13 އޮކްޓޯބަރ 2016 - 16:05

ފްލޮރިޑާ (އޮކްޓޯބަރު 13) - މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަން އަތުން ބަލިވުމަކީ ވަގުތާއި ފައިސާގެ ގޮތުން ބެލި ނަމަވެސް ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ފްލޮރިޑާގައި ވާހަކަ ދައްކަވަމުން ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންތިޚާބަށް 27 ދުވަހަށްވެފައި ވަނިކޮށް ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ޓްރަމްޕް ވިދާޅުވީ ކެމްޕޭނަށް އޭނާގެ އަމިއްލަ ޖީބުން 100 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށެވެ.
"ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުން ނާކާމިޔާބު ވެއްޖެ ނަމަ އެއީ ވަގުތާއި ފައިސާގެ ގޮތުން ބަލާ ނަމަ ހަޔާތުގައި ވެސް ލިބޭނެ އެންމެ ބޮޑު ދެރަ،" ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ނިއު ޔޯކުގެ ބިލިއަނަރު ވިދާޅުވި އެވެ.
އަންހެނުންތަކަކަށް އިހާނެތިކަން ރައްދުވާ ގޮތަށް ޓްރަމްޕް 2005 ވަނަ އަހަރު ދައްކަވާފައިވާ ޖިންސީ ވާހަކަތަކެއް މިދިޔަ ހަފުތާގައި ލީކުކޮށްލުމާ ގުޅިގެން ޓްރަމްޕުގެ މަގްބޫލްކަން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަދި އޭގެ ފަހުން ޓްރަމްޕް ޖިންސީ ގޮތުން ގޯނާކުރި ބައެއް އަންހެނުންގެ ވާހަކަތައް ނިއު ޔޯކް ޓައިމްސްގައި ވެސް ވަނީ ލިޔެފަ އެވެ. ޓްރަމްޕުގެ މި ވާހަކަތައް ލީކުވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ފަރާތްތައް ވެސް ވަނީ ޓްރަމްޕާ ފެޔަށް ޖެހެން ފަށައިފަ އެވެ.
ޓްރަމްޕުގެ ވާހަކައިގައި ވަނީ ހިލަރީ އަށް ވަރުގަަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.