21 އެޕްރީލް 2020 - 13:21

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 68 ލޭބަރުން މިއަދު އެނބުރި ގައުމަށް ފުރައިފި އެވެ.
މި މީހުން ބަންގްލަދޭޝް އަށް ފުރާފައި ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނައި އެ ގައުމުގެ އަސްކަރީ ފްލައިޓުގަ އެވެ.
އިމިގްރޭޝަނުން ބުނީ މިއަދު ރާއްޖެއިން 68 މީހުން އެނބުރި ގައުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިމިގްރޭޝަން ޑިޓެންޝަނުގައި ތިބި 29 މީހުން ވެސް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރޭގައި ރަޖިސްޓްރީ ނުވާ އަދި ސައްހަ ލިޔެކިއުމެއް ނެތް ގިނަ މީހުންތަކެއް ވެސް ހިމެނެ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ތެރެއިން ބައެއް މީހުން ފުރުވާފައި މިވަނީ މިވަގުތު ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ތެރެއިން އަތުގައި ސައްހަ ޕާސްޕޯޓު އޮތް، ގައުމަށް ދާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުމަށް ފަހު އެވެ.
ރާއްޖޭގައި ކޮވިޑް-19 މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ދިވެހިންގެ އިތުރަށް މާލޭގައި ދިރިއުޅެމުން އަންނަ ބިދޭސީންއަށް ވެސް މި ބަލި ވަނީ ޖެހިފަ އެވެ. އެގޮތުން މާލެއިން މިހާތަނަށް 23 ބަންގްލަދޭޝް މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.