ކޮވިޑް-19: ދަނޑުވެރިންނަށް އުއްމީދެއް: މާލެއަށް ޑެލިވަރީކުރުމުގެ ފުރުސަތު
ކޮވިޑް-19: ދަނޑުވެރިންނަށް އުއްމީދެއް: މާލެއަށް ޑެލިވަރީކުރުމުގެ ފުރުސަތު

ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށްގެން ދަނޑުވެރިކަން ކުރާ ރަށްރަށުގައި ހެއްދި ތަރުކާރީ އާއި މޭވާ، މާލޭގެ ގެތަކަށް ފޯރުކޮށްދޭނެ ގޮތެއް ހަމަޖައްސަމުން އަންނަކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުން ގިނަ ތަކެތި ވަނީ ހައްދާފަ އެވެ. އެކަމަކު ކޮރޯނާވައިރަސްގެ ހާލަތު ނުރައްކާވެ، މާލެ ލޮކްޑައުންކޮށްފައި އޮތުމުން، އެ ތަކެތި މާލެއަށް ފޯރުުކޮށް ނުދެވިދާނެތީ ދަނޑުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގައި އެންމެ ގިނައިން ކަރަ އާއި ފަޅޯ ފަދަ ތަކެތި ހައްދާ އއ. ތޮއްޑޫ ހިމެނޭ ދާއިރާގެ މަޖިލިސް މެމްބަރު، ހަސަން ޝިޔާން ވިދާޅުވީ ތޮއްޑުއަކީ ކޮންމެ ދުވަހަކު ވެސް މާލެއަށް ތަރުކާރީ އާއި މޭވާ ގެންނަ ރަށެއް ނަމަވެސް، މާލެ ލޮކްޑައުންކުރި ފަހުން އެއްވެސް އެއްޗެއް ނުގެންދެވޭ ކަމަށެވެ. އެކަމަކު ރޯދަ މަހު އެ މައްސަލަ ކުރިމަތިވެ، ތަކެތި ހަލާކުވުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ތޮއްޑު އާއި ބ. ގޮއިދު އާއި ކ. ކާށިދޫ ފަދަ ރަށްތަކުން، ސަރުކާރުން ގަނޑުކޮށް ތަކެތި ގަންނާނެ އެވެ. އަދި މާލޭގައި ހުންނަ ޑެލިވަރީކުރާ ތަންތަނަށް އެ ތަކެތި ދޫކޮށް، އެ މީހުން މެދުވެރިކޮށް ރޯދަ މަހު މާލޭގެ ގެތަކަށް ތަކެތި ފޯރުކޮށްދޭނެ އެވެ.

ތ. އަތޮޅާއި ލ. އަތޮޅު ފަދަ ރަށްރަށުން ތަކެތި ގަންނާނީ، އެ އަތޮޅަކަށް ބޭނުންވާ ވަރަށް ނެގުމަށް ފަހު އެވެ. އަދި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ކައުންސިލްތަކާ ވާހަކަ ދައްކައިގެން، އެހެން ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް އަންނަނީ ހަމަޖައްސަމުންނެވެ.

"ތޮއްޑޫން ވެސް އިރާދަކުރެއްވިއްޔާ ތަކެތި ލިބޭނެ ގަންނަން. ކައުންސިލާ ގުޅުމުން، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ތަކެތި ލިބޭނެ ގޮތުގެ އިންތިޒާމް މިހާރު ދަނީ ހަމަޖައްސަމުން،" ޝިޔާން ވިދާޅުވި އެވެ.

ދަނޑުވެރިން ހައްދާތަކެތި މާލެ ގެންދިއުމަށް މިހާރު ވެސް ހުރަހެއް ނެތެވެ. އެކަމަކު އެތަކެތި މާލޭގައި ބަހައްޓައިގެން ވިއްކުމުގެ ފުރުސަތު، ލޮކްޑައުންއާ ހެދި ވަނީ ގެއްލިފަ އެވެ.

މާލޭގެ މާރުކޭޓުތަކުގައި ހުރި ތަކެތި ގަންނާނެ ބަޔަކު ނުވެ، ހަލާކުވާން ފެށުމުން އެތަން ވަނީ ހުސްކޮށްފަ އެވެ.

ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ހުސްކުރަން ފުރުސަތު ދިން އިރު، އަންނަ ހުކުރު ދުވަހު ފަށާ ރޯދަ މަހަށް މާރުކޭޓު ގޮޅިތަކުގެ މީހުން އައީ ތައްޔާރު ވަމުންނެވެ. އާންމު މަސްމަހަށް ވުރެ ތިން ހަތަރު ގުނައަށް ވިޔަފާރި އިތުރުވާ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މާލެ އޮންނާނީ ލޮކްޑައުންގަ އެވެ. އަދި ލޮކްޑައުން ނެގުމާއި ނުނެގުން ބިނާވާނީ، ކޮވިޑް-19ގެ ހާލަތަށް އަންނަ ބަދަލަކަށެވެ.