21 އެޕްރީލް 2020 - 16:23

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖް އުމުރު އުޅެނީ 40 އަހަރުން ދަށުގައި ކަން ރަސްމީ މައުލޫމާތުތަކުން އެނގެ އެވެ.
ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާތަނަށް އާންމުކުރި ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި 69 މީހުންގެ ތަފްސީލްތަކަށް ބަލާއިރު އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. މިހާތަނަށް ރާއްޖެ އިން ފެނުނު ކޮވިޑް-19 ބަލިމީހުންގެ ތެރެއިން 49 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 20 އެވެ.
މުޅި ދުނިޔޭގައި ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 ބަލީގައި ރާއްޖެ އިން މިހާތަނަށް ފެނުނު މީހުންގެ އެވްރެޖް އުމުރު އުޅެނީ 38 ގަ އެވެ. ދުނިޔޭގެ ހިސާބުތަކަށް ބަލާއިރު، މި ބަލީގައި އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސް ވީ މީހުންނާއި ބައެއް ބަލިތަކާ ހެދި ދިފާއީ ނިޒާމް ދަށް މީހުންނެވެ. ޒުވާން އުމުރުގެ މީހުން މަރުވި ނަމަވެސް އެއީ ނިސްބަތުން ބަލާ ނަމަ ވަރަށް ދަށް އަދަދެކެވެ.
މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވް އަންހެނުންގެ އެވްރެޖް އުމުރަކީ 30 އެވެ. ފިރިހެނުންގެ އެވްރެޖް އުމުރު އުޅެނީ 36 ގަ އެވެ.
ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރޭގައި އެންމެ ހަގީ ދެ އަހަރުގެ ކުއްޖެކެވެ.
ފުރަތަމަ 69 ކޭސްގައި 45 އަހަރާއި 64 އަހަރާ ދެމެދުގެ 15، 65 އަހަރާއި 74 އަހަރާ ދެމެދުގެ ދެ މީހަކު ހިމެނެ އެވެ.
މާލެއިން މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ވަކި އުމުރެއް ޔަގީންނުވާ 13 މީހަކު ހިމެނެ އެވެ. އެއީ މުޅިން ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
މިއަދުގެ މިހާތަނަށް އަލަށް 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު، އެ އެންމެންގެ ހުރިހާ މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ. އޭގެ ތެރޭގައި 80 އަހަރުގެ ދިވެއްސަކު ހިމެނެ އެވެ. އޭނާ ވަނީ އިތުރު ފަރުވާ ބޭނުންވެދާނެތީ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް-19 ގެ ބަލިމީހުންގެ ތެރެއިން ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދޭން ޖެހެނީ ގާތްގަނޑަކަށް 20 ޕަސެންޓް މީހުންނަށެވެ. އައިސީޔޫގައި ބާއްވަން ޖެހޭ މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް ފަސް ޕަސެންޓްގަ އެވެ.