މަހުލޫފްގެ ރައްދު: ސަމާލުކަން ހޯދަންވީ ކީއްކުރަން؟ ގެއަށް ދާން ޖެހެނީ ދަރިފުޅު ގާތަށް!
މަހުލޫފްގެ ރައްދު: ސަމާލުކަން ހޯދަންވީ ކީއްކުރަން؟ ގެއަށް ދާން ޖެހެނީ ދަރިފުޅު ގާތަށް!

ކޮރޯނާ ވައިރަހާ ހެދި މާލެ ލޮކްޑައުންކުރުމުން، ގޭގެއަށް ޑެލިވަރީކޮށްދޭން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނުކުންނެވުމުން ގިނަ ބައެއްގެ ލޮލުގައި އެކަން އަޅައިގަތެވެ. މިނިސްޓަރުގެ އެ އިސްނެންގެވުމަށް ގިނަ މީހުން ތައުރީފް ކުރި ނަމަވެސް، ފިލްމީ ތަރި އަބްދުﷲ މުއާޒު ފަދަ މީހުން ދެކޭ ގޮތުގައި އެއީ ސަމާލުކަން ހޯއްދެވުމުގެ އުކުޅެކެވެ.

ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި މުއާޒް ބުނީ ސަމާލުކަން ހޯދުމުގެ ގޮތުން ޑެލިވަރީ ކުރަން މަހްލޫފް ނުކުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށާއި އާއްމު ރައްޔިތުން އޭނާ ދެކެ ރުޅި އަންނަނީ އެހެންވެ ކަމަށެވެ.

"މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ތިއީ ބޮޑުވަރު،" މުއާޒް ލިޔުނެވެ.

އޭނާގެ މި ޕޯސްޓާ ހެދި، އާއްމުން ވަނީ ރުޅި ގަދަވެފަ އެވެ. އެއާ އެކު، މަހްލޫފް ވެސް ވަނީ ސޯޝަލް މީޑިއާގައި އެއަށް ރައްދު ދެއްވައިފަ އެވެ.

މަހްލޫފް ވިދާޅުވީ އޭނާގެ އެ އަމަލަކީ ސަމާލުކަން ހޯދަން ނުވަތަ ޕީއާރު ސްޓަންޓެއްގެ ގޮތުގައި ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ނުރައްކާތެރި ދަނޑިވަޅެއްގައި ސަމާލުކަން ހޯދަން މިފަދަ ރިސްކެއް ނުނަންގަވާނެ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވީ [މަސައްކަތް ނިންމަވާލެއްވުމަށް ފަހު] އޭނާ ގެއަށް ވަޑައިގަންނަވަން ޖެހެނީ ހަތް އަހަރުގެ ދަރިފުޅާއި އަނބިކަނބަލުން ގާތަށް ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ސަބަބުން، ގޭގެއަށް ކުރަން ޖެހޭ ޑެލިވަރީތަކުގެ އަދަދު ހާހުން މައްޗަށް އަރަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ވޮލެންޓިއަރުން މަސައްކަތަށް ނުކުންނަން ޖެހެނީ ރިސްކަކާ އެކުގައި ކަމަށާއި އެހެންވެ، އޭގެ ތެރޭގައި އޭނާ ވެސް ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރުގެ އަމަލު ދިފާއު ކުރައްވައި، އަދި މުއާޒަށް ފާޑުކީ މީހުން ބުނާ ގޮތުގައި މިއީ ފިތުނަ ފަސާދަ އުފައްދަންވީ ވަގުތެއް ނޫނެވެ. އަދި ކޮންމެ ނިޔަތެއްގައި ވެސް މަހްލޫފް އަމަލު ކުރެއްވީ މި ވަގުތަށް ބޭނުންތެރި އަދި ގިނަ ބަޔަކަށް އޭގެ ފައިދާ ކުރާނެ ގޮތަކަށް ކަމަށް ބައެއް މީހުން ބުންޏެވެ.