01 ޖޫން 2016 - 06:10

އަހަރެން އިނީ އޮފީހުގައެވެ. ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެއްވެސްކަމެއް ކުރާ ހިތެއް ނެތެވެ. ހެނދުނުގެ ވަގުތެވެ. ގޮނޑީގައި އިންނަތާ ދެ ގަޑިއިރު ވަނީއެވެ. ގެއިން ނުކުތީ ހިތްހަމަނުޖެހި ހުރެގެންނެވެ. އޮފީހަށް އައި މަގުމަތީގައި، އެއްކޮޅަށް ދުއްވާ މަގެއްގެ ނުބައިކޮޅުން ވަދެވިގެން ފުލުހަކާ ދެބަސްވާން ޖެހުނެވެ. އޮފީހަށް ވަން ވަގުތު ޑިއުޓީ އޮފިސަރާ އަރާރުން ވާންޖެހުނެވެ. ކޮންމެހެން ވެސް ބޯންޖެހޭ ހެނދުނުގެ ކޮފީއެއް އޭރަކު ނުބޮވެއެވެ. މުޅީން ވެސް ފޫހިވާ ކަހަލަ ކަންތަކެވެ. އަހަރެން އިނީ ގޮނޑިން ހިރިލަން ވެސް ބޭނުން ނުވެފައެވެ. އެހެން އިންދާ ވައިބާ މެސެޖެއް އައި އަޑު އިވުނެވެ. ޖީބުން ފޯނު ނެގީމެވެ.
"ގުޑް މޯނިން!" ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖުގައި އޮތެވެ.
އެ ކަހަލަ ކިތަންމެ މެސެޖެއް އަހަންނަށް އާދެއެވެ. ޖަވާބެއް ނުދެމެވެ. ޚިޔާލު ބަދަލުވީ އަހަރެން އެ ވަގުތު އިން ހާލަތުގެ ގޮތުންނެވެ. މެސެޖު ފޮނުވި ފަރާތަށް ކިޔައިފައިވާ ނަމުގައި އަޅައިގަތެވެ. އެ ނަމަކީ ރޯސްއެވެ. އެއީ ކާކު އަޅައިނުގަންނާނެ ނަމެއް ހެއްޔެވެ؟
"މޯނިން!" އަހަރެން ވެސް އިނގެރޭސިބަހުން ލިޔެލީމެވެ. "އެކަމަކު، ވަރަށް ފޫހި ހެނދުނެއް."
"ހިނގާ ކޮންމެވެސް ކަމެއް ކޮށްލަމާ! ފޫހިފިލާނެ!" ދެން ރޯސް ފޮނުވި މެސެޖުގައި އޮތެވެ.
އަހަރެން ހިތަށްއެރިއެވެ. ކާކުބާއެވެ؟ ރައްޓެއްސަކު އަހަރެން ހައްދަނީބާއެވެ؟ ނުވަތަ "ރޯސް" ވާހަކަ އެ ދައްކަނީ އަހަރެން މީ ކާކުކަމަށް ހީކޮށްބާއެވެ؟ ރަނގަޅުވާނީ ދެން އަޅާނުލިއްޔާއޭ ހިތަށްއަރައި، ފޯނު ޖީބަށް ލީމެވެ. އަނެއްކާ މެސެޖެއް އައެވެ.
"ބިރުގަތީ؟" ރޯސް ސުވާލުކުރިއެވެ.
ފިނޑި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
"މީ ކާކުކަމަށް ހީކޮށް ވާހަކަ ތި ދައްކަނީ؟" އަހަރެން އެހީމެވެ.
