21 އެޕްރީލް 2020 - 13:42

ރޯމް (އޭޕްރިލް 21) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފަށަން ހަތް ކްލަބަކުން ދެކޮޅު ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ލީގު ހިންގާ ކައުންސިލުން އޮތީ ލީގު ފުރިހަމަކުރަން ހިފާފާ އެވެ.
އެ ލީގުން ނެރުނު ބަޔާނެއްގައި ބުނީ ލެގާ ސެރިއޭ ކައުންސިލުން ބައްދަލުކޮށް ވަނީ، ސަރުކާރުން ހުއްދަދޭ ނަމަ، ލީގު ފުރިހަމަކުރަން ރުހުން ދީފައި ކަމަށެވެ.
އެކަމަކު އެއްވެސް ގޮތަކަށް އަލުން ފަށާ ނަމަ އެކަން ކުރާނީ ފީފާ އާއި ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށް ވެސް ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބްރެޝިއާ، ޓޮރިނޯ، ސަމްޕްޑޯރިއާ، އުދިނޭޒީ، ސްޕާލް، ޖެނޯއާ އަދި ކަލިއާރީން ލީގު ފަށަން ބޭނުމެއް ނުވެ އެވެ. އެއީ އަލުން ފަށައިގެން ކުރިމަތިވެދާނެ ނުރައްކާ އަންދާޒާކުރަން ނޭގޭތީވެ އެވެ. މީގެ ތެރެއިން ހަ ކްލަބެއް ނިސްބަތްވަނީ ކޮވިޑުގެ ނުރައްކާ އެންމެ ބޮޑުވި އިޓަލީގެ އުތުރުގެ ހިސާބުތަކަށެވެ.
މިދިޔަ މަހުގެ 9 ދުވަހުން ފުޓްބޯޅަ މެދުކަނޑާލާފާއި އޮތްއޮތުން އަންނަ މަހުގެ ކުރީކޮޅު ކޮންމެވެސް ސިފައެއްގައި ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އެއީ މޭ 3 ވަނަ ދުވަހު ލޮކްޑައުން ނިންމުމުގެ ފުރުސަތު އޮތުމާ އެކު އެހިސާބުން ޕްރެކްޓިސްތައް ފަށަން ފުރުސަތު ލިބުމެވެ. ގައުމުން ބޭރުގައި ތިބި ބައެއް ކުޅުންތެރިން މިހާރު ވަނީ އަންނަން ފަށައިފަ އެވެ.
އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަރޯރާ މި ހަފުތާގެ ތެރޭގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލުންނާ ބައްދަލުކުރާނެ އެވެ. އެކަމަކު އޭނާ ވަނީ ތަމްރީންތައް ވެސް އަލުން ފެށިދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހެ އެވެ. ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އަދި އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުތަކުން ފެށިގެން ފައިނަލާއި އަދި ޔޫރަޕުގައި އިޓަލީގެ ހަތަރު ޓީމެއް ކުޅެން ޖެހޭ މެޗުތައް އެބައޮތެވެ.
ޔުއެފާ އިން ބާރު އަޅަނީ ސީޒަން ފުރިހަމަކުރާށެވެ. އެކަމަށް ވަގުތު ދިނުމުގެ ގޮތުން ޖޫން/ޖުލައި މަހު އޮންނަ ޔޫރޯ އާއި ކޮޕާ އެމެރިކާ ވަނީ ފަސްކޮށްފަ އެވެ. އަދި ޔުއެފާގެ އެންގުމާ ހިލާފަށް ސީޒަން ފުރިހަމަނުކުރާ ނަމަ އެ ގައުމެއްގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުން ޖާގަ ނުލިބިދާނެ އެވެ. އެހެންވިޔަސް، ފެށުން މާބޮޑަށް ފަސްވެއްޖެ ނަމަ، ކެންސަލްކޮށްފާނެ އެވެ.