20 އެޕްރީލް 2020 - 14:17

މައްކާ (އެޕްރީލް 20) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންކޮށް ނުވަތަ ކާފިއު ހިންގާފައިވާ ގައުމުތަކުގައި އުޅޭ މުސްލިމުން ރޯދަ މަހު ނަމާދުކުރަން ޖެހޭނީ ގޭގައި ކަމަށް ސައުދީ އަރަބިއާގެ ދީނީ އިލްމުވެރިން ހިމެނޭ ކައުންސިލް އޮފް ސީނިއާ ސްކޯލާސް އިން ގޮވާލައިފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އަޅުކަން އަދާކުރުމުގައި ވެސް މުސްލިމުންނަކީ ނަމޫނާ ބައެއްކަން ދައްކުވައިދޭން ޖެހޭނެ ކަމަށެވެ. އެ ގޮތުން އެ މުސްލިމަކު ދިރިއުޅޭ ގައުމެއްގެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކައުންސިލުން ބުނެފައި ވަނީ ރޯދަ މަހު އަޅުކަން އަދާކުރުމުގައި، ޚާއްސަކޮށް ނަމާދު ކުރުމުގައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް ގެއްލުންވާ ޒާތުގެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. މުސްލިމުންގެ ނަފްސު ސަލާމަތް ކުރުމަކީ މާތްﷲ އަށް ކުއްތަންވުން ގާތްކޮށްދޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރޯދަ މަހު ރޯދަ ވީއްލުމާއި ހާރުކެއުމުގެ ކަންކަން ގިނަ ބަޔަކު އެއްވެގެން ނުބޭއްވުމަށް ވެސް އެދިފައިވެ އެވެ.
ރޯދަ މަހު ވެސް މުސްލިމުން ފަރްޟު ނަމާދުތަކާއި ތަރާވީހް ނަމާދު އަދި އީދު ނަމާދު ވެސް ގޭގައި ކުރުމަށް ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ ޝެއިޚް އަބްދުލް އަޒީޒް އާލް ޝެއިޚް ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ކޮރޯނާވައިރަސް މުޅި ދުނިޔޭން ކޮންޓްރޯލް ނުވާ ނަމަ ރޯދަ މަހު ސައުދީގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ފަރުޟް ނަމާދު ކުރުމެއް އަދި ތަރާވީހު ނަމާދު ކުރުމެއް ނޯންނާނެ ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން އަބްދުލް އަޒީޒް އާލް ޝެއިޚް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްވުމުގެ އުއްމީދު ލިބެންދެން މި އަހަރުގެ ހައްޖުގެ ތައްޔާރީތައް ނުވެ މަޑުކޮށްލުމަށް ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ތޯހިރު ވެސް ވަނީ އެދިވަޑައިގެންފަ އެވެ