އަހަންނަށް ކިޔާ ނަން ރޯސް ބުންޏެވެ. އަހަރެންގެ އުޅޭ އޮފީހާއި، މަޤާމާއި، ދުއްވާ ސައިކަލުގެ ލައިސަން ނަންބަރު ވެސް ބުންޏެވެ. ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. ހަމަ އެކުވެރިއަކު އަހަރެން ހައްދަނީއޭ ހިތަށްއެރިއެވެ. މޭޒުމަތީގައި ފޯނު ބޭއްވީމެވެ. އަނެއްކާ މެސެޖެއް އައެވެ. ރޯސް ފޮނުވީ ފޮޓޯއެކެވެ. އަހަރެން އިންތިޒާރު ކުރީމެވެ. ފޮޓޯ ލޯޑުވާން ވަގުތު ނެގިއެވެ. ރޯސް ފޮނުވީ ކޯޗެއްބާއޭ ހިތަށްއަރައި ވިސްނަން އިންދައި ފޮޓޯ ލޯޑުވިއެވެ. ފެނުނު މަންޒަރު އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ހިނިތުންވެލައިގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނީ އާދައިގެ އަންހެންކުއްޖެއް ނޫނެވެ. އެއީ ހަމަ ފަތްމިންޏެކެވެ. ފަށުވިކޮޅެއް ކަހަލަ ފަން އިސްތަށިގަނޑެކެވެ. މަޑު މުށިކުލައެއްގެ ކަޅިރަވައެކެވެ. މޫނުގެ ކުލަ ވަރަށް އައްޔެވެ. ތުންފަތުގައި ކުލަ ޖައްސައިފައި ހުރީ ނުބަލައި ނުހުރެވޭ ވަރަށެވެ. އަހަންނަށް ލަފާކުރެވުނު ގޮތުގައި އެއީ ފުރާވަރުގެ ކުއްޖެކެވެ. ނޫނީ އެ އަށް ވުރެ ވެސް ޒުވާން ކުއްޖެކެވެ. އަހަންނާ ވާހަކަދައްކަނީ އެ ކުއްޖާބާއޭ ހިތަށްއެރިއެވެ. ކޮންމެ މީހަކަށް ވެސް ކޮންމެ މީހެއްގެ ފޮޓޯ ވެސް ފޮނުވިދާނެއެވެ.
"އެއީ ކާކުގެ ފޮޓޯއެއް؟" އެ ސުވާލު ނުކޮށް އަހަންނަކަށް ނީނދެވުނެވެ.
"އަޅެ މަ ހުތުރީތަ؟" ރޯސް ވެސް ކުރީ ސުވާލެކެވެ.
ފުލުފުލުގައި ތިން ފޮޓޯ ފޮނުވިއެވެ. އެއް ފޮޓޯގައި ފެންނަނީ ޝަކުވާ ކުރާ ކަހަލަ މޫނެކެވެ. އަނެއް ފޮޓޯގައި ނިދި މޫނެކެވެ. ތިންވަނަ ފޮޓޯގައި ލަދުރަކި މޫނެކެވެ. ރޯސް އިނީ ވަރަށް އާދައިގެ ކޮޓަރިއެއްގައެވެ. އެއް ފޮޓޯގެ ފުރަގަހުން ގަޑިއެއް ފެންނަން ހުއްޓެވެ. އެ ގަޑިން ހިނގައިފައިވާ ވަގުތާއި، ދުވަހުގެ ވަގުތު ދިމާވެއެވެ. އަހަންނާ ވާހަކަދައްކަނީ އެ ކުއްޖާކަން އަހަރެން ކަށަވަރު ކުރި ގޮތަކީ އެއީއެވެ.
"ވަރަށް ލޯބި،" އަހަރެން ބުނީމެވެ. "ކިތައް އަހަރު؟"
"ނަވާރަ،" ޖެހިލުމެއް ނެތި ރޯސް ބުންޏެވެ. "ހިނގާ ކޮފީބޯން! ނިދި ނުފިލައިގެން މި އުޅެނީ."
މަޖުދީގެ ކޯލެއް އަހަންނަށް ލިބުނީ އެ ވަގުތުއެވެ. އޭނައަކީ އަހަރެންގެ ޑިޕާޓުމަންޓުގެ ވެރިޔާއެވެ. ގުޅައިފިއްޔާ ކޮންމެވެސް މަސައްކަތެއް ހަވާލުކުރާނެކަން އެނގެއެވެ. އެހެންނަމަވެސް ފޯނަށް ޖަވާބު ދިނީމެވެ.
"ޖައްސާލަބަލަ މި ކޮޅަށް!" މަޖުދީ އެދުނެވެ.
