21 އެޕްރީލް 2020 - 00:00

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ލޮކްޑައުންގެ އުސޫލުތަކާ ޚިލާފަށް މިއަދު ބޭރުތެރެއަށް ނުކުމެ އުޅުނު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ޚިލާފު ވެގެން ހައްޔަރުކުރި ފުރަތަމަ ތިން މީހުންނެވެ.
ކޮވިޑް-19 މާލެ އިން މިދިޔަ ބުދަ ދުވަހު ފެނުމުން، ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ލޮކްޑައުުންކޮށްފަ އެވެ. ބޭރަށް ނުކުމެ އުޅެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ފުލުހުން ހުއްދަ ދީފައިވާ މީހުންނަށް އެކަންޏެވެ. ގަވާއިދާ ހިލާފަށް ނުކުމެ އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ހައްޔަރު ކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް ނުކުމެ އުޅުނު ތިން މީހުން މިއަދު ހައްޔަރު ކުރި އިރު، 68 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިއްޔެ އާ ހަމައަށް ޖޫރިމަނާ ކޮށްފައި ވަނީ 78 މީހެކެވެ. ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.
މީގެ އިތުރުން 215 ފިހާރަ އަކާއި ވިޔަފާރިތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާތަނަށް 3،687 ތަނަކަށް އެ ހުއްދަ ދޫކޮށްފައި ވެ އެވެ.
ލޮކްޑައުން އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށް ކަމަށް ވުމުން، އެއާ ހިލާފުވާ މީހުންނާ މެދު އެންމެ ފުރަތަމަ ކަންތައް ކުރަމުން އައީ އެހާ ހަރުކަށިކޮށެއް ނޫނެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކުގައި ކޮންމެ ތިން ދުވަހުން އެއް ދުވަހަކު، ކޮންމެ ގެއަކުން އެކަކަށް އެއް ގަޑިއިރަށް ގެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ފުލުހުން ވަނީ ނިންމައިފަ އެވެ. މި ހުއްދަ ލިބުނެއް ކަމަކު، ޒަރޫރީ ސަބަބަކާ ނުލައި ގެއިން ބޭރަށް ނުދާން އެޗްޕީއޭ އިން އަންނަނީ އަންގަމުންނެވެ.
މިހާތަނަށް ރާއްޖެ އިން 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 47 މީހުން ފެނުނީ މާލެ އިންނެވެ. އެހެންވެ، ބަލި ފެތުރު އޭގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.