ކޮވިޑް-19 އިން ސަލާމަތްވާން މަސައްކަތްކުރާނީ ރާއްޖެއާއެކު: މޯދީ
ކޮވިޑް-19 އިން ސަލާމަތްވާން މަސައްކަތްކުރާނީ ރާއްޖެއާއެކު: މޯދީ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 އިން ސަލާމަތްވާން ރާއްޖެ އާއި އިންޑިއާ މަސައްކަތް ކުރާނީ އެކުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ މިއަދު ވަނީ ފޯނުން ގުޅުއްވައި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ހާލަތްތަކުގައި އިންޑިއާ އަބަދުވެސް އެހީތެރިވާނެ ކަމަށެވެ.

އެ މަޝްވަރާތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ.

މީގެ ކުރިން ވެސް މޯދީގެ އިސްނެންގެވުމުގެ މަތިން ވަނީ ކޮވިޑް-19 އާ ގުޅޭގޮތުން ސާކް ގައުމުތަކުގެ އެންމެ އިސްވެރިންނާ މަޝްވަރާކުރައްވައިފަ އެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގައި ވެސް ދަނީ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންނެވެ. ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި 52 މީހުންގެ ތެރޭގައި އިންޑިއާގެ ދެ މީހުން ހިމެނެ އެވެ.

ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާއިން އަންނަނީ ކޮވިޑް-19 ފެތުރެން ފެށުމުން ވެސް އެކަމާ ގުޅުން ހުރި އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭހާއި ސިއްހީ އެހީތެރިން އެގައުމުން ރާއްޖެއަށް ފޮނުވައިދިނެވެ. އަދި އެގައުމު ލޮކްޑައުން ކޮށްފައިވީނަމަވެސް ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުން ވަނީ ދީފަ އެވެ.