ފޯނުގެ "މޯބައިލް ޑޭޓާ" ކަނޑައިލީ ހިތާ ދެކޮޅަށެވެ. ރޯސްއަށް ގުޅާލަން ހިތްއެދެމުންދިޔައެވެ. ކޮފީބޯން ދާނެ ވަގުތެއް ހަމަޖައްސަން ބޭނުންވިއެވެ. އަހަންނަކީ އެ މިޒާޖުގެ މީހެއް ނޫނެވެ. ރޯސް މާ ބޮޑަށް ރީތީއެވެ. އަހަރެންގެ ހިތާ ކުޅެލީއެވެ. އެހެންނަމަވެސް އަހަރެން ދިޔައީ މަޖުދީ ގާތަށެވެ. އަހަންނަކީ އައިޓީ ޑިޕާޓުމަންޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޮފީހުގައި ހުންނަ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާތައް ބެލެހެއްޓުމާއި، ނެޓްވޯކް ކޭބަލް އެޅުމާއި، ހަތްދިހަ ތިން ކޮންޕިއުޓަރަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަކީ ވެސް އަހަރުމެންގެ ޑިޕާޓުމަންޓުގެ ޒިންމާއެކެވެ.
"ހުރިހާ ޕީސީއަކުން ވެސް ދިވެހި ލިޔެވޭނެތަ؟" މަޖުދީ ސުވާލުކުރިއެވެ.
"ލިޔެވެންޖެހޭނެ،" އަހަރެން ބުނީމެވެ. "އެކަމަކު ދެ ސިސްޓަމެއްގެ އެބަ އުޅޭ މައްސަލަ."
"ޔަގީންކޮށްލަބަލަ!" ތެދުވަމުން މަޖުދީ ބުންޏެވެ. "އެންޓިވައިރަސް ބަރާބަރަށް އަޕްޑޭޓްވޯތާއާ، ކީބޯޑުގެ ހުރިހާ ފިތެއް ބަރާބަރަށް މަސައްކަތް ކުރޭތޯ ވެސް ބަލައިލަދޭތި. މިއަދު މީޓިންގަ ހާދަހާ ފޯރިއެއް ހުއްޓޭ! މި އޮފީހުގެ ހުރިހާ ކަމެއް ބޮއްސުންލަނީ އައިޓީ ޑިޕާޓްމަންޓާ ހެދި. ކިހާ ފުރިހަމަ؟ ހޭލާ ހުރެގެން ވިޔަސް ދެ ދުވަސްތެރޭގަ މަ ބޭނުން ރިޕޯޓެއް. މި ގަޑީގަ މަސައްކަތް ނުކުރެވުނަސް ގައިމު ވެސް ހަވީރު ހަތަރަކުން ގޮސް ހެނދުނު އަށަކަށް މަސައްކަތް ކުރެވޭނެއްނުދޯ؟"
އެކި މީހުންނާ މަސައްކަތް ހަވާލުކުރުމަށް ފަހު މޭޒު ކައިރީގައި އިށީނދެލީމެވެ. ފޯނު ބަލައިނުލައެއް ނީނދެވުނެވެ. ނެޓަށް ވަދެފައި ވައިބާ ބަލައިލީމެވެ. ރޯސްގެ ތިން މެސެޖު އޮތެވެ. ކޮފީބޯން ނުދިޔައީމަ ޝަކުވާ ކޮށްފައެވެ.
"ހިނގާދަމާ!" އަހަރެން ދަޢުވަތު ދިނީމެވެ.
