20 އެޕްރީލް 2020 - 13:12

ސްކޫލްތަކާއި ކުޅިވަރު ދަނޑުތައް ބަންދުކުރުމުން، އެކުވެރިންނާ ބައްދަލު ނުވެ، އުފަލާއި މަޖާކުރުންތަކުން މަހްރޫމްވެ އަޅުގަނޑުމެން ކިޔަވާ ކުދިން މި ތިބީ ބަސް އަހައިގެން ގޭގަ އެވެ. ތިޔަ ބޭފުޅުންނަށް ނުތިބެވެންވީ ކީއްވެ ހެއްޔެވެ؟
ޖަމާލުއްދީން ސްކޫލް ގްރޭޑް ހައެއްގެ ދަރިވަރު ސާރާ ނިޒާރު، މި ސުވާލުން ފަށައި ސޯޝަލްމީޑިއާގައި ވައިރަލްވެފައިވާ ނަސޭހަތުން ގިނަ ބަޔަކަށް އަސަރުކޮށްފި އެވެ. އޭގައި ކިޔައިދިނީ، އެކި ގޮތްގޮތަށް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެން ޚިދުމަތްތެރިން ކިޔައިދެމުން އަންނަ ވާހަކައަށް ވަރިހަމަކުރުމުގެ ނުރައްކާ އޮތް މިންވަރެވެ. ބީރު ކަންފަތެއްދީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ބޭރު ތެރޭގައި ވައިރަސް ފަހާ ދުވަމުންދާ މީހުންނަށް ހެދޭ ގޯހުގެ ބިރުވެރި ކަން އޮތް ގޮތެވެ.
"ކީއްވެތޯ އެ ދެއްވާ ނަސޭހަތުގެ އަޑު ނޭއްސެވެންވީ. އަޅުގަނޑު ވެސް ގަބޫލުކުރަން އަޅުގަނޑުމެންނަށް ބޭނުންވާ ތަކެތި ހޯއްދަވައި ދެއްވަނީ ތިޔަބޭފުޅުން. އެކަމަކު މި ހިތްދަތި ހާލުގައި, މި ވޭނީ ފުރަބަންދުގައި އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވަން ތިއްބެވީ ވެސް ހަމަ ތިޔަބޭފުޅުން,“ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯނުލަބާ ބޭރުގައި އުޅޭ މީހުންނަށް ސާރާ ބުންޏެވެ.
އެންމެންގެ ހައްގުގައި ސާރާ ހުށަހަޅައިދިން މެސެޖް ލިއުއްވީ، އެމްއެންޔޫގެ ލެކްޗަރާ އަންވަރު އިބްރާހިމެވެ. ސާރާ ހިމެނޭ ގޮތުން ޖަމާލުއްދީން ސްކޫލުން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ކުދިންނަށް ފަރިތަކޮށްދެނީ ވެސް އަންވަރެވެ. ސާރާ ވަނީ، އެންމެ ފަހުން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގައި އުމުރުފުރަ އިން ތިން ވަނަ ހޯދައިފަ އެވެ.
ކޮވިޑް-19 ގެ ހާލަތު އާއްމުންނަށް ކިޔައިދޭން ސަރުކާރުން ކަނޑައެޅުއްވި ތަރުޖަމާން މުހައްމަދު މަބްރޫކް ކޮންމެ ދުވަހަކު, ފޯރުކޮށްދެއްވާ ވާހަކަތަކާއި އަމަލުކުރަންވީ ގޮތް އަކުރުން އަކުރަށް ކިޔައިދެއްވާއިރު ވެސް އަޑު ނާހާ ސަބަބާ މެދު ވެސް ސާރާގެ މެސެޖުގައި ސުވާލުކުރި އެވެ. އުމުރުން ކިތަންމެ ހަގުވެފައި ފެންވަރު ދަށްވިއަސް މަބްރޫކް ވިދާޅުވާ ވާހަކަތައް، ސާރާ ބުނިގޮތުގައި، އޭނާ އާއި އެ އުމުރުގެ އެހެން ކުދިންނަށް ދޭހަވެ އެވެ.
"އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ނަމަ ވާނެ ގޮތް އެބަ އެނގޭ. ބޭރަށް ގޮސް އުޅޭ ނަމަ އޮތް ނުރައްކާ އެބަ ވިސްނޭ. ވިސްނޭވަރުގެ މީހުންނަށް ނުވިސްނެނީ ކީއްވެގެން ބާ؟،" ސާރާގެ މެސެޖުގައި ކިޔައިދިނެވެ.
"ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް ދެރަވޭ. ކަންބޮޑުވޭ, މާދަމާ ވާނެ ގޮތަކާ މެދު ފިކުރުކުރެވޭ. ކީއްވެތޯ ނުވާންވީ. އެހެން ނަހަދާށޭ ގޮވަގޮވަ ތިއްބައެއް ނޫންތޯ މި ހުރިހާ ކަމެއް މިކުރީ, ކާކުތޯ ބޭނުންވަނީ މަރުވާން. ކާކުތޯ ބޭނުންވާނީ މި ކުޑަ އާބާދީގެ ލައްކައަކަށް ވުރެން ގިނަ މީހުންނަށް މި ބަލި ޖެހެން،"
ފަރުވާ ނުދެވި އޮވެ އާއިލާގެ އެކަކު ވެސް މަރުވާން ނޭދޭކަން އެނގޭ އިރު ވެސް އަމަލު ދިމާނުވާކަން ވެސް ސާރާ ހަނދާންކޮށްދިނެވެ. ދެން ބުނެދިނީ، އަދިވެސް ވަގުތު އޮތް ކަމެވެ. ބޭނުން ހުރިހާ އެއްޗެއް ނުލިބުނަސް, ބޭނުން ހުރިހާ ކަމެއް ނުކުރެވުނަސް ކެތްތެރިކަން އިސްކޮށް ވިސްނުންތެރިކަމާ އެކު ތިބުމުގެ ބުއްދި އިސްކުރަން ޖެހޭ ކަން ކިޔައިދިނެވެ.
އަންވަރު ލިއުއްވައި، ސާރާ ހުށަހަޅައިދިން މި މެސެޖު ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ހިތަށް އަސަރުކުރި ވާހަކައާ އެކު އަންނަނީ ތައުރީފްކުރަމުންނެވެ.
އަންވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސިއްހީ ތަޖުރިބާކާރުން ތަކުރާރުކުރި ވާހަކަ ނުވިސްނުމުން, އޭނާ ބެއްލެވީ، ތަފާތު ގޮތަކަށް އެ މެސެޖު ގެނެސްދެވޭތޯ އެވެ. ސްކޫލް ބަންދުވެ ކުދިން ގޭގައި ތިބެން ޖެހުމާ އެކު އެންމެ ރަނގަޅު އެއް ވިސްނުމަކަށް އައީ ބޮޑެތި މީހުންނަށް ނުވިސްނި، އަތުން ބީވާ ހާލަތު ކުޑަކުދިން ލައްވައި ކިޔައިދިނުމަކީ ރަނގަޅު ގޮތަކަށް ވެދާނެތީ އެވެ.
"ޑޮކްޓަރުން, ނަރުހުން, ސިއްހީ ދާއރާގެ ގިނަ ބޭފުޅުން ވިސްނައިދޭން ވަރަށް މަސައްކަތް ކޮށްފި, އެކަމަކު ނުވިސްނުނީމަ ކޮންމެވެސް ގޮތަކަށް މި މެސެޖް ފޯރުކޮށްދޭން ބޭނުންވީ,“ އޭނާ ވިދާޅުވި އެވެ.
ހޭލުންތެރިކުރުމުގެ މިފަދަ އެހެން މެސެޖްތަކެއް ވެސް ގެނެސްދޭން އަންވަރު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިފަދަ ދެތިން ވީޑިއޯއެއް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 މާލޭގައި ފެތުރިގެންފައި ވާއިރު، ބަލިން ރައްކާތެރިވެ ތިބެން އެންމެ މުހިންމު ކަމަކީ އާންމުންގެ ތެރެއަށް ނުކުމެ ނޫޅުން ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ. މިހާނަތަށް ރާއްޖޭން 52 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއީ ސިއްހީ އިރުޝާދުތަކަށް ތަބާ ނުވުމުން އައި އިތުރުވުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.