20 އެޕްރީލް 2020 - 11:22

މާލެ ލޮކްޑައުން ކޮށްފައި އޮތަސް، އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރަށް މާލެ އައުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭން ފަށައިފި އެވެ.
ފުލުހުން މިހާރު ހަމަޖެއްސި ގޮތުން މާލޭގައި ނުފުރި ތާށިވެފައި އޮތް ބޯޓުތަކަށް މާލެއިން ފުރުމުގެ ހުއްދަ ވެސް ލިބޭނެ އެވެ. ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އެ ވާހަކަ ބުންޏެވެ.
ނަމަވެސް މި ބޯޓުތަކުގައި ދަތުރުކުރެވޭނީ ހަމައެކަނި ބޯޓުގެ ފަޅުވެރިންނާއި ކައްޕިއަށް އެކަންޏެވެ. އިތުރު އެއްވެސް މީހަކު އުފުލުމަކީ މަނާކަމެކެވެ.
މި ހުއްދަ ދިން ނަމަވެސް އެޗްޕީއޭގެ އެންގުންތަކާއި ރަށްރަށުގެ ޓާސްކް ފޯސްތަކުން އަންގާ އެންގުންތަކަށް އަމަލްކުރަން ބޯޓުތަކުގެ ފަޅުވެރިންނަށް ފުލުހުން ވަނީ އަންގައިފަ އެވެ. އަދި ދަތުރު ކުރަން ފެށުމުގެ ކުރިން އެ ރަށެއްގެ ޓާސްކް ފޯސްއަށް އެކަން އަންގައި ދަތުރުކުރަން ޖެހޭނީ އެ ޓާސްކް ފޯސްގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ ބުދަދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މާލެއަށް އަރާ ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް މަނަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރޯދައަށް ރަށްރަށަށް މުދާ ގެންދަން ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ލޮކްޑައުންގައި މިގޮތަށް ހުއްދަ ދެނީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ. އެހެންކަމުން އެ ހުއްދައިގެ ބޭނުން ނަހަމަ ގޮތުގައި ނުކުރުމަށް ފުލުހުން އެދެ އެވެ. އަދި ނަހަމަ ގޮތުގައި އެ ހުއްދައިގެ ބޭނުން ހިފައިފި ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ދިނެވެ.