އަހަރުމެން ބައްދަލުވީ، އެ ގަޑީގައި މީހުން އެންމެ މަދުން ދާނެހެން ހީވާ ކަހަލަ ކޮފީޝޮޕަކުންނެވެ. ރޯސް ލައިގެން ހުރީ އަހަންނަށް ފޮޓޯ ފޮނުވި ހެދުމެވެ. ރީތި ފެހިކުލައެއްގެ ގަމީހެކެވެ. ކަޅު ކުލައިގެ ޖިންސެކެވެ. އަރައިގެން ހުރީ ފުންނާބު އުސް ބޫޓަކަށެވެ. އެ ބޫޓުގައި ހިނގައިލައިފައި އައިއިރު ހީވީ އޭނަގެ ކުޅަދާނަކަން އަހަންނަށް ދައްކަން އުޅޭހެންނެވެ. ރޯސްގެ ގައިން ދުވި ސެންޓަށް ކިޔާ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ، އަހަރެންގެ ފޫހިކަން ކެނޑި ސިކުނޑި ތާޒާވިކަމެވެ. އަހަރުމެން ގެނައީ "ކޮންޓިނެންޓަލް ބްރޭކްފަސްޓް" އެކެވެ. ދެ މީހުންގެ ތަށީގައި ވެސް ހުރީ އެކައްޗެކެވެ. ދެ ޕާންފޮއްޗާއި، ބިސްގަނޑަކާއި، ސޮސޭޖެކެވެ. ތާޒާ ޖޫސް ހުއްޓެވެ. ކޮފީ ވެސް ގެނައީމެވެ. ރޯސް ކާން ބޭނުންވީ އަހަރެންގެ ތަށިންނެވެ. އަހަރެންގެ ކޮފީތަށީގައި ވެސް ތުންޖެހިއެވެ. ތުންފަތުގެ ނިޝާނެއް ޖޯޑަށް ހަދިޔާކުރިއެވެ. ބޭއިޚުތިޔާރުގައި އަހަންނަށް އެ ނިޝާނަށް ބަލައިލެވުނެވެ. ރޯސް ލާނެތް ގޮތަކަށް ހިނިތުންވެލައިފައި ތަށި އަހަންނާ ކައިރިކޮށްލިއެވެ. ބުނި ކަހަލައެވެ. ދެން މި ތަށިން ކޮފީބޯން ކެރޭނެ ހެއްޔެވެ؟ ފަސްޖެހުމެއް ނެތި އެ ތަށިން އަހަރެން ވެސް ކޮފީބުއީމެވެ. އެ ލިޕްސްޓިކްގައިވާ "މިންޓް" ރަހަ އިހުސާސް ކުރީމެވެ. ގިނަ ވަގުތު ރޯސް އިންނަނީ ލާނެތް ގޮތަކަށް އަހަންނާ ދިމާއަށް ބަލާށެވެ. ކޮންމެވެސް އެއްޗެއް ބުނަން އޭނަ ބޭނުންވާ ކަހަލައެވެ.
"ކިހިނެއް އަހަރެންގެ ނަން.." އެ ހިސާބަށް ބުނެފައި އަހަރެންގެ ވާހަކަ ބަދަލުކޮށްލީމެވެ. "ކީއްވެ އަހަންނަށް މާ ބޮޑަށް އިންޓްރަސްޓު އުފެދިގެން ތި އުޅެނީ؟"
"ލައިކުވާތީ!" ވަގުތުން ރޯސް ޖަވާބުދިނެވެ.
އެއްޗެއް ބުނަން އަހަންނަށް ކުޑަކޮށް އުނދަގޫވިއެވެ. ކަރުކެހިލަން މަޖުބޫރުވިއެވެ. އެހާ ރީތި، ޒުވާން އަންހެންކުއްޖަކަށް އަހަރެން ކަމުދިޔައީ ކީއްވެގެން ހެއްޔެވެ؟
"ސަބަބު؟" އަހަރެން ސުވާލުކުރީމެވެ.
"ކީއްވެ ސައި ނުގެނެސް އަހަރުމެން ކޮފީ ގެނައީ؟" ރޯސް ހިނިތުންވެފައި އެހިއެވެ. "ކީއްވެ އަހަރުމެން އެހެން ތާކަށް ނުގޮސް މި ތަނަށް އައީ؟ ކީއްވެ މެންދުރަށް ވުރެ ހަވީރު ވަގުތު ހިތްގައިމީ؟ އޮންނާނެ ސަބަބެއް. ސަބަބެއް ނެތި ލައިކެއް ނުވާނެ. އެކަމަކު ޓަސްލާފަ ބުނަން ނޭނގިދާނެ."
ކުއްލިއަކަށް ރޯސްގެ ސަމާލުކަން ޓީވީއާ ދިމާއަށް އެނބުރުނެވެ. ވާހަކަ މެދުކެނޑުނެވެ. އަހަރެން ބަލައިލިއިރު ޓީވީން ދައްކަނީ، ހޮލީވުޑްގެ ވަރަށް މަޝްހޫރު މީހެއްގެ ގެއެވެ. އޭނަގެ ކޮޓަރިއެވެ. ހީވަނީ ފަސް ތަރީގެ ހޮޓަލެއްގެ އެންމެ އަގު ބޮޑު ކޮޓަރިހެންނެވެ.
