20 އެޕްރީލް 2020 - 14:49

ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރާ މީހުންނަށް ޖިނާއީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ދެއްވައިފި އެވެ.
ކޮވިޑް-19 މުޖުތަމައުގެ ތެރޭގައި ފެތުރި، ބިރުވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ކޮމިޝަނާ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ދޮގު ވާހަކަތައް ނުފަތުރަން ވަނީ އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19 އާ ގުޅުވައިގެން، ދޮގު ތުހުމަތާއި ދޮގު މައުލޫމާތު ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް އުނދަގޫކުރާ މީހުންނާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެންމެ ކުރެއްވި އިތުރު ޓްވީޓެއްގައި ހަމީދު ވަނީ ދެއްވައިފަ އެވެ.
ކޮވިޑް-19 ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ވެސް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު ބައްޔާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ. އަދި ބަލި ޖެހިފައިވާ މީހުން ކަމަށް ބުނެ ބައެއް މީހުންގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައި އެބަހުއްޓެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ބައްޔާ ގުޅުވައިގެން މީހުންގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރަމުން ގެންދާތީ، އެކަން ނުކުރުމަށް އެދިފަ އެވެ. އަދި އެގޮތަށް ސޯޝަލް މީޑިއާގައި އާއްމު ކުރާ ގިނަ މައުލޫމާތާއި ފޮޓޯތަކަކީ ދޮގު ކަމަށް ވެސް ބުންޏެވެ.
ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 60 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް އެ ބައްޔަށް މީހަކު ޕޮޒިޓިވްވި ފަހުން ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.