19 އެޕްރީލް 2020 - 23:04

އެޗްޕީއޭ އިން ޕޮޒިޓިވް ކަމަށް އިއުލާންކޮށްފައިވާ ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ. އޭގެ މާނައަކީ އޭނާގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެ ދެވަނަ އަދި ތިން ވަނަ ފަހަރު ވެސް ނެގެޓިވްވެފައި ވުން. އެހެން ނަމަވެސް، ޕޮޒިޓިވް ކޭސްތަކުގެ ލިސްޓްގައި، 28 އަހަރުގެ އެ އަންހެން މީހާ ހިމަނާފައި އެ ވަނީ އެނގިފައިވާ ގޮތުގައި ހައި ރިސްކް އޮތް އަދި ޑައިރެކްޓް ކޮންޓެކްޓް މީހަކަށް ވާތީ. އެހެންވެ އޭނާ ވެސް ބަލާނީ އެކްޓިވް މީހެއްގެ ގޮތުގައި. އެއީ މި ލިސްޓް އެކުލަވާލާ ގޮތް ކަމަށް އެޗްޕީއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައި. އެހެންވެ، ލިސްޓްގެ އިންޑެކްސް އަށް މިހާރު ވެސް ބަދަލެއް ނާންނާނެ. ފުރަތަމަ ޓެސްޓްގައި ޕޮޒިޓިވް ވުމަށް ފަހު އޭގެ ފަހުން ނެގެޓިވް ވިޔަސް، ޓެގް ޓީމުން ދެން ބަލަނީ އޭނާގެ ކޮންޓެކްޓަށް. ކޭސް 26 އަކީ ކޭސް 23 އާ ގުޅުން އޮތް މީހެއް.

ޑރ. ނަޒްލާ ރަފީގު: ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވުމަށް ފަހު ނެގެޓިވް ވެގެން ދެ ކޭސްއެއް ޕްރޮބަބްލް ކޭސްތަކެއްގެ ގޮތުގައި ވާނީ ބަލައިފައި. އެކަމަކު މިހާރު އިއުލާންކޮށްފައި ހުންނާނީ ކޮންފާމްޑް ކޭސްތައް. އޭގެ އަދަދުތަކަކަށް ބަދަލެއް ނާންނާނެ.

ޑރ. ނަޒްލާ ރަފީގު: ނެގެޓިވް ކޭސްތައް އެ ފަރާތްތަކަށް އެންގުމުގައި ލަސްތަކެއް އުޅޭ. އެކަން އަޅުގަނޑުމެން އެބަ ރަގަޅު ކުރެވޭތޯ ބަލަން.

ޑރ. ނަޒްލާ މުސްތޮފާ: ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ތިން ހަފުތާއެއް ވަރު ކުރިން. އޭގެ ކުރިން ވެސް އަޅުގަނޑުމެން އެކި ޓެސްޓްތައް ހަދަމުން ދިޔައީ. އަޅުގަނޑުމެންނަކަށް މި ބަލި ފާހަގަ ވެފައެއް ނެތް

ޑރ. ނަޒްލާ ރަފީގު: އެއްވެސް އަލާމާތަކާ ނެތް މީހުން ވެސް އެބަހުރި ޕޮޒިޓިވްވެފައި. އަލާމަތްތައް ފެނުމުގެ ކުރިން ސާމްޕަލްތައް ނެގުމުގެ ކުރިން ޕޮޒިޓިވްވެ، އޭގެ ފަހުން އަލާމާތްތައް ފެނިފައިވާ މީހުން ވެސް.

