ކަމަށެވެ.

މިއީ ކިމް ޖޮން-އުންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އަޑުތަކެއް ފެތުރުނު ފުރަތަމަ ފަހަރެވެ. ކިމް ބަލިވި ކަމުގެ ވާހަކަތައް ފެތުރިފައި ވަނީ ކާކާފުޅުގެ އުފަން ދުވަސް ފާހަގަ ކުރަން އެޕްރީލް 15 ދުވަހު ބޭއްވި އިހުތިފާލުގައި ބައިވެރިވެވަޑައިނުގަތުމުންނެވެ. މީގެ ކުރިން ހުރިހާ ފަހަރެއްގައި ވެސް ކިމް ވަނީ އެ ހަފުލާގައި ބައިވެވަޑައިގެންފަ އެވެ. ނަމަވެސް އެޕްރީލް 12 ގައި ކިމްގެ އިވެންޓެއް ގައުމީ ޓީވީން ވަނީ ދައްކައިފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި މިސައިލް ޓެސްޓް ކުރުމުގެ ރަސްމިއްޔާތަކުން ވެސް ކިމް ނުފެނެ އެވެ. އެކަމަކު މިސައިލް ޓެސްޓް ކުރަން ބާއްވާ ރަސްމިއްޔާތުގައި ކިމް އާއްމުކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ.

ސެޕްޓެމްބަރު 2014 އިން ފެށިގެން ކިމް ވަނީ 40 ދުވަހަށް "ގެއްލިފަ" އެވެ. ފަހުން ފެނުނު އިރު ކިމް އުޅުއްވީ އަސާގަނޑެއް ހިއްޕަވައިގެންނެވެ.