ދުނިޔެ އަށް މިހާލު ޖެހުނީ ޗައިނާގެ ސަބަބުން: ޓްރަމްޕް
ދުނިޔެ އަށް މިހާލު ޖެހުނީ ޗައިނާގެ ސަބަބުން: ޓްރަމްޕް

ވޮޝިންޓަން (އެޕްރީލް 19) - ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ މިއަދު އޮތް ހާލަތަށް ވެއްޓެން ޖެހުނީ ޗައިނާގެ ސަބަބުން ކަމަށާއި އެ ވައިރަހަކީ އެ ގައުމުން މާކުރިންސުރެ ވެސް ހުއްޓުވެން ޖެހޭނެ އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަހަކީ ޗައިނާ އަށް އެނގިގެންވީ ކަމެއް ނަމަ އެކަމުގެ އަގު އެ ގައުމުން އަދާކުރަން ޖެހޭނެ ކަމަށެވެ.

"މި ވައިރަސް ފެތުރުމުގެ ކުރިން ޗައިނާ އިން ހުއްޓުވަން ޖެހޭނެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފައެއް ނުވޭ. އޭގެ ނަތީޖާ މިއަދު މުޅި ދުނިޔެ ތަހައްމަލު ކުރަމުން މިދަނީ،" ޓްރަމްޕް ވިދާޅުވި އެވެ.

ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ފެނުނު ވައިރަހުގެ އަގު ޗައިނާއިން އަދާކުރަން ޖެހޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ މިއީ ޗައިނާއަށް އެނގިގެން ހެދި ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ޓްރަމްޕް ކުރިން ވަނީ ނޮވެލް ކޮރޯނާވައިރަހަކީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެކަމުގެ ތަހުގީގެއް ހިންގަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒާއޯ ލިޖިއަން ވިދާޅުވެފައި ވަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.

ޓްރަމްޕް ވަނީ ކޮރޯނާވައިރަހުގައި މަރުވާ މީހުންގެ އަދަދާ ގުޅޭ ގޮތުން ވެސް ޗައިނާ އިން ހަދަނީ ދޮގު ކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާ އިން ބުނަނީ ކޮންމެ 100،000 މީހަކަށް މަރުވެފައި ވަނީ 0.33 ޕަސެންޓް ކަމަށް. އެއީ ގަބޫލް ކުރެވޭނެ އަދަދެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ދެއްކެވި ޗާޓުގައިވާ ގޮތުން އެމެރިކާގައި ކޮންމެ 100،000 މީހަކަށް ވަނީ 11.24 ޕަސެންޓް މީހުން މަރުވެފަ އެވެ. ފްރާންސްގައި 27.92 ޕަސެންޓް އަދި ސްޕޭނުގައި 42.81 ޕަސެންޓް މީހުން މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގައި މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,347,887 މީހުން ޕޮޒިޓިވްވެ 161،138 މީހުން މަރުވެފަ އެވެ. އެމެރިކާ އިން ވަނީ 738,923 މީހުން ޕޮޒިޓިވްވެ 39،015 މީހުން މަރުވެފަ އެވެ. ޗައިނާ އިން ޕޮޒިޓިވްވީ 82,735 މީހުންނެވެ. އެ ގައުމުން މަރުވީ 4،632 މީހުންނެވެ.