19 އެޕްރީލް 2020 - 18:15

ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެ، މާލެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗުގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗުގައި މީހަކު މަރުވެއްޖެ ނަމަ، މޫނު ދެކިލުމަށް ގިނަ އަދަދެއްގެ ބަޔަކު ކުރިން އެ ހޮސްޕިޓަލަށް ދާ ކަމަށެވެ. އެކަމަކު މާލެ ތެރޭގައި ބަލި ފެތުރި، ރެޑް އެލާޓުގެ ހާލަތަށް ދިޔުމާއެކު، ގިނަ ބަޔަކު ހޮސްޕިޓަލަށް ޖަމާވުމަކީ އާއްމުންނާއި މުވައްޒަފުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
އަދި މިއީ މާލޭގައި އާއްމުކޮށް ބަލި ފެތުރެމުންދާ ހާލަތަށް ބަލާއިރު، އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ. ހާލަތަށް ބަލައި، އައިޖީއެމްއެޗުން ވަނީ މިއަދުން ފެށިގެން އެކަން މަނާކޮށްފަ އެވެ.
"ވީމާ މި ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން، މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެ ނޫން ވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން، މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލު ކުރުމަށް ދެންނެވީމެވެ." އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މާލޭގައި މިހާތަނަށް ވަނީ ގިނަ ބަޔަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. އޭގެެ ތެރެއިން މިއަދު އެކަނި ވެސް 16 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެ އެވެ.