ޑރ. ނަޒްލާ މުސްތޮފާ: އަޅުގަނޑުމެންގެ ލެބްގައި ވަރަށް ފުރުސަތު ކުޑަވާނެ ކޮންޓެމިނޭޓް ވުމުގެ ފުރުސަތު. އެހެން ހީވިޔަސް އަޅުގަނޑުމެން ބަލާނެ އެހެން ކަންކަން. މިސާލަކަށް އަޅުގަނޑުމެން ބަލާނެ އެހެން ޕޮޒިޓިވް ކޭސްތަކާ ގުޅުން ހުރިތޯ. ސާމްޕަލް ނެގޭ ގޮތުން ވެސް ނެގެޓިވް ވެސް ވެދާނެ. ޕޮޒިޓިވް ވެސް ވެދާނެ. އަޅުގަނޑުމެން ގިނަ ފަހަރު ބަލަނީ ޕޮޒިޓިވް ކޭސްތަކާ ގުޅުން ހުރެގެން އަންނަ ކޭސްތައް އެއީ ޕޮޒިޓިވް ކޭސްތައް ކަމަށް.

ޑރ. ނަޒްލާ މުސްތަފާ: ގޭގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން ވަރަށް މުހިންމު. ކާރުގައި ދާ އިރު ވެސް ކާރުގެ ދޮރުތައް ހުޅުވާލައިފައި ބެހެއްޓުން މުހިންމު. އޭގެ ސަބަބަކީ ވައިރަސް މަދުކޮށްދޭނެ އޭރުން. ރާއްޖޭގެ ކޭސްތަކުން ފެނުނު އެއް ކަމަކީ އެއްތަނެއްގައި އުޅޭ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަން

ޑރ. ނަޒްލާ މުސްތަފާ: ޑެލިވަރީ ކުރާއިރު، ޑެލިވަރީ ކުރާ މީހާއާ ވެސް ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން ވާނެ. މިސާލަކަށް ގޮނޑިއެއް ބަހައްޓާފައި އެ ގޮނޑީގައި ވެސް އެއްޗެހި ބަހައްޓަން ބުނެވިދާނެ. މީގެ އިތުރުން ދެން އެންމެ މުހިންމު ކަމަކީ އޮންލައިން ޓްރާންސެކްޝަން ހެދުން.

ޑރ. ނަޒްލާ މުސްތަފާ: ކޮވިޑަށް ޓެސްޓް މި ކުރަނީ ސީދާ ވައިރަސް އަށް. އެއީ ނޭފަތަށް ނުވަތަ ކަރުތެރެއަށް ކަފަބުރެއް ލައިފައި. އަޅުގަނޑުމެން މި ދަނީ ވީހާ ގިނަ ބަޔަކު ޓެސްޓް ކުރެވޭތޯ. ޕަބްލިކްގެ ފަރާތުން މި އެދެނީ އެކަމަށް އެއްބާރުލުން.

ޑރ. އަލީ ލަތީފު: ކުރިން އަޅުގަނޑުމެން ދެންނެވިން އަދި މާސްކް އަޅާކަށް ނުޖެހޭނެއޭ. މިހާރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނުކުތަސް މާސްކް އެޅުން ވަރަށް މުހިންްމު.

ޑރ. އަލީ ލަތީފު: މިކަހަލަ ވަގުތެއްގައި ތެދު ހެދުން ވަރަށް މުހިންމު. ކޭސް ޕޮޒިޓިވް ވީމަ، މިކަހަލަ ބޮޑު ކަމެއް ވީމަ ތިމަންނާ އަށް އެނގެންވާނެ އެ މީހަކާ ކޮންޓެކްޓް ވެފައި ހުރިކަން.

ޑރ. ނަޒްލާ ރަފީގު: ކަރަންޓީނަށް ދިޔަ ފަހުން ވެސް ސިމްޓަމްސް ފެނިގެން ބައެއް މީހުން ޓެސްޓްކޮށް ޕޮޒިޓިވް ވެފައިވޭ
ޑރ. ނަޒްލާ ރަފީގު: ކޭސް 55 (ލިލީ ބާޒާރުގެ މުވައްޒަފު) އަކީ ޑެލިވަރީގައި އުޅުނު މީހެއް. މީގެ އިތުރުން އިހުސާން މާފަންނު ފިހާރައިގެ ދެ މުވައްޒަފަކު ހިމެނޭތީ މި މަހުގެ 15 އިން 17 އަށް އިހުސާން (މާފަންނު) ފިހާރަ އަށް ދިޔަ މީހުން އަޅުގަނޑުމެންނަށް އަންގަވައިދެއްވުން އެދެން.
