20 އެޕްރީލް 2020 - 22:46

ކޮވިޑް-19 ޖެހިފައިވާ 47 މީހަކު މާލެ އިން ފެނިފައިވާ މި ނާޒުކް ވަގުތު އެންމެ މުހިންމީ އެ ބަލި ފެތުރުން ލަސްކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން ޔަގީން ވުމުން، ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ހާލަތުގައި އެންމެ މުހިއްމު މަސައްކަތަކަށް ވެފައިވަނީ ކޮވިޑް-19 ފެތުރުން ލަސްކުރުން ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަލި ފެތުރުން ލަސްކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ބަލިޖެހިފައިވާ މީހުން އަވަހަށް ދެނެގަނެވި، އެ މީހާ އަށް ދޭންޖެހޭ ފަރުވާދިނުމުގެ އިތުރުން ޕޮޒިޓިވްވާ މީހާއާ ބައްދަލުވި މީހުން އަމިއްލަ އަށް ވެސް ފިޔަވަޅު އަޅައިގެން ކަމަށެވެ. ހައި ރިސްކް ކޮންޓެކްޓެއް ކަން ފާހަގަކުރެވި، އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދިނުމާ ހަމައަށް އަމިއްލަ އަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
"އެގޮތަށް އަމަލުކުރަމުންދާ ނަމަ އެ ފެތުރުން ކޮންޓްރޯލް ކުރެވި ލަސްކުރެވިގެން ދާނެ. އެހެން ގައުމުތަކަށް ވެސް ދިމާވި ކަމަކީ ސިސްޓަމަށް އޮބި ނޯންނަ ވަރަށް ބަލި ފެތުރިގެން ދިއުން. އެ އަދަދު މަދުކުރަން ފިޔަވަޅުތަކެއް އަޅަމުން ދަނީ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަދި ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. އެހެން އަދަދު އިތުރުވާއިރު، ބަލި ކޮންޓްރޯލް ކުރަން ގޭގައި ތިބުމަށް އެދިވަޑައިގެންނެވި އެވެ.
ގޭގައި ތިބޭއިރު ކާބޯތަކެތި ލިބުމުގައި ލަސްތައް ދިމާވެ ޒަރޫރީ އެހެން ބޭނުންތައް ފުއްދުމުގައި ވެސް ދަތިތައް ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. މުހިއްމު ކަމެއްގައި ފިހާރައަކަށް ދާއިރު ވެސް ފަރުދީ ގޮތުން ރައްކާތެރިވުމަށް ބަހައްޓަންޖެހޭ ކަންކަމާއި ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67 އަށެވެ. މާލެއިން އެ ބައްޔަށް މިދިޔަ ބުދަ ދުވަހު ފުރަތަމަ މީހާ ޕޮޒިޓިވްވި ފަހުން މާލެއިން އެކަނި ވެސް 47 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ އިތުރުން ހއ. އުލިގަމުން ވެސް ވަނީ އެ ބައްޔަށް މީހަކު ޕޮޒިޓިވްވެފަ އެވެ.