ކްރިތީގެ "މިމީ" އާއި ސަނީގެ "ޝިއްދަތު" ޑިޖިޓަލްކޮށް؟
ކްރިތީގެ "މިމީ" އާއި ސަނީގެ "ޝިއްދަތު" ޑިޖިޓަލްކޮށް؟

ކޮރޯނާވައިރަހާ ހެދި ސިނަމާތައް ބަންދުކުރަން ޖެހުމުން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްސްމްގެ "އަނގްރޭ މީޑިއަމް" ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ+ހޮޓްސްޓާ އަށް ދޫކޮށްލާފައި ވަނިކޮށް، އެ ސްޓޫޑިއޯގެ އިތުރު ދެ ފިލްމެއް ވެސް ޑިޖިޓަލް ރިލީޒްކުރަން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ދެ ފިލްމަކީ މި އަހަރުގެ ޖުލައިގައި ސިނަމާތަކަށް ގެންނަން ރާވާފައިވާ އޮތް ބަތަލާ ކްރިތީ ސެނަންގެ "މިމީ" އާއި ސަނީ ކޯޝަލްގެ "ޝިއްދަތު" އެވެ.

"މިމީ" އަކީ މިދިޔަ އަހަރި ކްރިތީއާ އެކު "ލުކާ ޗުއްޕީ" ގެނެސްދިން ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކުރާ ފިލްމެކެވެ. ރަހިމު ވިއްކައިގެން އާމްދަނީ ހޯދާ އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ މި އަހަަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

"މިމީ" ކުޅެން ކްރިތީ ވަނީ ވަރަށް ބޮޑަށް ފަލަ ވެސްވެފައިވާ އިރު، އޭނާ ބުނެފައި ވަނީ މިއީ ކެރިއަރުގެ އެންމެ ހާއްސަ ފިލްމު ކަމަށެވެ. ޖުލައި މަހުގެ ތެރޭގައި އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

"ޝިއްދަތު" އަކީ "ޖަންނަތު" އާއި "ތުމް މިލޯ" ފަދަ ފިލްމުތައް ގެނެސްދިން ކުނާލް ދޭޝްމުކް ޑައިރެކްޓްކުރާ ފިލްމެކެވެ. ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ މި ފިލްމުގެ ކާސްޓްގައި ހިމެނެނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ އާއި ރާދިކާ މަދަން އާއި މޯހިތު ރައިނާގެ އިތުރުން ޑަޔާނާ ޕެންޓީ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "މިމީ" އާއި "ޝިއްދަތު" ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ގެނެސްދިނުމުގެ ވިސްނުން މެޑޮކްސް އިން ގެންގުޅެނީ ކޮރޯނާވައިރަހާ ދިމާކޮށް، އިންޑިއާ ލޮކްޑައުނަކަށް ގޮސް، ސިނަމާތައް ވެސް ބަންދުކޮށްފައިވާތީ، އާންމު ހާލަތަކަށް އަންނާނެ އިރެއް ނޭނގޭތީ އެވެ.

އަނެއްކޮޅުން ލޮކްޑައުނާ ދިމާކޮށް އިންޑިއާގެ ގިނަ ބަޔަކު ސްޓްރީމިންގެ ހިދުމަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ، އަލުން ސިނަމާތައް ހުޅުވިޔަސް، ފިލްމު ބަލާ މީހުން ކުރިއެކޭ އެއްގޮތަށް ސިނަމާތަކަށް ގޮސް ފިލްމު ބެލުމާ ދޭތެރޭ ބޮލީވުޑްގެ ވަރަށް ގިނަ މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

ހަންގާމާ އިން ބުނީ "މިމީ" އާއި "ޝިއްދަތު" ޑިޖިޓަލްކޮށް ރިލީޒްކުރާނީ، މެޑޮކްސް އިން ހުށަހަޅާ އަގު، ސްޓްރީމިން ޕްލެޓްފޯމްތަކަކުން އެއްބަސްވާ ނަމަ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ދިނޭޝް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ކޮރޯނާވައިރަހާ ހެދި ވަރަށް ގިނަ ފިލްމުތަކެއް ތާވަލުކުރި ތާރީހުތަކުގައި ރިލީޒްނުކުރެވި، ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު ވަނީ އޮޅުންބޮޅުންވެފަ އެވެ.