ޑރ. ނަޒްލާ ރަފީގު: މިއަދު މެންދުރު ފަހު ފަހުން އިއުލާންކުރި ކޭސްތަކުގެ ތެރެއިން 61 އެއީ ކޭސް 36 އާ ގުޅުންހުރި ކޮންޓެކްޓެއް. 62 އާއި 63 އަދި 64 އެއީ ކޭސް 28 އާ ކޮންޓެކްޓްވެފައި ހުރި ކޭސްތައް. މީގެ އިތުރުން 65، 66 އަދި 67 އަކީ ކޭސް 29 އާ ގުޅުން ހުރި މީހުން
މަބްރޫކް: މިހާ ހިސާބަށް އައިއިރު 900 އަށް ވުރެ ގިނަ ކޮންޓެކްޓް ވަނީ ދެނެގަނެވިފައި. މީގެ އިތުރުުން މޮނީޓަރިންގެ ހާލަތަށް ވަނީ 164 ތަނެއް ގެންދެވިފައި. މީގެ އިތުރުން ކ. ގުރައިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި.
ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭގެ މީޑިއާ ބްރީފިންގައި ބައިވެރިވެ ވަޑައިގަންނަވަނީ އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒުގެ އިތުރުން ޓެކްނިކަލް އެޑްވައިރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ އަދި އެޗްޕީއޭގެ މެޑިކަލް ޑޮކްޓަރު ނަޒްލާ ރަފީގް.
މިއަދު މާލެ އިން ފަހުން ޕޮޒިޓިވްވި 7 ކޭސް (ކޭސް 61 އިން 67) ގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި މާލޭގައި މަސައްކަތްކުރާ އިންޑިޔާގެ ހަތަރު މީހުން ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މި އެންމެން ވެސް އައިސޮލޭޓް ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނޭ.
މާލެ، ވިލިމާލެ، ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތުގައި ވެކްސިން ދިނުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި. އެ އިދާރާ އިން ކުރި އިއުލާނެއްގައިވާ ގޮތުން މާލެ ސަރަހައްދުގައި ލޮކްޑައުންގެ 14 ދުވަހު ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19 ގެ ބަލީގެ މީހުން މާލެ އިން ވެސް ފެންނާތީ އާއި އެ ބަލި ހަލުވިކަމާ އެކު މާލޭގައި ފެތުރޭއިރު، ވެކްސިންދޭ މަރުކަަޒުތަކަށް ދިއުމަށް ވުރެ ގޭގައި ތިބުން މިހާރު ރައްކާތެރިވާނެތީ. އަދި މި ލޮކްޑައުންގެ މުއްދަތު މި އަށް ވުރެ ދިގުވާ ނަމަ ވެކްސިން ދިނުމުގައި ހަމަޖައްސާނެ ގޮތެއް އިއުލާން ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނޭ. ލޮކްޑައުންގެ 14 ދުވަސް ހަމަވާނީ އަންނަ މަހުގެ 1 އަށް.
ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، އެއްވެސް ބައެއްގެ ހުއްދަ ހޯދުމަކާ ނުލައި ގއ. ގެމަނަފުށިން ޑިންގީއެއްގައި ގޮސް ގއ. ކޮނޑޭ އަށް މިއަދު މެންދުރު ފަހު އެރި އުމުރުން 60 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. ފުލުހުން ބުނީ ދިވެހި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ފުއްޓަރު ފަރާތުން ކޮނޑޭއާ ކައިރިކޮށް ސިއްރުން ރަށުތެރެއަށް އަރައިގެން އުޅެނިކޮށް ކަމަށް. އެ މީހާ ދަތުރުކުރީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް ފުލުހުން ބުނޭ. ރާއްޖެ އަށް ކޮރޯނާވައިރަހުގެ ބިރުވެރިކަން ފެތުރިފައިވާ މި ނާޒުކް ދަނޑިވަޅުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގެވުމާ އެއްގޮތަށް އަމަލުކުރަން ފުލުހުން އިލްތިމާސް ކުރޭ. އެ އެންގުމާ ޚިލާފުވާ މީހުން މީގެ ކުރިން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
ހއ. އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ މޯލްޑިވިއަންގެ ސީޕްލޭނެއްގައި މިހާރު ވަނީ ގެންގޮސްފައި. އޭނާ ގެންދަނީ ކޮން އައިސޮލޭޝަން ފެސިލިޓީއަކަށް ކަމެއް އަދި ނޭނގެ.
