20 އެޕްރީލް 2020 - 20:08

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާތީ މާލެ ސަރަހައްދުގައި ވެކްސިން ދިނުން މެދުކަނޑާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މާލެ ސަރަހައްދުގެ ލޮކްޑައުންގެ 14 ދުވަހު ވެކްސިން ދިނުން މެދުކަނޑާލީ ކޮވިޑް-19 ގެ ބަލި މީހުން މާލެ އިން ވެސް ފެންނަމުންދާތީ ކަމަށެވެ.
އެ ބަލި ހަލުއިކަމާ އެކު މާލޭގައި ފެތުރޭއިރު، ވެކްސިންދޭ މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި ތިބުން ވެސް މިހާރު ރައްކާތެރިވާނެތީ ވެކްސިން ދިނުން މެދުކަނޑާލީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ލޮކްޑައުންގެ މުއްދަތު ދިގުލައިގެން ދާނަމަ، ވެކްސިން ދިނުމުގައި ހަމަޖައްސާނެ ގޮތެއް އިއުލާނުކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ 14 ދުވަސް ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހަށެވެ.