ތަމަޅަ ފިލްމު "ތެރީ" ގެ ހިންދީ ރިމޭކް ވަރުން އަށް؟
ތަމަޅަ ފިލްމު "ތެރީ" ގެ ހިންދީ ރިމޭކް ވަރުން އަށް؟

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު އެޓްލީ ކުމާރުގެ ވާހަކަ މި ފަހަކަށް އައިސް ބޮލީވުޑްގައި ދެކެވޭތާ ދުވަސްތަކެއްވެއްޖެ އެވެ. އެކަން ގުޅެނީ އޭނާގެ ފިލްމަކަށް ޝާހްރުކް ޚާން ގެންނަން އުޅޭ ވާހަކައާ އެވެ. ރިޕޯޓްތައް ބުނާގޮތުން އެޓްލީ ހުށަހެޅި ސްކްރިޕްޓެއް ކަމުދިޔަ ނަމަވެސް އެއަށް ކުދިކުދި ބައެއް ބަދަލުތައް ގެންނަން ޝާހްރުކް ވަނީ އެދިފަ އެވެ.

އެ ވާހަކަ އެއްފަރާތްކޮށްފައި މިހާރު އޮތީ އެޓްލީގެ އެހެން ފިލްމެއްގެ ވާހަކަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި އޭނާ 2016 ގައި ގެނެސްދިން ކާމިޔާބު ތަމަޅަ އެކްޝަން ފިލްމު "ތެރީ" ގެ ހިންދީ ރިމެކެއް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ފިލްމުގެ ލީޑް ރޯލް ވަނީ ވަރުން ދަވަނަށް ހުށަހަޅައިފަ އެވެ.

"ތެރީ" ގައި ބަތަލުގެ ރޯލް ކުޅުނީ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭ އެވެ. ފިލްމުގެ ބަތަލާއިންނަކީ ސަމަންތާ ރޫތު ޕްރަބޫ އާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެމީ ޖެކްސަނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ވަރުންއާ އެކު "ތެރީ" ގެ ހިންދީ ރިމެކް ހަދާ ޓީމުން މިހާރު މަޝްވަރާތަކެއް ކުރަމުންދާތީ، ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ. އެކަމަކު އޭގައި އެޓްލީ ހިއްސާވާނެތޯ ނޫންތޯ އަދި ކަށަވަރެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ހަމަ ވިޖޭއާ އެކު ގެނެސްދިން ކުޅިވަރު/އެކްޝަން ފިލްމު "ބިޖިލް" އެވެ.

ޖެނުއަރީ މަހު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އަށް ފަހު، ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނަން އޮތް ވަރުންގެ ފިލްމަކީ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ "ކޫލީ ނަމްބަރު 1" އެވެ.

އޭނާ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "މިސްޓަ ލޭލޭ" އާއި ސްރީރާމް ރަގްވަންގެ "އެއްކީސް" ހިމެނެ އެވެ.