މަބްރޫކް: އިތުރު ހަތް ޕޮޒިޓިވް ކޭސް ފެނިއްޖެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީން.
މަބްރޫކް: ހިތަދޫ ރީޖަަނަލް ހޮސްޕިޓަލް މި ބަދަލުކުރަނީ ކޮވިޑަށް ހާއްސަ ތަނެއްގެ ގޮތުގައި. މާ ބޮޑު ބަދަލުތަކެއް އެ ތަނަކަށް ނާންނާނެ. އައްޑޫ ހޮސްޕިޓަލަކުން ޕީޕީސް ހުހެއް ނުވާނެ. ހަމަ ހުސްވާން ކައިރި ވާއިރަށް އެތަކެތި ފޮނުވާނެ.
ނަޒްލާ: މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހަކު ހިމެނޭ. އެކަމަކު މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން.
ނަޒްލާ: ބީއެޗްއެމް އާއި އިހުސާން ފިހާރައިގެ މުވައްޒަފުން މަސައްކަތް ކުރަނީ އެ މީހުންގެ ކޮންކޮން ފިހާރަތަކެއްގައިތޯ އަޅުގަނޑުމެން ސާފުކޮށްފައި ފަހުން އަންގާނަން.
ޑރ. ނަޒްލާ: ފްލޫ ކުލިނިކަށް ދާ އެންމެން ވެސް މިހާރު ވައިރަސް އަށް ޓެސްޓްކުރަމުން ގެންދާނެ.
މަބްރޫކް: ކާބޯތަކެތީގެ އަގުތައް ބޮޑުވުމުގެ މައްސަލައިގައި އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. ބައެއް މުދަލުގެ އަގު ކޮންޓްރޯލް ކޮށްފައި ވެސް އަޅުގަނޑުމެން ވާނީ އިއުލާންކޮށްފައި.
ޑރ. ނަޒްލާ: މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 53 އަކީ ބީއެޗްއެމްގައި މަސައްކަތްކުރާ ދިވެއްސެއް، 54 އަކީ ވެސް ފުލޫ ކްލިނިކަށް ދިޔަ މީހެއް، އޭނާ މަސައްކަތް ކުރަނީ ދިވެހި ވިއުގަ، 55 އަކީ ކޭސް 29 އާ ގުޅިގެން އައިސޮލޭޓް ކޮށްފައި ހުރި މީހެއް، ކޭސް 56 އަކީ ކޭސް 34 އާ ގުޅުން ހުރި މީހެއް އޭނާ ހުރީ ފެސިލިޓީގައި އޭރު ވެސް. ކޭސް 57 އަކީ 27 އާ ޑައިރެކްޓް ކޮށްޓެކްޓް ވެގެން ފެސިލިޓީގައި ހުރި މީހެއް. 58 އަކީ ފުލޫ ކުލިނިކަށް ދިޔަ ދިވެއްސެއް. މީގެ އިތުރުން 59 އާއި 60 އަކީ އިހުސާންް ފިހާރައިގައި މަސައްކަތް ކުރާ ދެ ބަންގްލަދޭޝްގެ މުވައްޒަފުން.
މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި 19 ބިދޭސީން. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލާދޭޝް 17 މީހަކާއި އިންޑިއާ ދެ މީހެއް
އެޗްޕީއޭ އިން ފުރަތަމަ ކުރި ޓްވީޓްގައި ހަ ބިދޭސީންނާއި ދެ ދިވެހިން ކަމަށް ބުނެފައި އޮތަސް އެއީ ކުށެއް ކަމަށާއި ރަނގަޅު ގޮތަކީ ދެ ބިދޭސީންނާއި ހަ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފި
މި އަދަދުތަކާ އެކު މާލޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައި. މުޅި ރާއްޖޭން 59 މީހަކު ވަނީ ޕޮޒިޓިވް ވެފައި
އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި. މިއީ ހަ ދިވެހިންނާއި ބަންގްލާދޭޝްގެ ދެ މީހުން
ރާއްޖޭގައި ކޮވިޑް-19 އާ ބެހެ ގޮތުން ދޮގު ވާހަކަތައް ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ދޮގު ވާހަކަ ނުފަތުރަން އެދިވަޑައިގެންފައި
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މިއަދުގެ ފުރަތަމަ މީޑިއާ ބްރީފިން މެންދުރު 2:00 އަކަށް ތާވަލްކޮށްފި. އެ ސެންޓަރުން އަންނަނީ ދުވާލަކު އާންމުކޮށް 2-3 ބްރީފިން ވާޗުއަލްކޮށް މިހާރު ބާއްވަމުން. އެ ބްރީފިތަކުގައި އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒްގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރުންނާއި ކަމާ ގުޅޭ ދާއިރާތަކުގެ އެހެނިހެން އިސްވެރިން އެކި ކަންކަމުގެ އެންމެ ފަހުގެ މައުލޫމަތު ގެނެސްދޭ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބަންގްލާދޭޝް މީހުންގެ ތެރެއިން، އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން، ސައްހަ ޕާސްޕޯޓް އޮތް މީހުން ބަންގްލާދޭޝް ހައިކޮމިޝަނުގައި މިއަދު 2:00ގެ ކުރިން ރަޖިސްޓްރީވާން އެދެފި. މި ފުރުސަތު ހުޅުވާލި އިރު ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލާދޭޝް މީހުން ވަރަށް ގިނަ. ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މިއަދު އަންނަ އެ ގައުމުގެ އަސްކަރިއްޔާގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ، ގަވައިދާ ޚިލާފަަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 70 މީހަކު ގޮވައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ ވިދާޅުވެފައި. އެ މަތިންދާބޯޓު ފުރާނެ ދުވަހެއް އަދި ހާމައެއް ނުކުރޭ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި. މޯދީ މިކަމާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާވައިރަހަކާ އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަބާއެއް ކަމަށާއި އެހެންވެ އެކަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް. އަދި މިކަމުގައި، އިންޑިއާގެ އަވަށްޓެރި ރާއްޖެއާ އެކީގައި އޮންނާނެ ކަމަށް ވިދާޅުވި.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ރަށްރަށުގެ ކައުންސިލްތަކާއި ޓާސްކް ފޯސްތަކުން ކުރިއަށް ވުރެ ބޮޑަށް މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައި. ޚާއްސަކޮށް ރަށްރަށް އަރައިފޭބުން އެޗްޕީއޭ އިން މަނާކުރުމާ ގުޅިގެން ރަށްރަށުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރަން ފަށާފައި. ޖުމްލަ ގޮތެއްގައި ކޮންމެ ރަށަކަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވައިލާފައިވާއިރު، އެ ރަށަކާ ގުޅޭ ސިއްހީ ރައްކާތެރިކަމުގެ ކަންކަން ބަލަހައްޓަނީ އެޗްޕީއޭގެ ލަފާގެ މަތިން އެ ޓާސްކް ފޯހުން.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބ. އޭދަފުށީ ޓާސްކްފޯހުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުމުގެ ޚިދުމަތް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމާއި (އެކަމަކު ޑެލިވަރީ ކުރެވޭ ގޮތަށް) ބޯކޮށާ ތަންތަން މި ވަގުތަށް ބަންދުކުރުމާއި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކުގައި މީހުން އިށީނދެ ތިބުން މަނާކުރުން. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުނިކުތުމާއި ތަކެތި ގަތުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތަށް އިސްކަން ދިނުމަށް ވެސް އޭދަފުށީ ޓާސްކް ފޯސް އިން އެދޭ. ޓާސްކްފޯހުގެ ނިންމުމުގައިވާ ގޮތުން، އޭދަފުށީގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުމުގެ ޚިދުމަތް ދިނުން އަދި ބޯކޮށާ ތަންތަން މިއަދުގެ ހަވީރު 6 ން ފެށިގެން ބަންދުވާނެ.
