މުއްސަނދިކަމުން ވެކިޔުމް ކްލީނާއެއް ވެސް ބޭނުންކުރަން ނޭނގޭ މަހުޖަނުން
މުއްސަނދިކަމުން ވެކިޔުމް ކްލީނާއެއް ވެސް ބޭނުންކުރަން ނޭނގޭ މަހުޖަނުން

ފުދުންތެރިކަން ފަހަނައަޅައި، މުއްސަނދިކަމުގައި މުޅި ހަޔާތް ހޭދަކުރަމުންދާ މަހުޖަނުންނަށް "ވެކިޔުމް ކްލީނާ"އެއް ވެސް ބޭނުންކުރަން ނޭނގޭކަން "ވޯލް ސްޓްރީޓް ޖާނަލް" އަށް އެނގިއްޖެ ކަމަށް އެ ނޫހުން ބުނެފި އެވެ. ކޮރޯނާވައިރަހާ ހެދި މުޅި ދުނިޔެ ހުއްޓިފައި އޮތްއިރު، އަމިއްލަ ހާލަތުގައި އުޅެން ނޭނގޭ މަހުޖަނުން ވެސް އުޅޭ ކަމަށް ވެ އެވެ.

މުއްސަނދިންނަށް ކޮންޓްރެކްޓް އުސޫލުން ނޯކަރުން ހޯދައިދޭ ކުންފުންޏަކާ ހަވާލާދީ، ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ، ކޮރޯނާވައިރަހާ ހެދި ގެނައި ލޮކްޑައުން ހާލަތުގައި، މަހުޖަނުން އެ ކުންފުންޏަށް ގުޅައި، އެ މީހުންގެ ޚިދުމަތްތެރިން އެ މީހުންނާ އެކު ކަރަންޓީންކޮށްދޭ އެދޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ވެކިޔުމް ކްލީނާ އަށް ކޮތަޅެއް ލައްވާލަން ވެސް ނޭނގޭ ކަމަށް ވެ އެވެ. އަދި ކުނިއަޅާ ކޮތަޅުތައް ބަހައްޓާފައި ހުންނަ ތަން ޚިދުމަތްތެރިން ކުރެން އަހައި އޮޅުންފިލުވައިދޭން ވެސް ބައެއް މީހުން އެދެ އެވެ.

މަހުޖަނުންގެ އާންމު ދިރިއުޅުމުގައި ވަށައިގެން ޚިދުމަތްތެރިން ތިބެ އެވެ. ގޭތެރެ ފޮޅައި ސާފުކުރަން ވަކި ބައެއް، ކާރު ސާފުކުރަން އަދި ދުއްވަން ވަކި މީހަކު އަދި ކައްކައި ސުފުރާ ހެޔޮވަރުކުރަން ބޮޑު ޓީމެއް ގެންގުޅެ އެވެ. މި ފެންވަރުގެ މަހުޖަނުންނަށް މިހާރު ޖެހިފައި އޮތް ހާލަތަކީ، އެއާކޮންޑިޝަން ހެޔޮަވަރުކޮށްލައި ބޮކިތަައް ނިއްވައިދޭ ޚިދުމަތްތެރިންނާ އެކު ކަރަންޓީންވުމެވެ.

ގައުމުތައް ކޮކްޑައުން ހާލަތަށް ގެންނައިރު، އެ މީހަކު، އެ މީހަކު އުޅޭ ތަނަކަށް ވަދެ ހަމަޖެހެން ޖެހެ އެވެ. އެހެން ނަމަވެސް، ވޯލް ސްޓްރީޓް ޖާނަލްގައި ކިޔަދީފަވާ ވާހަކާގައި، މަހުޖަނުން ގާތުގައި އުޅޭ ބައެއް ޚިދުމަތްތެރިންނަށް ވަނީ އެ މީހުންނާ އެކު ބަންދުވެ ދިރިއުޅެން ޖެހިފަ އެވެ. އެއީ އެ ހާލަތުގައި ޚިދުމަތްތެރިންނަށް އިތުރު އެލަވަންސްތައް ވެސް ލިބޭ ގޮތަށެވެ.