22 އެޕްރީލް 2020 - 08:41

މީގެ ހަތަރު އަހަރު ކުރިން މަރުވެފައިވާ އެމެރިކާގެ ބޮކްސިން ލެޖެންޑް މުހައްމަދު އަލީއާ އެކު ފިލްމެއް ކުޅެން ވާހަކަ ދެކެވުނު ކަމެއް ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.
ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުނާ އެކު މަސައްކަތެއް ނުކުރެވި މި ވަގުތު ގޭގައި ހުންނަން ޖެހުމުން، އެކުގައި މަސައްކަތްކުރި "ރަން ޑައިރެކްޓަރުންނާއި" އަމިއްލަ ފިލްމީ ކެރިއަރުގެ "ރަން ޒަމާނުގެ ވާހަކަތައް ބްލޮގްގައި ހިއްސާކުރަމުން އަންނަ 77 އަހަރުގެ އެކްޓަރު ބުނީ އޭނާ އާއި އަލީއާ އެކު ފިލްމެއް ހަދަން އުޅުނީ އިންޑިއާގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޕްރަކާޝް މެހެރާ ކަމަށެވެ.
އަލީއާ އެކު 1986 ގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކުރަމުން އަމީތާބު ބުނީ އެ ފިލްމުގެ ވާހަކަ ދެކެވުނީ އެމެރިކާގެ ލޮސް އެންޖެލިސްގައި އަލީއާ އެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރޭގައި ކަމަށެވެ.
"އެކަމަކު ކަން ދިމާކުރިގޮތުން އެ ފިލްމު ހެދޭ ގޮތެއް ނުވި." އަމީތާބް ބުންޏެވެ. "އެ ފިލްމުގެ ވާހަކަ ދެކެވުނީ އެލްއޭގައި ހުންނަ އަލީގެ ގޭގައި."
އޭނާ ބުނިގޮތުގައި އަލީ އާއި މައިކް ޓައިޒަން ފަދަ ޝަހުސިއްޔަތުންނަކީ އަބަދު ވެސް ވަރަށް ގަޔާވި ބައެކެވެ. އަދި އަލީއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެއީ ވަރަށް ހިތްތިރި، ހިތްހެޔޮ އެކުވެރި މީހެއް ކަމަށް ބުންޏެވެ.
އަލީ އާއި އަމީތާބާ އެކު މެހެރާ ފިލްމެއް ހަދަން ކުރި މަސައްކަތް ކާމިޔާުބު ނުވިޔަސް، އަމީތާބުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މެހެރާ ޑައިރެކްޓްކުރި ފިލްމުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޒަންޖީރު (1973)، މުގައްދަރު ކާ ސިކަންދަރު (1978)، ލަވާރިސް (1981)، ނަމަކް ހަލާލު (1982)، ޝަރާބީ (1984) އަދި ޖާދޫގަރް (1989) ހިމެނެ އެވެ.