20 އެޕްރީލް 2020 - 14:25

ރޯމް (އޭޕްރީލް 20) - ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް އިޓަލީގެ ރޯމާ އިން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމުގެ ގޮތުން އެ ކްލަބްގެ ކުޅުންތެރިން ހަތަރު މަހު މުސާރަ ނުނަގާ ގޮތަށް ނިންމައިފި އެވެ.
ރޯމާގެ ކުޅުންތެރިންގެ އިސްނެގުމާ އެކު އެ ޓީމުގެ ކޯޗު ޕައުލޯ ފޮންސޭކާ ވެސް މުސާރަ ނުނަގާގޮތަށް ނިންމީ އެ ކްލަބުން ނޯޕޭ އަށް ފޮނުވަން ނިންމާފައިވާ ބައެއް ސްޓާފުންގެ މުސާރަތަށް ކަށަވަރުކުރުމުގެ ގޮތުންނެވެ. މި ނިންމުމަށް ރޯމާގެ ޗީފް އެގްޒެކްޓިވް ހުއީޑޯ ފިއެންގާ ވަނީ މަރުހަބާ ކިޔައިފަ އެވެ.
"އަބަދުވެސް އަހަރެމެން ދައްކަނީ އެއްބައިވަންތަކަމުގެ ވާހަކަ. ރޯމާ އިން އަބަދުވެސް ފެންނަނީ އެ މަންޒަރު. ކުޅުންތެރިންގެ ފަރާތުން މި ފެނުނީ ވަރަށް މުހިއްމު ސިފައެއް،" ފިއެންގާ ވިދާޅުވި އެވެ.
ރޯމާގެ ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑަށް މި ކަމުގައި ބައިވެރިވީ ކްލަބްގެ ކެޕްޓަން އެޑިން ޒެކޯ އެވެ. ޒެކޯ ވަނީ އޭނާގެ އުފަން ގައުމު ބޮސްނިއާގައި ކޮވިޑް-19 ބައްޔާ ގުޅިގެން އެކި އެހީތަކަށް ބޭނުންވާ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ފިއެންގާ ބުނީ ޒެކޯ ފަދަ ކެޕްޓަނެއް ޓީމުގައި ހުރުމުގެ މުހިއްމުކަން ފެނިގެންގޮސްފި ކަމަށެވެ.
"ޒެކޯ އާއި ޕައުލޯ (ކޯޗު) ވަރަށް ރަނގަޅު މިސާލެއް ޓީމުގެ ފަރާތުން މި ދައްކައިދިނީ،" ފިއެންގާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން ކްލަބްތަށް ސަލާމަތްކުރަން އެކި ގައުމުތަކުގެ ޓީމުތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން މުސާރަ ކުޑަކުރަން އެއްބަސްނުވި ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އުވާލުމަށް ވެސް ބައެއް ކްލަބްތަކުން ވަނީ ނިންމައިފަ އެވެ.
މިދިޔަ މަހު ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިޓަލީން ވެސް ވަނީ ފުޓްބޯޅަ ސީޒަން މެދުކަނޑާލައިފަ އެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ އިޓަލީން އަލުން ފުޓްބޯޅަ ސީޒަން ކުރެވޭނެ ގިނަ ގޮތްތަކާ ބެހޭގޮތުން އަންނަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންނެވެ. އެ ގޮތުން އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އިޓަލީން މެޗުތައް ކުރިއަށްގެންދަން ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ. އަދި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށްގެންދާ މުއްދަތު 18 މަސް ދުވަހަށް ދެމިގެން ގޮސްފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އިޓަލީ އަކީ މުޅި ދުނިޔެ އަށް ބަލާއިރު ކޮވިޑް-19 ތިން ވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 178،972 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 47055 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 23660 މީހުން ވަނީ މަރުވެފަ އެވެ. ޔޫރަޕުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ އިޓަލީންނެވެ.