ސިއްހީ ޚިދުމަތްތެރިންނަށް ވަކި ބަޔަކު ފުރައްސާރަ ކުރާ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއާ ހަވާލާދީ، މި ކަވަރޭޖުގައި ޖެހި ޚަބަރާ ގުޅުވައިގެން އެ ޖަމާއަތުން ފަހުން ކުރި ޓުވީޓެއްގައި ބުނީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގެއިން ނުކުންނަން ވެސް އަންގަމުންދާ ކަމަށް. އަދި އެންމެ ރަނގަޅީ ވަޒީފާ އަށް ނުދިއުން ކަމަށާއި ވަޒީފާ އަށް ނުދާން ވެސް ބައެއް މީހުން އަންގާ ކަމަށް އެ ޔޫނިއަން އިން ކަންބޮޑުވުމާ އެކު ބުނޭ. މި ކޮރޯނާވައިރަހުން އަހަރެެމެން ސަލާމަތް ކޮށްދިނުމަށް ރެ އާއި ދުވާލު އެންމެ ބުރަކޮށް މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނަށް މިއަދު ކުރިމަތިވާ މައްސަލަ. ސިއްހީ ޚިދުމަތްތެރިންގެ ޖަމާއަތުން ބުނީ، މި ކަންކަމުން އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށް. ރާއްޖޭގެ ސިއްހީ ދާއިރާގެ ބޮޑު ޕަސެންޓެއް މިހާރު އިސްކަންދެނީ މުޅި ގައުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކޮރޯނާވައިރަހުން ދިވެހިން ސަލާމަތްކޮށް، އެ ވައިރަސް ފެތުރުނަ ނުދިނުމަށް.
ހއ. އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި އެ ރަށު 27 އަހަރުގެ ފިރިހެންމީހާ، އެކަހެރިކޮށް ބަހައްޓަން އޭނާ ބަލާ ސީޕްލޭނެއް މިހާރު އެ ރަށަށް ދަތުރުކުރާ ކަމަށް ވަނީ އެނގިފައި. އޭނާގެ ހުން މިހާރު ވަނީ ފިލާފައި އަދި ހާލު ވެސް ރަނގަޅު ކަމަށް ވޭ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރަށްރަށް ދަތުރުކުރަން، މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަ ކަމަށް، އެނގިފައިވޭ. މިއީ މާލެ ފިޔަވައި މީހުން އުޅޭ ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ފުރަތަމަ މީހާ. އޭނާ އުލިގަމަށް ދަތުރުކުރި އިހަވަންދޫ ބޯޓު ޖެއްސި ހުރިހާ ރަށެއް މިހާރު ވަނީ މޮނިޓަރިން ހާލަތުގައި. އެ ބޯޓުން 100 އަށް ވުރެ ގިނަ މީހުން ދަތުރުކުރި ކަމަށްވޭ.
މި ކަވަރޭޖްގައި މިހާތަނަށް އާންމުން އެންމެ ހިތްހަމަނުޖެހުނު އެއް ކަމަކީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" ނަމަކަށް ކިޔާ މީޑިއާއެއްގެ މީހަކު، ބަންގްލަދޭޝް މީހުންނަށް ނިސްބަތްކޮށް "ބަންގާޅީން"ނޭ ބުނުމުން. އޭނާ އެހެން ބުނުމާ އެކު، އެޗުޕީއޭގެ ޑރ. ނަޒްލާ ރަފީގު ވަނީ ވަގުތުން ވާހަކަ ހުއްޓުވާފައި. އޭނާ ދެން ވިދާޅުވީ "އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ސުވާލުކުރާއިރު ހުރިހާ އެންމެންނަކީ ވެސް އިންސާނުން، އެ މީހުންނަށް އެ ދޭންވާ ރެސްޕެކްޓާ އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަންވާނީ އިނގޭތޯ." ޑރ. ނަޒްލާ އެހެން އަމަލްކުރެއްވުމުން، ސޯޝަލް މީޑިއާގައި އާންމުން އޭނާއަށް ތައުރީފްކުރި.
