ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލާނެ ގޮތް ކިޔައިދީފި
ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލާނެ ގޮތް ކިޔައިދީފި

ކޮވިޑް-19 ގައި ރާއްޖެ އިން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ކިޔައިދީފި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައި ވިޔަސް، އޭގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް މަރެއް ނުވެ އެވެ. އަދި މާލެއިން އެ ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާތީ މާލެ ސަރަހައްދު އެއްކޮށް ވަނީ ލޮކްޑައުންކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައިވަނީ ކޮވިޑް-19 ގައި ރާއްޖެއިން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އެ މިނިސްޓްރީގެ އިލްމުވެރިން ކިޔައިދިނީ އެމްއެންޑީއެފް އިން އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށެވެ. އަދި އެކަން ކުރިއަށް ގެންދިިޔައީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އިސްލާމިކް މިނިސްޓްރީން ކިޔައި ދިންއިރު، އެ ބަލީގައި މަރުވާ މީހުންގެ އާއިލާތަކަށް އެ މީހުންގެ މޫނު ބެލުމުގެ ފުރުސަތު ދެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން ވަނީ ބުނެފަ އެވެ. އަދި މަރުވާ މީހުން ހިނެވުމުގެ ކަންކަން އައިސޮލޭޝަން ފެސިލިޓީތަކުގައި ވެސް ހުންނާނެ ކަމަށް އެންއޯއީސީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރިން ރާއްޖެއިން ބޭރުން އައި ފަސް ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެކަމަކު މާލެއިން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.