20 އެޕްރީލް 2020 - 13:57

ކާބުލް (އެޕްރީލް 20) - އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި ކޮރޯނާވައިރަސް ފެތުރި އެތައް ބަޔަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މިހާތަނަށް 20 މީހުން ޕޮޒިޓިވްވި ކަމަށް އެ ގައުމުގެ ބައެއް ޚަބަރުތައް ބުނި ނަމަވެސް ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ މަދުވެގެން 40 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ގަނޑުވަރުގައި ވައިރަސް ފެތުރޭކަމުގެ ޚަބަރުތަކާ ގުޅިގެން އަފްޣާން ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. އަދި ރައީސް އަޝްރަފް ޣަނީ ޕޮޒިޓިވްވި ކަމަށް ވެސް ބުނެފައެއް ނުވެ އެވެ. އުމުރުން 70 އަހަރުގެ ޣަނީ ވަނީ 90 ގެ އަހަރުތަކުގައި ކެންސަރަށް ފަރުވާ ހޯއްދަވައިފަ އެވެ.
އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ގަނޑުވަރުން 20 މީހުން ޕޮޒިޓިވްވި ނަމަވެސް އެކަން ސިއްރު ކުރަމުންދާ ކަމަށެވެ.
ކޮރޯނާވައިރަސް ބާރަށް ފެތުރޭ ގައުމެއް ކަމަށްވާ އީރާނުގެ އޮފިޝަލުންތަކަކާ ރައީސް ޣަނީ ބައްދަލު ކުރައްވައި މަންޒަރު ރިޔާސީ ގަނޑުވަރުގެ ޓްވީޓުން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވެ އެވެ.
އަފްޣާނިސްތާނުން މިހާތަނަށް ވަނީ 996 މީހުން ޕޮޒިޓިވްވެ 33 މީހުން މަރުވެފަ އެވެ. ނަމަވެސް އެ ގައުމުގެ ޓެސްޓް ކުރެވޭނެ ގޮތްތައް ފުރިހަމަވެފައި ނެތުމުން ޕޮޒިޓިވްވާ މީހުންގެ އަދަދު މާމަތިވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. މިދިޔަ މާޗް މަހު ވަނީ އީރާނުން 150،000 މީހުން އަފްޣާނިސްތާނަށް އެތެރެވެފަ އެވެ. އަދި ޕާކިސްތާނުން ވެސް ވަނީ އެތައް ހާސް ބަޔަކު އެތެރެވެފަ އެވެ.