ނީލް ނިތިން މުކޭޝް އެންގޭޖްވެއްޖެ، ވަރަށް އަވަހަށް ކައިވެނި ކުރާނެ
ނީލް ނިތިން މުކޭޝް އެންގޭޖްވެއްޖެ، ވަރަށް އަވަހަށް ކައިވެނި ކުރާނެ

ބޮލީވުޑް ތަރި ނީލް ނިތިން މުކޭޝް އަލަތު ކައިވެންޏަށް ތައްޔާރުވާން ފަށައިފި އެވެ. މި ކައިވެންޏަކީ ދެ ފަރާތުގެ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ.

ރުކްމިނީ އާއި ނީލްގެ އެންގޭޖްމަންޓް ހަފުލާ ވަރަށް ކުލަގަދަކޮށް މި ހަފުތާގައި ބާއްވާފައި ވާއިރު ކައިވެނީގެ އިންތިޒާމްތައް ވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ނީލް ވަނީ ބުނެފަ އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުކޭޝްގެ ކާފަ ދަރިފުޅު ނީލް މީގެ ކުރިން ބޮލީވުޑް ބައެއް ބަތަލާއިންނާ ގުޅުން އޮންނަ ކަމަށް އަޑު އެރިޔަސް ސީރިއަސްކޮށް އެއްވެސް މީހަކާ ރައްޓެހިވެގެން އުޅުނުކަމެއް ނޭނގެ އެވެ.

ނީލް މިހާރު އެންގޭޖްވެފައިވާ ރުކްމިނީ ސަހާއޭ އަކީ އޭވިއޭޝަން އިންޑަސްޓްރީއަށް ނިސްބަތްވާ އާއިލާއެއްގެ މީހެކެވެ. މި އާއިލާ އާއި ނީލްގެ އާއިލާ އަކީ ވަރަށް ކުރިއްސުރެ ދަންނަ އެކުވެރި ބައެކެވެ. އެހެންވެ އާއިލާއިން ވާހަކަ ދައްކައިގެން ކައިވެނި ކުރާ ގޮތަށް ހަމަޖެއްސުމުން ނީލް ވެސް އެއްބަސްވީ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނީލް ބުނި ގޮތުގައި އޭނާއަކީ ތަންކޮޅެއް ބޯދާ ވިސްނުމެއް ގެންގުޅޭ މީހަކަށް ވާތީ ހަޔާތުގެ ބައިވެރިއެއް ހޯދުން ވެސް މައިންބަފައިންނަށް ދޫކޮށްލީ އެވެ. އަދި ނީލްގެ އާއިލާގެ އެންމެން ވެސް ރުކްމިނީ ދެކެ ވަރަށް ލޯބިވާ ކަމަށާއި ރުކްމިނީ ވެސް އާއިލާއާ ވަރަށް ގުޅޭ ކަމަށް ނީލް ބުނެފައިވެ އެވެ.

ނީލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޖޮނީ ގައްދާރް"، "ޑޭވިޑް"، "7 ޚޫން މާފް"، "ނިއުޔޯކް" އަދި "ވަޒީރު" ހިމެނެ އެވެ.