20 އެޕްރީލް 2020 - 13:50

އިސްލާމްއާބާދު (އެޕްރީލް 20) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާން ލޮކްޑައުންކޮށް މިސްކިތްތައް ބަންދުކުރި ނަމަވެސް އެ ގައުމުގެ ނުފޫޒްގަދަ ދީނީ ލީޑަރުންގެ ޕްރެޝަރާ ހެދި އެންމެ ފަހުން މިސްކިތްތައް ރޯދަ މަހު ހުޅުވަން ޖެހިއްޖެ އެވެ.
ދީނީ ލީޑަރުންނާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ރޯދަ މަހު މިސްކިތްތައް ހުޅުވި ނަމަވެސް 50 އަހަރުން މަތީގެ މީހުންނާއި ކުޑަ ކުދިން މިސްކިތަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކު ވެސް މިސްކިތްތަކަށް ނުވެއްދުމަށް ވަނީ އެއްބަސްވެފަ އެވެ.
މިސްކިތްތަކުގެ ހުރިހާ ކާޕެޓެއް ނަގައި ތަޅުންގަނޑު ގަވައިދުން ޑިސްއިންފެކްޓް ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން ނަމާދު ކުރާ މީހުން ވަކި ދުރުމިނެއްގައި ތިބުމަށާއި އަބަދުވެސް މާސްކް އަޅައިގެން ތިބުމާއި ސަލާމް ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
ޕާކިސްތާން ސަރުކާރުން ބުނެފައި ވަނީ ދީނީ ލީޑަރުންނާ އެކު ވެވުނު އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ މިސްކިތްތައް އަލުން ބަންދުކުރާނެ ކަމަށެވެ. ޕާކިސްތާނުގެ މިސްކިތްތަކުގައި ހުކުރު ނަމާދުގެ ޖަމާއަތް ނުބާއްވަން އެންގި ނަމަވެސް މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މިސްކިތްތަކުގައި ހުކުރުކޮށްފަ އެވެ.
ސައުދީ އަރަބިއާގެ ދީނީ އެންމެ މަތީ މަޖިލީހުން ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ރޯދަ މަހުގެ ފަރުޟް ނަމާދުތަކާއި ތަރާވީހް އަދި ދަމު ނަމާދު ވެސް ގޭގައި ކުރުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފަ އެވެ.
ޕާކިސްތާނުން މިހާތަނަށް ވަނީ 8,418 މީހުން ޕޮޒިޓިވްވެ 176 މީހުން މަރުވެފަ އެވެ.