ކޮވިޑް-19 ގެ ކަވަރޭޖްގެ ބައެއް މުހިންމު ކަންކަމަށް ބަލާއިރު އިއްޔެ އާއި ރޭ އާންމުކުރި މައުލޫމާތުތަކުގެ މުހިންމު ބައެއް ޕޮއިންޓްތަކެއް މި ވަގުތު ފާހަގަކޮށްލާނަން. އެގޮތުން އެއް ކަމަކީ މިހާތަނަށް މާލެއިން ޕޮޒިޓިވްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަން. އެ އެންމެން އެކަހެރިކޮށް، ފެސިލިޓީތަކުގައި އަންނަނީ ފަރުވާދެމުން. ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، ކޮރޯނާވައިރަސްގެ ސަބަބުން 80 ޕަސެންޓް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ނުޖެހޭކަން. އެޑްމިޓްކުރަން ޖެހެނީ ނޭވާލާން އުނދަގުވާ ހިސާބުން. ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެންގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް.
ރާއްޖޭގައި މަސައްކަތް ކުރާ ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ރޫހު އެބަހުރި ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) ން ބުނެފި. އެ ކައުންސިލުން މިހެން ބުނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ވާޗުއަލްކޮށް ބޭއްވި މީޑީއާ ބްރީފިންގައި، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މީހުންނަށް ނިސްބަތްކޮށް "ރަސް އޮންލައިން" އިން ސުވާލުކުރި ނޫސްވެރިޔާ "ބަންގާޅީން" އެ ބަސް ބޭނުންކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް. އެ ނޫސްވެރިޔާގެ އެ އަމަލާ ގުޅިގެން، އެމްއެމްސީން ކުރި ޓުވީޓެއްގައި ބުނީ ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެ އަށް އަމަލު ކުރަން ވަރަށް އަވަހަށް ފެށުމުގެ ރޫހު އެ ކައުންސިލްގެ މެމްބަރުންގެ އެބަހުރި ކަމަށް. އެމްއެމްސީން ބުނީ ރޭގެ މީޑިއާ ބްރީފިންގައި "ރަސް އޮންލައިން" އިން ސުވާލުކުރި ނޫސްވެރިޔާގެ ފަރާތުން ފެނުނީ ޒިންމާދާރު އަމަލެއް ނޫން ކަމަށް އެ ކައުންސިލުން ދެކޭ ކަމަށް. އެހެންވެ، އެ ނޫސްވެރިޔާ އާއި އެ އޮންލައިންގެ އެޑިޓަރު މާފަށް އެދުމަށް އަންގާނެ ކަމަށް އެމްއެމްސީން ބުނޭ.
