22 އެޕްރީލް 2020 - 08:38

ޚައިރާތަށް ދޭ އެހީގެ ވާހަކަ އަމިއްލަ އަށް ދައްކަން ބޭނުންނުވާ ކަމަށާއި އެހީއެއް ދިނަސް އެކަން ބާއްވަން ބޭނުން ވަނީ ސިއްރެއްގެ ގޮތުގައި ކަމަށް އެކްޓަރު ޖޯން އަބްރަހަމް ބުނެފި އެވެ.
އޭނާ މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އެކި ކަންކަމާ ގުޅިގެން ފައިސާގެ އެހީދޭ ބައެއް ފަންނާނުން އެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، އާންމުންގެ ސަމާލުކަން ހޯދަން އުޅޭ ކަމަށް ބުނެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ދާދި ފަހުން ފާޑުކިޔާފައި ވަނިކޮށެވެ.
ބޮލަީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގައި ކުރަމުން އަންނަ މަސައްކަތްތަކަށް އޭނާ ވެސް އެހީ ދީފައިވާނެ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލުތައް ހާމަނުކުރާނެ ކަމަށާއި އެ ވާހަކަ ދެއްކުމުގެ މާނައެއް ވެސް ނެތް ކަމަށް ބުންޏެވެ.
އޭނާ ބުނީ އެހީ ދީފައި އޭގެ ވާހަކަ އަމިއްލަ އަށް ދައްކާ މީހުން އެކަން ކުރުމަކީ އެ ބައެއްގެ އަމިއްލަ ކަމެއް ކަމަށެވެ.
"އަހަރެން ބޭނުން ނުވަނީ އެކަހަލަ ވާހަކަތައް ދައްކަން. އަހަންނަކީ އަބަދު ވެސް ޕްރައިވެސީ އަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެއް. އެހެންވީމަ ޗެރިޓީ އަށް ދޭ އެއްޗެހީގެ ވާހަކަ ވެސް ޕްރައިވެޓް ކަމެއްގެ ގޮތުގައި ބާއްވަން އަހަރެން ލޯބިކުރަނީ." އޭނާ ބުންޏެވެ.
ކޮވިޑް-19އާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ފައިސާގެ އެހީ ދީފައިވާ އިރު، ބައެއް ތަރިން ވަނީ އެ މީހުންގެ ސޯޝަލް މީޑިއާގައި އެހީ ދިން އަދަދު ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު ދިން 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ ވާހަކަ ވަކިން ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.
ނަމަވެސް ފާހަގަކުރެވޭ ކަމަކީ އެކި ގޮތްގޮތުން އެހީދިން ގިނަ ފަންނާނުން އެ މީހުން ދިން އެހީގެ އަދަދު ހާމަނުކޮށް، ސޯޝަލް މީޑިއާގައި އެހީގެ ވާހަކަ ހިއްސާކޮށްފައިވާކަމެވެ.