މެލޭޝިއާ އިން ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ
މެލޭޝިއާ އިން ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ

ކުއާލަ ލަމްޕޫރު (އެޕްރީލް 21) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މެލޭޝިއާގައި ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ވައިރަސް ފެތުރުން ލޮންޓްރޯލް ކުރުމަށް ލޮކްޑައުންކޮށްފައި އޮތް މެލޭޝިއާ އިން އިއްޔެ ޕޮޒިޓިވްވީ 36 މީހުންނެވެ. މިއީ ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭ މެލޭޝިއާ އިން އެންމެ މަދުން ޕޮޒިޓިވްވި ދުވަހެވެ. ކޮރޯނާވައިރަހުގައި މެލޭޝިއާ އިން އެއްވެސް މީހަކު މަރުވި ކަމަށް އިއްޔެ ރިޕޯޓްކޮށްފައެއް ނުވެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ބަލިޖެހިފައި ތިބި މީހުންގެ ތެރޭން ރަނގަޅުވެގެން އިއްޔެ 98 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އިއްޔެ އަކީ، ޕޮޒިޓިވްވާ މީހުންނަށް ވުރެ ހޮސްޕިޓަލުން ދޫކޮށްލާ މީހުންގެ އަދަދު ޖެހިޖެހިގެން އިތުރުވި އަށް ވަނަ ދުވަހެވެ.

މެލޭޝިއާ ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު 34 ދުވަސްވެއްޖެ އެވެ. ލޮކްޑައުން މުއްދަތު ހަމަވާނީ މި މަހު 28 ގަ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 5,425 މީހުން ޕޮޒިޓިވްވެ 89 މީހުން މަރުވެފަ އެވެ.