ހަނދު ސާބިތު ކުރުމުގެ ހެކިބަސް ނެގުން ބުދަ ދުވަހު ބާއްވަނީ
ހަނދު ސާބިތު ކުރުމުގެ ހެކިބަސް ނެގުން ބުދަ ދުވަހު ބާއްވަނީ

މި ފަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުން އަންނަ ބުދަ ދުވަހު ބާއްވަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިިންމައިފި އެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ހަނދު ސާބިތު ކުރުމަށްޓަކައި، ހަނދު ދުށް މީހުންނަށް ހެކިބަަސް ދެވޭނެ އިންތިޒާމު މާލެ އާއި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ކަމަށްޓަކައި އަންނަ ބުދަ ދުވަހުގެ ހަވީރު 6 ން ރޭގަނޑު 7:30 އާ ހަމައަށް އެ ޑިޕާޓްމެންޓާއި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ހުންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޑީޖޭއޭ އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން މި ދުވަސްވަރު އޮފީސްތައް ނުހުޅުވިޔަސް، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުމަށްޓަކައި މާލޭގައި ނަމަ، ޑީޖޭއޭ އަށް ގުޅުމުން އެ އިދާރާ އިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އެވެ. އަދިި އަތޮޅު ތެރޭގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެކިބަސް ދެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.