ރަންބީރު-އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތައް ސެންސަރުކުރަން ޖެހިއްޖެ
ރަންބީރު-އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތައް ސެންސަރުކުރަން ޖެހިއްޖެ

ކަރަން ޖޯހަރް އަލަށް ޑައިރެކްޓްކުރާ ފިލްމު "އޭ ދިލް ހެ މުޝްކިލް" އަށް މައްސަލައަކަށް ފަހު މައްސަލައެއް ދިމާވަމުން އެބަދެ އެވެ.

އެ ފިލްމުގައި ފަވާދު ޚާން ކުޅެފައިވާ ބައި ފޮހެލުމަށް ސިޔާސީ ޕާޓީތަކުން އަންގަމުން ދަނިކޮށް ފިލްމަށް ސެންސަރު ބޯޑުން ވެސް މިހާރު ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ރަންބީރު އާއި އައިޝްވަރިޔާގެ ވަރަށް ގައިގޯޅިވާތަން ފެންނަ ހަތަރު މަންޒަރެއް ފިލްމުން ފޮހެލަން ކަރަން އަށް ސެންސަރު ބޯޑުން މިހާރު އަންގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ފިލްމު ސެންސަރުކުރުމުގެ މަސައްކަތް ކުރީ ކަރަންގެ ވެސް ހާޒިރުގައި ކަމަށާއި އެ މަންޒަރުތައް ފޮހެނުލާ ވޭތޯ ކަރަން ވަރަށް ގިނަ ވާހަކަތައް ދެއްކި ނަމަވެސް އެ ބައިތައް ފޮހެލައިގެން ނޫނީ ފިލްމު ފާސްކޮށް ނުދެވޭނެކަމަށް ސެންސަރު ބޯޑުގެ މެމްބަރުން ކަރަން އަށް އެންގިކަމަށްވެ އެވެ.

އެ މަންޒަރުތައް ފިލްމުގެ މުޅި ވާހަކައަށް ވަރަށް މުހިއްމު ކަމަށް ކަރަން ބުނި ނަމަވެސް ސެންސަރު ބޯޑުން ކަރަންގެ ވާހަކަތައް ގަބޫލުކުރާނެ ގޮތެއް ނުވި އެވެ. އެވަރުން ވެސް ފިލްމަށް ސެންސަރު ބޯޑުން ދޫކޮށްފައިވަނީ ޔޫއޭ ސެޓްފިކެޓެކެވެ. މާނައަކީ ކުޑަކުދިން ބަލަން މި ފިލްމު ކަމު ނުދާނެ ކަމަށާއި ކުޑަ ކުއްޖަކު ފިލްމު ބަލާނަމަ ބަލަން ޖެހޭނީ ބެލެނިވެރިއަކާ އެކު ކަމެވެ.

މިހާރު ރިލީޒްކޮށްފައިވާ އިޝްތިހާރުތަކުގައި ދައްކާ ބައެއް މަންޒަރުތައް ވެސް ފިލްމުގައި ދެން ނުހިމެނޭނެ ކަމަށްވެ އެވެ.

އޮކްޓޯބަރު 28 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ކަރަންގެ އެހެން ފިލްމުތަކަށް ކުރިމަތިނުވާ ވަރުގެ ބޮޑެތި ގިނަ މައްސަލަތައް މި ފިލްމަށް ދިމާވަމުންދާކަން ފާހަގަކުރެވެ އެވެ.

ރަންބީރު ކަޕޫރު، އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ ބޮޑު ސްޓާކާސްޓެއް ހިމެނޭ ބޮޑު ބަޖެޓަކަށް ވާތީ ފިލްމަށް ކުޑަކުޑަ ގެއްލުމެއް ވިޔަސް އޭގެ ނޭދެވޭ އަސަރު ކަރަން އަށް ކުރާނެކަން ޔަގީނެވެ.