"މަގޭ ޑްރީމް ކޮޓަރި،" ފުން ނޭވައެއް ބޭރުކޮށްލައިފައި ރޯސް ބުންޏެވެ. "އަޅެ އެއް ރޭ ނިދާލަން ލިބުނަސް ކީއް؟"
ވަރަށް ގިނަ ވާހަކަ އޭނަ ދެއްކިއެވެ. އަހަރެންގެ ކޮންމެވެސް ސިފައެއް އޭނައަށް ވަރަށް ކަމުހިނގައްޖެއެވެ. ރޯސްގެ އަސްލު ނަމެއް އޭނަ ނުބުނެއެވެ. އަހަންނެއް ނުވެސް އަހަމެވެ. އަހަރެންގެ ހިތް އަތުލީ ރޯސްގެ ނާޒުކުކަމާއި ރީތިކަމެވެ. ދެ ގަޑިއެއްހާއިރަށް ފަހު އަހަރުމެން ވަކިވީމެވެ. ދުވަހުގެ ހަވީރު ވީއިރު ވެސް، ރޯސްގެ ހަނދާންތައް އަހަރެންގެ ހިތުގައި ވަކިއެޅުން ހުއްޓައެއް ނުލިއެވެ. ރޯސްގެ ފޮޓޯތަކަށް ބެލުނު އަދަދެއް ނޭނގެއެވެ. މުޅި ދުވަހު ވެސް އަހަރުމެން ދެ މީހުން ތިބީ ވައިބާއިން ގުޅިފައެވެ. އުމޭރުގެ ގެއަށް ވަންއިރު ވެސް އަހަރެންގެ އަތަކުން ފޯނެއް ދުލެއް ނުވެއެވެ. އެއީ، އަހަރެން ކުރިން އުޅުނު ގޮތެއް ނޫނެވެ. އަހަރެންގެ ހަރަކާތްތަކަށް އުމޭރު ބަލަން ހުރިކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ.
"އޯހ!" އަހަންނަށް ބުނެވުނެވެ. ފޯނު ޖީބަށް ލީމެވެ. "އޮފީހުގަ ވަރަށް ބޮޑު މަސައްކަތެއް ފަށައިގެން މި އުޅެނީ. ސޮރީ. ކިހިނެކޭވީ؟"
"ސީސީޓީވީ ކެމެރާތަކަށް ކަރަންޓު ނާންނަނީ." ކެމެރާތައް ކޮންޓްރޯލު ކުރާ ޔުނިޓު ދައްކައިލަމުން އުމޭރު ބުންޏެވެ. "ފެމެލީ ގޮވައިގެން މާދަމާ ސިންގަޕޫރަށް ފުރަން ހުރިހާކަމެއް ރެޑީވެފަ އޮތީ. ހަފުތާއެއް ވަންދެން ގެ ހުހަށް ހުންނައިރު ކެމެރާތައް ވެސް ބޭކާރު."
އުމޭރާއި އަހަރެން އުޅުނީ އެއް އޮފީހެއްގައެވެ. އޭރު ވެސް އުމޭރަކީ ވިޔަފާރިވެރިއެކެވެ. ފަހުން އޮފީހުން ކެނޑުނީއެވެ.
"ކެމެރާތައް ބޭކާރުކަން އެނގޭނީ އަހަރުމެން ދެ މީހުންނަށް،" އަހަރެން ބުނީމެވެ. "ވަގަކަށް ނޭނގޭނެ. ކެމެރާ ފެންނަން ހުރީމަ ނިމުނީ. ދަތުރު ނިންމާފަ އައިސް ތި ކަމާ އުޅޭނީ."
އަހަރެންގެ ޚިޔާލު އުމޭރަށް ވަރަށް ކަމުދިޔައެވެ. އެ ގެއިން ނުކުތްއިރު އަހަރެންގެ ސިކުނޑިއަށް އިބިލީސް ރަނގަޅަށް ސަވާރުވެއްޖެއެވެ. (ނުނިމޭ)