ރާއްޖެ އަށް ކޮރޯނާވައިރުގެ ބިރުވެރިކަން ފެތުރިފައިވާ މި ވަގުތު އެންމެ ބޮޑު ގުރުބާނީއެއް ވަމުން އަންނަ އެއް ބަޔަކީ ސިއްހީ ޚިދުމަތްތެރިން. އާއިލާ އާއި ގާތްތިމާގެ މީހުންނާ ވަކިން ގިނަ ވަގުތު އެ މީހުން މިހާރު ގިނައިން އުޅެން ޖެހިފައި ވަނީ ކޮރޯނާވައިރަހުން އާންމު ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ބުރަ މަސައްކަތުގައި. މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ 31 މީހަކު ފެނިފައިވާރު، ޚާއްސަކޮށް މާލެ ސަރަހައްދުގައި ތިބި ސިއްހީ ޚިދުމަތްތެރިން މަސައްކަތް ވަކިން ބުރަވެފައި އުނދަގޫވާނެ. އެކަމަކު، މިއަދުގެ މުޖުތަމައުގައި ތިބި ވަކި ބައެއްގެ ފަރާތުން އެ މީހުންނަށް ފުރައްސާރަ ކުރަމުން އެބަދޭ. ރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ޔޫނިއަން އިން ރޭ ކުރި ޓުވީޓެއްގައި ބުނީ ގޭގޭގެ އިމާރާތްތަކުގެ ވެރި ފަރާތުންނާއި މުޖުތަމައުގެ ތެރެއިން ވެސް ސިއްހީ ޚިދުމަތްތެރިންނަށް ފުރުސަތު ކުރަމުންދާ ކަމަށް. މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެ މީހުން އެ ތަކެއް ގުރުބާނީތަކެއް ވަމުން އަންނައިރު އެ ފުރައްސާރަ ކުރުންތައް ބަލައިނުގަނެވޭނެ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ކުރި ޓުވީޓުގައި ބުނީ. ކަން މި ހާލަތުގައި އޮތް އިރު ސިއްހީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޖަމާއަތުން ގޮވައިލި.
އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 131 މީހަކު މިހާތަަނަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ އުލިގަމު މީހާ އަށް ޝައްކުކުރެވި އޭނާގެ ނަތީޖާ ލިބުމާ ހަމައަށް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 131 މީހަކު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ.
އުލިގަމުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެ އައިސް، މިމަހުގެ 15 ވަނަ ދުވަހު ކަނޑު ބޯޓަކުން އެނބުރި ރަށަށް ދިޔަ މީހެކެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މީހުން ދަތުރުކޮށްފައިވާއިރު މި ކޭސްއާ ގުޅިގެން ބޯޓުން މީހުން ފޭބި އެ އަތޮޅުގެ ރަށްތައް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
މާލެއިން މިހާތަނަށް 32 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މި އެންމެންގެ ޖުމްލަ 468 ކޮންޓެކްޓުން މިހާތަނަށް ހޯދިފައިވެ އެވެ.
މާލެ އިން މިއަދު އެކަނި ވެސް 16 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތުތައް ވެސް މިރޭ ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން ކޭސް 35 ގެ މިހާތަނަށް 45 ކޮންޓެކްޓްސް، ކޭސް 36 ގެ މިހާތަނަށް ހަތަރު ކޮންޓެކްޓްސް ވަނީ ހޯދިފަ އެވެ. އަދި 200 އެއްހާ މީހުން އިތުރަށް ބަލާ ތަފްސީލް ހޯދަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ކޭސް 37 އިން ކޭސް 49 އަކާ ހަމައަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 68 މީހުން ހޯދިފައިވާއިރު ކޭސް 50 އާއި ކޭސް 51 ގެ މިހާތަނަށް ހޯދިފައި ވަނީ 50 ކޮންޓެކްޓްސް ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޮންޓެކްޓްތަކުގެ ތެރޭގައި މީގެ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއަކުން އައިޑެންޓިފައި ކުރެވިފައިވާ މީހަކު ހުރި ނަމަ އެ މީހަކު ނުހިމަނާ ކަމަށާއި އެ މީހުން މިހާރު ތިބީ އައިސޮލޭޝަނުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބައްޔަށް މިއަދު ޕޮޒިޓިވްވެފައިވާ 13 ބަންގްލަދޭޝް މީހުންނަކީ ކޭސް 27 އާ ގުޅުންހުރި މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އަދި އެ 13 މީހުންނަކީ ވެސް އެއްތަނެއްގައި ދިރިއުޅޭ މީހުންކަން ވެސް ހާމަކޮށްފައިވެ އެވެ.
ކޭސް 50 އަދި 51 އެއީ އިންޑިއާ ދެ މީހުންނެވެ. އޭސީ މަރާތްމާތްކުރުމުގެ ހިދުމަތްދޭ އެ ދެ މީހުންނަކީ ކޭސް 28 އާ ގުޅުންހުރި ދެ މީހުންނެވެ. ކޭސް 28 އަކީ ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ އެވެ.