21 އެޕްރީލް 2020 - 12:58

ދުބާއީ (އެޕްރީލް 21) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ކޮރޯނާވައިރަހަށް ޓެސްޓް ކުރުން ފުޅާކޮށް އެ ގައުމުގެ އެންމެން ޓެސްޓް ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
ޔޫއޭއީގެ ހެލްތު ސެކްޓަގެ ތަރުޖަމާން ފަރީދާ އަލް ހުސައިނީ ވިދާޅުވީ އެ ގައުމުން މިހާތަނަށް 25،795 މީހުން ޓެސްޓްކޮށްފައިވާ އިރު ޕޮޒިޓިވްވެފައި ވަނީ 7,265 މީހުން ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޔޫއޭއީ އިން ވަނީ 484 މީހުން ޕޮޒިޓިވްވެފަ އެވެ. ޔޫއޭއީ އިން ވަނީ 43 މީހުން މަރުވެފަ އެވެ.
ޔޫއޭއީ އިން މިހާރު ވަނީ ކޮރޯނާވައިރަހަށް ޓެސްޓް ކުރެވޭ ޕްރޮގްރާމް ފުޅާކޮށްފަ އެވެ. އަބޫ ދާބީގެ ވަލީ އަހުދު ޕްރިންސް ޝެއިޚް މުހައްމަދު ބިން ޒައިދު މާޗު މަހު 28 ވަނަ ދުވަހު އިފްތިތާހުކޮށްދެއްވި "ޑްރައިވް-ތުރޫ ޓެސްޓް ސެންޓަރާ އެކު މީގެ ސެންޓަރުތައް ވަނީ ފުޖައިރާ، އަލް އައިން އަދި ދުބާއީގައި ވެސް ގާއިމްކޮށްފަ އެވެ. މީގެ އިތުރުން ޔޫއޭއީގައި ވަނީ ޓެސްޓް ހަދަން ބޮޑު ލެބޯޓްރީއެއް ގާއިމްކޮށްފަ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް "ހޯމް- ޓެސްޓިން" ޚިދުމަތާއި ބިދޭސީން ޓެސްޓް ކުުރުމަށް ވަނީ ވަކި ސެންޓަރުތައް ގާއިމްކޮށްފަ އެވެ.
ޔޫއޭއީގެ ހެލްތު އެންޑް ޕްރިވެންޝަން މިނިސްޓްރީގެ ޑޮކްޓަރު އާދިލް ސަޖްވާނީ ވިދާޅުވީ ޓެސްޓްކުރާ މިންވަރު ފުޅާކުރުމުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ތެރޭ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ވަނީ 3،000 އެނދުގެ ވަގުތީ ހޮސްޕިޓަލެއް ހޮނިހިރު ދުވަހު ހުޅުވައިފަ އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޔޫއޭއީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން ތައާރަފްކޮށް، ރޭގަނޑު ކާފިއު ހިންގުމާއި މޯލްތައް ބަންދު ކުރުން ހިމެނެ އެވެ. އަދި ހުޅުވާފައި ވަނީ މަދު ރެސްޓޯރެންޓެކެވެ. ދުބާއީގެ ލޮކްޑައުން ވަނީ މިއަދުން ފެށިގެން ހަރުކަށިކޮށްފަ އެވެ.